14 ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ޒީނާ ބުނީ، ޑުރަގު ފެނުނު އެޕާޓްމަންޓާ އޭނާއާ ގުޅުމެއް ނެތް ކަމަށް

14 ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި ޒީނާ: އޭނާ ބުނީ ޑުރަގު ފެނުނު އެޕާޓްމަންޓާއި އޭނާއާ ގުޅުމެއް ނެތް ކަމަށް -- ފޮޓޯ/ ފުލުހުން

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 14 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ޒުވާން އަންހެން ކުއްޖާ، މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓާއި އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޝަރީއަތުގައި ބުނެފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ، ހއ. ތުރާކުނު / އާހިޔާ، އުމުރުން 23 އަހަރުގެ މަރްޔަމް ޒީނާއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފެބްރުއަރީ 19، 2024ގައެވެ. އޭރު ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތި ވިޔަފާރިކުރި ކަމުގެ ތުހުމަތެވެ.

އެންމެ ފުރަތަމަ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހިއެވެ. އެއަށްފަހު، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފައެވެ.

https://www.sun.mv/202862

ޝަރީއަތުގައި އޭނާ ބުނެފައި ވަނީ މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި ޑީއެންއޭ ފަދަ ހެކި ހުންނަންވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. އެއާއެކު އެ މައްސަލައިގެ އިންވެސްޓިގޭޓިވް އޮފިސަރު ވަނީ ޑީއެންއޭ ތަހުލީލު ކުރިއަށްދާ ކަމަށް ބުނެފައެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ މުޖުތަމައުގެ ސަލާމަތަށްޓަކައި ބަންދުގައި ބެހެއްޓުމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭ ގޮތުގައި އޭނާއަށް އެ މައްސަލައިގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ވަނީ ހުށަހަޅައިފައެވެ. އެގޮތުން ތަހުގީގު ބަޔާނާއި، ސޯކޯ ރިޕޯޓާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓު ވަނީ ހުށަހަޅައިފައެވެ.

ހަމައެއާއެކު އޭނާއަށް ބޭސްފަރުވާ ދީފައިވާކަން އެނގޭ ލިޔުން ވެސް ފުލުހުންގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

comment ކޮމެންޓް