ލިބޭ ބްލޮކް ގްރާންޓުން މަގު މަރާމާތު ނުކުރާތީ މާލެ އާއި އައްޑޫ ސިޓީ ކައުންސިލަށް މުއްތަލިބުގެ ފާޑުކިޔުން

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: އައްޑު އާއި މާލޭގެ ކައުންސިލަށް ބޮޑެތި ފާޑުކިއުންތަކެއްވަނީ އަމާޒުކުރައްވާފައި ... ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ މާލެ އާއި އައްޑޫ ސިޓީ ކައުންސިލުން މަގުތައް މަރާމާތުނުކުރާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ދޭއިރުވެސް މަގުތައް ނުބެލެހެއްޓޭކަމަށެވެ. މީގެ ރައްދުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކައުންސިލަށް ދޭ ގްރާންޓުން މުވައްޒަފުންނަށް މުސާރަވެސް ނުދެވޭކަމަށާއި، މިނިސްޓަރަށް އައްޑޫގެ ހާލަތު އެނގިވަޑައިނުގަންނަވާކަމަށެވެ. އަދި އައްޑޫ ލިންކް ރޯޑް ހެދުމަށް އާރްޑީސީއާ ހަވާލުކުރިތާ ދޮޅު އަހަރުވީއިރުވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.

  • މަގުތައް މަރާމާތުކުރުމަކީ ކައުންސިލްތަކުގެ ޒިންމާއެއްކަމަށް މިނިސްޓަރު ވިދާޅުވުން
  • ބޮޑު ބަޖެޓެއް ލިބި މަގުތައް ނުބެލެހެއްޓޭތީ ކައުންސިލްތައް ފެއިލްވެފައިވާކަމަށް ތުހުމަތުކުރުން
  • މިނިސްޓަރަށް އައްޑޫގެ ހާލަތު އެނގިވަޑައިނުގަންނަވާކަމަށް މޭޔަރު ނިޒާރު ރައްދުދެއްވުން
  • ކައުންސިލަށް ދޭ ގްރާންޓުން މުސާރަދޭންވެސް ނުފުދޭކަމަށް މޭޔަރު ވިދާޅުވުން
  • ލިންކް ރޯޑް ހަދަން އާރްޑީސީއާ ހަވާލުކުރިތާ ދޮޅު އަހަރުވީއިރުވެސް މަސައްކަތް ނުފެށޭކަން ފާހަގަކުރުން

މާލެ އާއި އައްޑޫ ސިޓީ ކައުންސިލުން އެ ފަރާތްތަކުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރަމުން ނުދާކަމަށް ވިދާޅުވެ، މިނިސްޓާ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އައްޑޫ ލިންކް ރޯޑުގެ މަސައްކަތާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް މިހާރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ކައުންސިލްތަކުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަށްރަށާއި ސިޓީތަކުގެ މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ސަރުކާރުގެ ވުޒާރާއަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނީގޮތުން އެ ރަށެއްގެ ކައުންސިލަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

