މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި

މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި -- ފޮޓޯ/ ހުސެން ހަސަން

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަމީންއާންމު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު (މަޓޭ) ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި ކަމަށާއި، އޭނާ މިވަގުތު އޮތީ ހޮސްޕިޓަލުގައި ކަމަށެވެ. އަދި މުޒާހަރާގައި، ބަންދުކުރި އެހެން ހުރިހާ ފަރާތްތަކެއް ޝަރުތެއް ނެތި މިނިވަންކުރުމަށް ތަކުރާރުކޮށް ގޮވާލާކަމަށް އޭނާ އެ ޕޯސްޓުގައި ލިޔުއްވިއެވެ.

މީގެ އިތުރުން، މަސްވެރިންނާއެކު އެކަށީގެންވާ މަޝްވަރާއެއް ފަށައި، އެމީހުންގެ ކަންބޮޑުވުންތައް ދެނެގަނެ ހައްލުކުރުމަށް، މި ސަރުކާރަށް ގޮވާލާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޒިންމާދާރު އަދި ތަހުޒީބީ ސަރުކާރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަސްވެރިންގެ މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު މައުރޫފު ހައްޔަރުކޮށްފައި ވަނިކޮށް، މިއަދު ވަނީ ހޮސްޕިޓަލަށް ގެންގޮސް އެމެޖެންސީއެއްގައި އޮޕަރޭޝަނެއް ކޮށްފައެވެ.

މި މައްސަލައިގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) 'ސަން' އަށް ވިދާޅުވެފައި ވަނީ މައުރޫފް އޮޕަރޭޝަނެއް ކުރީ ފުލުހުން ހައްޔަރުކޮށްގެން ގެންދިޔަފަހުން ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މަޢުރޫފް، ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އަދި ޑޮކްޓަރަށް ދައްކަން މަޢުރޫފް އެދިވަޑައިގަތީ ފުލުހުންގެ ބަންދުގައި ހުރިއިރު ދިމާވި ކަމަކާ ގުޅިގެން ނޫންކަމަށެވެ.

https://sun.mv/215244

އެމްޑީޕީން މިއަދު ބުނެފައި ވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ.

ނަމަވެސް، ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރީ ހަތަރު މީހުންކަން ފާހަގަކޮށް އެމްޑީޕީން ވަނީ، އިތުރު ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުނުކޮށް، ބަންދުގައި ބައިތިއްބާފައި ވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ތުހުމަތުކޮށްފައެވެ.

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޒާކިރާއި ބައެއް މަސްވެރިން ހައްޔަރުކުރި މައްސަލަ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ޖަމިއްޔާ، އައިއެލްއޯއަށް އެމްޑީޕީން ވަނީ ހުށައަޅާފައެވެ.

comment ކޮމެންޓް