މަސްތުވާތަކެތި ބޭނުންކުރާ މީހުން އިތުރުވި ނަމަވެސް، ފަރުވާދޭ މަރުކަޒުގައި ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށް ނެޝަނަލް ޑުރަގު އެޖެންސީ (އެންޑީއޭ)ގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ލުބްނާ ވިދާޅުވީ، ރިހެބިލިޓޭޝަން ސެންޓަރު އެންމެ ފުރަތަމަ 1997 ވަނަ އަހަރު ބިނާ ކުރީއްސުރެ މިއަދާ ހަމައަށް އިމާރާތަށް އެއްވެސް ބަދަލެއް ނައިސް އޮތް އޮތުމަކީ، އެންޑީއޭގެ ފަރުވާގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.
"މުޅި ޑީޕީއާރުސީގެ ކެޕޭސިޓީއަކީ 205 އެކަމަކު މަސްތުވާތަކެތި ނަގާ މީހުންގެ އަދަދުތަކާއި އަދި ފަރުވާ ދޭންޖެހޭ މީހުންގެ އަދަދުތަކަށް ބަލައިލާއިރު ޖާގައިގެ ދަތިކަންވަރަށް ބޮޑަށް ދިމާވޭ," އޭނާ ވިދާޅުވިއެވެ.
"ރީހެބް ސެންޓަރަކީ ވަރަށް ކުރިން ހަދާފައިވާ އިމާރާތަކަށްވެފައި ފާއިތުވި 10 ނޫނީ 15 އަހަރު ވެސް ނެތް އެއްވެސް ވަރަކަށް ސްޓްރަކްޗާއަށް ބަދަލެއް ގެނެސްފައެއް. 1997 ވަނަ އަހަރު އަޅާފައި ހުރި އިމާރާތް އަދި ވެސް ހުރީ،"
އެހެންވެ، ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދަން، ރީހެބް ސެންޓަރުގެ ސްޓްރަކްޗާ ބަދަލުކޮށް، ޖާގަ އިތުރުކޮށްގެން ހިންގުން ހަރުދަނާކުރުމުގެ މަސައްކަތަށް މި އަހަރު ބޮޑު އިސްކަމެއް ދޭނެ ކަމަށް ލުބްނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވައްދަން ފުލުހުންނާ ގުޅިގެން އެންޑީއޭއިން ވަނީ މިދިޔަ އޮކްޓޫބަރު މަހު ޚާއްސަ އޮޕަރޭޝަނެއް ވެސް ފަށައިފައެވެ.
ލުބްނާ ވިދާޅުވީ، މި އޮޕަރޭޝަން ނިންމާލާނެ ވަކި ތާރީޚެއް ކަނޑައަޅާފައިނުވާ ކަމަށާއި މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދޭނެ ކަމަށެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައެވެ.