ޓޮމާޓޯއަކީ މޭވާއެއްގެ ގޮތުގައި ބެލެވުނު ނަމަވެސް ކެއުންތަކުގައި ހިމަނާލަނީ ތަރުކާރީގެ ބާވަތެއްގެ ގޮތުގައެވެ.
އާއްމުގޮތެއްގައި ބާޒާރުން ފެންނަން ހުންނަނީ ގަދަ ރަތް ކުލައެއްގެ ޓޮމާޓޯ ކަމަށް ވިޔަސް ބައެއް ޤައުމުތަކުގައި ހައްދާ ޓޮމާޓޯގެ ކުލަތަކުގެ ތެރޭ ރީނދޫ، އޮރެންޖު، ފެހި އަދި ދަނބުކުލަ ހިމެނެއެވެ.
އެކި ކުލަތަކުގެ އިތުރުން ޓޮމާޓޯއަކީ އެކި ސައިޒުތަކަށް ހެދޭ އަދި އެކި ބައްޓަމަށް ހެދޭ ބާވަތެކެވެ. މިއިން ކޮންމެ ވައްތަރަކީ ވެސް ރަހައިގައި ތަފާތު ކަމެއް އެކުލެވޭ ބާވަތެކެވެ.
އައިސްލޭންޑްގެ ރެޖިސްޓަޑް ޑައިޓީޝަން ނިއުޓްރިޝަނިސްޓް (އާރްޑީއެން) ކަމަށްވާ ޑރ. އަހްތާ ބިޔާރުނަދޯތިއަގެ ލިޔުމެއްގައި ޓޮމާޓޯއިން ލިބޭ ފައިދާތައް ވަރަށް ތަފުސީލުކޮށް ވަނީ ކިޔައިދީފައެވެ.

ޓޮމާޓޯ އަކީ ގޭގައި ތައްޔާރުކުރާ ގިނަ ސެލެޑްތަކުގައި އެންމެ މުހިއްމު އެއް ބާވަތް--ފޮޓޯ/އޯލްރެސިޕީސް
އެގޮތުން ޓޮމާޓޯގެ 95 އިންސައްތަ އަކީ ފެން ކަމަށްވާއިރު އަނެއް ފަސް އިންސައްތަ ކާބޯހައިޑްރޭޓްސް އަދި ފައިބާގެ މާއްދާތަކުން މުއްސަނަދިވެފައިވާ ކަމަށް މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.
އެންމެ 100 ގްރާމްގެ ޓޮމާޓޯއެއްގައި އެކުލެވޭ ނިއުޓްރިއެންޓްސްގެ މާއްދާތަކަށް ބަލާލާއިރު 18 ގްރާމް ކެލޮރީސް، 95 އިންސައްތަ ފެން، 0.9 ގްރާމްސް ޕްރޮޓީން، 3.9 ގްރާމްސް ކާބްސް، 2.6 ގްރާމްސް ހަކުރު، 1.2 ގްރާމްސް ފައިބަ އަދި 0.2 ގްރާމްސް ފެޓް ހިމެނެއެވެ.
ތާޒާކޮށް ބާޒާރުން ލިބެން ހުންނަ ޓޮމާޓޯތަކަކީ އޭގައި ކާބްސް ވަރަށް ދަށް ބާވަތަކަށް ވުމުގެ އިތުރުން ފެނުގެ މާއްދާ ވަރަށް ބޮޑަށް އެކުލެވޭ މޭވާއެކެވެ.
ޓޮމާޓޯގައި އެކުލެވޭ ވިޓަމިންސް އާއި މިނަރަލްސްއަށް ބަލާއިރު ވިޓަމިން ސީ، ޕޮޓޭސިއަމް، ވިޓަމިން ކޭ1، ވިޓަމިން (ބީ9)ގެ މާއްދާއެއް ކަމަށްވާ ފޮލޭޓް ހިމެނެއެވެ.

ސެލެޑްތަކާއި ބޮޑެތި ކެއުންތަކުގައި ހިމެނުމުގެ އިތުރުން ޓޮމާޓޯ އަކީ ހުހަށް ވެސް ގިނަ ބަޔަކު ކާ މޭވާއެއް--ފޮޓޯ/މޮޑާންގާނާ
ޒަމާނުއްސުރެ އަޅުގަނޑުމެން ދިވެހީން ޓޮމާޓޯ ބޭނުންކުރަމުން އައީ ރިހަ ނުވަތަ ކިރުގަރުދިޔަ ކަހަލަ ކެއުންތައް ތައްޔާރު ކުރުމަށް ކަމުގައިވީ ނަމަވެސް މި ފަހަކަށް އައިސް އެކި ވައްތަރުގެ ސަޓަނި ތައްޔާރު ކުރުމަށް ޓޮމާޓޯ ބޭނުން ކުރުމުގެ އިތުރުން ހުހަށް ކެއުމަށް ވެސް ޓޮމާޓޯ ބޭނުންކުރެއެވެ.
ޓޮމާޓޯގައި އެކުލެވޭ އިތުރު އެހެނިހެން މާއްދާތަކަށް ބަލާއިރު ޓޮމާޓޯގެ ބޭރު ފަށަލައިގައި ހިމެނޭ ނަރިންޖެނިން ކިޔާ މާއްދާގެ ސަބަބުން ހަށިގަނޑުގެ އިންފްލެމޭޝަން ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. ހަމައެއާއެކު ޓޮމާޓޯގައި އެކުލެވޭ ކްލޮރޮޖެނިކް އެސިޑަކީ ވަރަށް ބާރުގަދަ އެންޓިއޮކްސިޑެންޓް ކޮމްޕައުންޑެކެވެ.
އޭގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ.
ޓޮމާޓޯއިން ލިބިދޭ އިތުރު ސިއްހީ ފައިދާތަކަށް ބަލާއިރު ހަމުގެ ބަލިތަކުން ރައްކާތެރިކަން ހޯދައިދީ، ހިތުގެ ބަލިތަކުން މީހާ ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.
ޑރ.އަހްތާގެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި ޓޮމާޓޯއަކީ އާއްމުގޮތެއްގައި ސައިޑް އެފެކެޓް މަދު މޭވާއަކަށްވީ ނަމަވެސް ވަރަށް މަދު މަދުން މި މޭވާއަށް އެލާޖިކް މީހުން ފެނެއެވެ. މިފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ވީހާ ވެސް އަވަހަކަށް ސިއްހީ މާހިރެއްގެ އެހީ ހޯދުމަށް ޑރ. އަހްތާ ވަނީ އިރުޝާދު ދީފައެވެ.