ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީ މަހުގެ ދެވަނައަށް އަންނަ ހުކުރު ދުވަހަކީ ދުނިޔޭގެ ގިނަ ބަޔަކު 'ކުއިޓާސް ޑޭ'ގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް އާންމުކޮށް ފާހަގަކުރަނީ އާ އަހަރަށް ހާސިލުކުރަން ކަނޑައެޅުނު ކަންކަން މަތިން ގިނަ ބަޔަކު ހަނދާން ނެތި އެ ކަންކަން ހާސިލުކުރެވޭނެކަމުގެ މާ ބޮޑު އުންމީދެއް ނެތުމާ ގުޅިގެންނެވެ.
އެމެރިކާގެ އިތުރުން ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފާހަގަކުރާ 'ކުއިޓާސް ޑޭ'އަކީ ބައެއް މީހުން އާ އަހަރަށް ކަނޑައެޅި ކަންކަން އިވެލުއޭޓުކުރުމުގައި އަވަދިނެތި އުޅޭ ދުވަހެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަކުރެއެވެ.
ބައެއް ފިޓްނަސް އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ވައްޓަފާޅިތައް ދިރާސާކުރާ ޑޭޓާ އެނަލިސްޓުން ދެކޭގޮތުގައި މި ދުވަހަކީ މިހާރު ވަރަށް ބޮޑަށް އާއްމުވެފައިވާ ޓްރެންޑެކެވެ.
ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަރަށް ފޯރިއާ އެކު އާ އަހަރަށް ހާސިލުކުރަން ކަނޑައެޅި ކަންކަން ފުރިހަމަ ނުވާނެ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެނީ ކުއްލިއަކަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތައް ގެންނަންޖެހި ކުރިމަތިވާ ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށް ދިރާސާވެރިން ދެކެއެވެ.
މި ދުވަހާ ގުޅުވައިގެން ހާސިލުކުރަން ބޭނުންވެގެން ތައްޔާރުކުރި ލިސްޓުން ބައެއް ކަންކަން އުނިކޮށްލުމަކީ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެއީ ޤުދުރަތީ ގޮތުން ވެސް އަހަރުމެންގެ ތަބީޢަތާ ގުޅުންހުރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
ބައެއް ފަހަރު ހާސިލުކުރަން ބޭނުންވާ ކަންކަމަކީ ތަންކޮޅެއް 'އަންރިއަލިސްޓިކް' ކަންކަމުގެ ގޮތުގައި އަމިއްލަ ނަފުސަށް ގަބޫލުކުރެވި އަމިއްލަ ނަފުސަށް ކުރެވޭ ޕްރެޝަރު ބޮޑުވެ، އެކަންކަން ދޫކޮށްލެވޭ ފަހަރު ވެސް އަންނާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
'ކުއިޓާސް ޑޭ'އިން ދަސްކުރެވިދާނެ ފިލާވަޅުތަކުގެ ތެރޭ ތިމާއަށް ނުކުރެވޭނެ ކަމަށް ގަބޫލުކުރެވޭ ކަންކަމުގެ ފަހަތުގައި ފޮރުވިފައިވާ ހަގީގަތްތައް ދެނެގަންނަން މަސައްކަތް ފެށިދާނެއެވެ. ބައެއް މީހުން 'ނިއު އިއާ ރިޒޮލިއުޝަން'ގެ ގޮތުގައި ކަނޑައެޅި ކަންކަމަކީ އެއް ބަޔަކަށް ފަސޭހަކަންކަމަށްވާއިރު އަނެއް ބަޔަކަށް އެއީ ވަރަށް މަސައްކަތުން ހާސިލު ކުރެވޭ ކަންކަމެވެ.
އެހެންކަމުން 'ކުއިޓާސް ޑޭ'ގައި އަޒުމް ކަނޑައަޅަންވީ ހަގީގަތާ އެއްގޮތް ކަންކަން ހާސިލުކުރުމަށާއި، ދިރިއުޅުމުގައި ކޮންމެ ކަމެއް ވެސް ބަދަލުވެދާނެ ކަމަށް ވިސްނައިގެން ކަންކަން ނިންމުމުގެ އިތުރުން ކިތަންމެ ކުޑަ މިންވަރެއް ކާމިޔާބުކުރެވުނު ނަމަވެސް އެކަންކަމާ މެދު އުފާ ފާޅުކުރުމަށެވެ.