ބާޒާރުން ގެއަށް ގަންނަ ތަރުކާރީއާ މޭވާ ރަނގަޅަށް ދޮވެލުމަށް އާއްމުގޮތެއްގައި އަޅުގަނޑުމެން ކުރާ ކަމަކީ ރީތި ފެނުން އެ ތަކެތި ދޮވެލުމެވެ.
ނަމަވެސް ތަފާތު އެކި ދިރާސާތައް ދައްކާގޮތުގައި މިއީ މިކަން ކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އާދައިގެ ރީތި ފެނުން ތަރުކާރީ އާއި މޭވާ ދޮވެލުމުން އޭގައި ހުންނަ ޖަރާސީމުތައް ދޮވެލެވި ހަޑިވެފައި ހުންނަ ތަނެއް ދޮވެލެވުނަސް ޕެސްޓިސައިޑްސް އޭގައި ހުންނާނެއެވެ.
އެއްވެސް ކެމިކަލެއް ބޭނުން ނުކޮށް ހުންނަ ތަރުކާރީއެއް ނުވަތަ މޭވާއެއް މިހާރު ކާލަން ލިބުމަކީ ވަރަށް ދަތި ކަމަކަށް ވުމުން ގެއަށް ގަންނަ މިފަދަ ގިނަ ބާވަތްތަކަކީ އޭގައި ގިނަ ޢަދަދަކަށް ޕެސްޓިސައިޑް އަދި ފާޓިލައިޒާއިން ތައައްޔަރުވެފައި ހުންނަ ބާވަތްތަކެކެވެ.
ބޭރު ދުނިޔޭގެ ބައެއް ޤައުމުތަކަށް ބަލާއިރު އެމެރިކާ ފަދަ ޤައުމުތަކުގައި ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ބާރު އަޅަނީ ބާޒާރަށް ނެރޭ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެތެރެއިން ޕެސްޓިސައިޑްސް ހުންނަ ބާވަތްތައް ވަކި ޤަވައިދެއްގެ ދަށުން ނައްތާލުމަށްފަހު ބާޒާރަށް ނެރުމަށެވެ.

ކޮންމެ ބާވަތެއްގެ މޭވާ އާއި ތަރުކާރީ ވެސް ބޭނުންކުރަން ވާނީ އޭގައި ހުންނަ ޖަރާސީމުތައް ރަނގަޅަށް ނައްތާލުމަށްފަހު--ފޮޓޯ/ޕިންޓްރެސްޓް
ގެއަށް ގަންނަ މިފަދަ ބާވަތްތަކުގައި ހުންނަ ޕެސްޓިސައިޑްގެ އަސަރު ނައްތާލަން ބޭނުންވާނަމަ އަޅުގަނޑުމެންނަށް ސަމާލުކަން ދެވިދާނެ ބައެއް ކަންކަމުގެ ތެރޭ ބައެއް މޭވާ އާއި ތަރުކާރީގެ ބޭރު ފަށަލަ ނައްތާލެވިދާނެއެވެ.
ގެއަށް ގަންނަ މޭވާ އާއި ތަރުކާރީ އަކީ އޯގަނިކް ތަކެއްޗަށްވީ ނަމަވެސް ރީތިކޮށް ފެނުން ދޮވެލުމަށް ކޮލެޖު އޮފް ނޭޗަރޮޕެތިކް މެޑިސިންގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ލަފާ ދީފައެވެ.
ފިހާރަތަކުން މިހާރު ލިބެން ހުންނަ ބައެއް ފަތްޕިލާވެއްޔަކީ ދޮވެލުމަށްފަހު ބަންދުކޮށްފައި ހުންނަ ތަކެތި ކަމަށް ލިޔެފައި ހުއްޓަސް ރީތި ފެނުން ދޮވެލުމަށް މި ލިޔުމުގައި ވަނީ އިރުޝާދުދީފައެވެ. ސަބަބަކީ ބައެއްފަހަރު މި ފަދަ ސެލެޑް ޕެކްތައް ދޮވެފައި ހުންނަނީ ކްލޮރީން ފެން ބޭނުންކޮށްގެން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
ރޯދަ މަހަކީ ގެއަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކޮންމެ ދުވަހަކު ވެސް ގަންނަ މަހަކަށް ވުމުން ގަންނަ މިފަދަ ބާވަތްތައް ލޮނު ފެނުގައި ކުޑައިރުކޮޅަކަށް ބެހެއްޓުމުން އޭގައި ހުންނަ އެންމެ އާދައިގެ ޕެސްޓިސައިޑްސްގެ 10 އިންސައްތަ ނައްތާލެވޭނެ ކަމަށް ކޮލެޖް އޮފް ނޭޗަރޮޕެތިކްއިން ނެރުނު ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ދެ ޖޯޑުގެ ފެނުގެ ތެރެއަށް އަ ސައިސަމުސާ ބޭކިން ސޮޑާ އެޅުމަށްފަހު އެ ފެނުގެތެރޭގައި 15 ވަރަކަށް މިނެޓް ވަންދެން ތަރުކާރީ އާއި މޭވާތައް ބެހެއްޓިދާނެއެވެ.
ހަމައެއާއެކު ފެނުގެތެރެއަށް ވިނެގާ އެޅުމަށްފަހު 20 މިނެޓް ވަންދެން ތަރުކާރީ އާއި މޭވާތައް ބަހައްޓާލުމަށްފަހު ރީތި ފެނުން ދޮވެލުމުން ވެސް އޭގައި ހުންނަ ޕެސްޓިސައިޑްސްގެ އިތުރުން ޖަރާސީމުތައް ނައްތާލުމަށް އެހީތެރިވެދެއެވެ.