"ސަރުކާރުގެ މިނިސްޓްރީއެއްގެ ޒިންމާއެއް ނޫން ރަށްރަށުގެ މަގުތައް މެއިންޓެއިންކޮށް ބެލެހެއްޓުމަކީ. އެއީ އެ ރަށެއްގައި އިންތިޚާބުކޮށްފައި އޮންނަ ކައުންސިލުގެ މަސްއޫލިއްޔަތެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި މަގުތައް ހަލާކުވެފައި ހުންނަ މައްސަލައަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކަށް ދައުލަތުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ބަޖެޓެއް ދޭއިރު، އޭގެ ފައިދާ ރައްޔިތުންނަށް ނުފެންނަ ކަމަށެވެ. ކައުންސިލްތަކަކީ ހަމައެކަނި ރައްޔިތުންނާ ވާހަކަދައްކަން ތިބޭ ބައެއްތޯ އާއި، އަމަލީ ގޮތުން ކުރަނީ ކޮން މަސައްކަތެއްތޯ މިނިސްޓަރު ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަށް މާލޭ ސިޓީ ކައުންސިލުން އެއްބާރުލުން ނުދޭކަމުގެ ތުހުމަތު ވެސް މިނިސްޓަރު ކުރެއްވިއެވެ. އެގޮތުން މަގު ފުޅާކުރުމަށް ޓަކައި މާރުކޭޓެއް ނަގަން އެދި ތަކުރާރުކޮށް ސިޓީ ފޮނުވުމުން ވެސް އެކަން ކޮށްފައި ނުވާތީ، އެ ސަރަހައްދުގެ މަގު ނިންމަން ޖެހުނީ ޕޭވްމަންޓާ ނުލައި ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދައުލަތުން ބޮޑު ބަޖެޓެއް ދޭއިރު، މަގުތަކުގައި ހުންނަ ކުދި ވަޅުގަނޑުތައް ބައްދާލެވޭނެ ފަދަ ނިޒާމެއް ކައުންސިލްގައި ނެތްނަމަ، އެ ކައުންސިލް އޮތީ ފެއިލްވެފައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ރަށްރަށުގައި ހުންނަ މެއިންޓެއިންކޮށް ބެލެހެއްޓުމަކީ އެއީ އެެރަށެއްގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލެއްގެ ޒިންމާއެއް. އެހެންވީމާ އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައި ހެން،" މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ވާހަކަތަކަށް ރައްދުދެއްވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މިނިސްޓަރަށް އައްޑޫ ލިންކް ރޯޑުގެ އެއްވެސް ކަމެއް އެނގިނުލައްވާނެ ކަމަށެވެ. އަދި އެފަދައިން ފާޑުވިދާޅުވެ ވާހަދެއްކެވިއިރު، އެކަމުގެ އެއްވެސް ހަގީގަތެއް އެނގިނުލައްވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ލިންކް ރޯޑު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި މަރާމާތުކުރަން ނަމެއްގައި އާރްޑީސީއާއި ހަވާލުަކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އެ ކުންފުންނާއި ހަވާލުކުރިތާ ދޮޅު އަހަރުވެގެން ދިޔައިރުގައި ވެސް އެއްވެސް މަސައްކަތެއް އަދިވެސް ނުކުރާކަމަށް ނިޒާރު ވިދާޅުވިއެވެ.

"މިނިސްޓަރު މަޖިލީހުގައި އައްޑޫ ސިޓީ ކައުންސިލްއޭ ވިދާޅުވެ ވާހަކަދެއްކެވީ މިތަނުގެ ހާލަތު އެނގިވަޑައިގެންހުރެތޯ؟ ނުވެސް އެނގޭނެ މިތަނުގެ އެއްވެސް ކަމެއް އެބޭފުޅާއަށް. ކައުންސިލަށް ދޭ ގްރާންޓުގެ ވާހަދައްކަވާއިރު، އެދޭ ގްރާންޓުން މުވައްޒަފުންނަށް ރަނގަޅަށް މުސާރަ ވެސް ނުދެވޭ. ހުރިހާ ކަމެއް މިކުރަނީ ކައުންސިލުން އާމްދަނީ ހޯދައިގެން އަމިއްލައަށް. މަގުތައް މަރާމާތު ކުރުން ވެސް ކުރިޔަށް އެބަގެންދަން ކައުންސިލުން. އެ ކަން ވެސް މި ކުރަނީ ކައުންސިލަށް ލިބޭ އާމްދަނީން." ނިޒާރު ރައްދު ދެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިފަދައިން މިނިސްޓަރު ނުރުހުން ފާޅުކުރެއްވިއިރު، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ އާއި އައްޑޫ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބިފައި އޮތީ ސަރުކާރާ އިދިކޮޅު އެމްޑީޕީއަށެވެ. އަދި މިހާރު ތިއްބެވީ ވެސް އެމްޑީޕީގެ މޭޔަރުންނެވެ.

comment ކޮމެންޓް