ކ. ހިންމަފުށީގައި ހުންނަ ޑުރަގު ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެވޭ ވަރަށް ވުރެ، އެ ތަނުގެ ހާލަތު ދަށްކަން ހާމަވެއްޖެއެވެ.
ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިމާންޑް ރިޑަކްޝަން މާސްޓާ ޓްރެއިނާ އަލީ އަދީބް ވަނީ އެ ތަނުގެ ހާލަތު ވަރަށް ތަފުސީލުކޮށް "ސަން"އަށް ކިޔައިދެއްވާފައެވެ.
އޭނާ ކިޔައިދެއްވި ގޮތުގައި، އެ ސެންޓަރުގެ ހާލަތު ހުރީ ވަރަށް ގޯސްކޮށެވެ. އަދި ވަރަށް ބޮޑަށް ދުވަސްވެ ވީރާނާ ވެސް ވެފައެވެ.

ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓރުގެ ފެންވަރާ ބައި ---- ފޮޓޯ/ ފާތިމަތު ސާއިރާ، ފޭސްބުކް
އެގޮތުން، 2011 ވަނަ އަހަރު މަސްތުވާތަކެތީގެ އައު ގާނޫނު ތަސްދީގުކުރި ފަހުން މިހާތަނަށް އައި އިރުގައި ވެސް އެ ސެންޓަރު ހިންގާ އިމާރާތަށް އެއްވެސް ކުރިއެރުމެއް ނާންނަކަމަށް އަދީބް ފާހަގަކުރެއްވިއެވެ.
އެތަނުގައި ބޭނުންކުރާ ފެނުގައި ވެސް ނުސާފުކަމެއް ހުންނަ ކަމަށާއި އެ މައްސަލައިގެ ސަބަބުން ކުރިން ފެން ޕްލާންޓެއް ބެެހެއްޓި ނަމަވެސް، އެ ފެން ޕްލާންޓު ވެސް ހަލާކުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެހެންވެ މިހާރު އެ ސެންޓަރުގެ މީހުން ފެން ބޭނުންކުރަނީ ގަނެގެން ކަމަށް އަދީބް ވަނީ ވިދާޅުވެފައެވެ.

"ކޮންމެ ބަޔަކު [ސަރުކާރަކުން] ވެސް ހަދާ ގޮތަކީ އެތާ ހަމަ މަލަން އަޅާލަނީ. އެތާ އުޅޭ މަދިރިއެއް ވާނެ ހެލިކޮޕްޓަރެއް ވަރު. އެވަރުގެ ބޮޑެތި މަދިރި އުޅޭނެ. އެއްފަހަރު ފާހަނާ ފްލަޝްޓޭންކު އަބަދު ވެސް އިންނާނީ ހަލާކުވެފައި. ފެން ހިފައިގެން ވަންނަން ޖެހޭނީ. ބާރާބަރަށް މަސައްކަތް ކުރާ ފާހަނާތަކެއް ނުހުންނާނެ،"
އެއާއެކު، އަދީބް ވިދާޅުވީ އެ ސެންޓަރުގައި ކެއުމުގެ އިންތިޒާމުތައް ވެސް އޭނާ ދެކިލައްވާ ގޮތުގައި ރަނގަޅު ނޫން ކަމަށެވެ. އެއީ، އެ ސެންޓަރުގައި ކާއެއްޗެހި ފޯރުކޮށްދެނީ ފަރުވާ ހޯދަންދާ މީހުންގެ ސިއްހަތަށް ރިއާޔަތް ކުރުމެެއްނެތި ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަރުވާއަށް ދާ ބައެއްގެ ކެއުމާ އެއްޗެހި ހުންނަން ޖެހޭނީ. ފަރުވާ ދާ ބައެއްގެ ސިއްހަތާ ގުޅުވާފައި ދެއްތޯ. މިހާރު އަޅުގަނޑުމެނަށް މި އިންނަނީ ވަރަށް ބޮޑަށް އެއްކަލަ ބެލެނިވެރިންނަށް ދައްކާލުން. ކާން ތެލާ އޭތި މީތި ކުއްޖާ އީދަށް ކަތިލާ ހާލެއްހެން ހަދާލީމައި ބެލެނިވެރިން ވެސް ބުނަނީ އައްދެ ހާދަހާ ރަނގަޅޭ ކުދިން ތިބީ ފަލަ ވެސް ވެފައޭ،" އަދީބު ވިދާޅުވިއެވެ.
"އަޅުގަނޑު ހަމަ ބުނެލަން އޮތީ ކަމެއް ވެގެން ބަލިވެގެންދާ ބަޔަކަށް އޮންނަ ފަރުވާއަށް ފޯކަސް ކުރެވޭނީ ބޭސިކް ނީޑްސް ރަނގަޅުވެގެން ދެއްތޯ. މިސާލަކަށް ފުރަތަމަ ފެންވަރާލަން ލިބިގެން ދެއްތޯ. ފާހަނާ ރަނގަޅަށް ކޮށްލެވިގެން ދެއްތޯ. ރީޗަށް ނިދާލެވިގެން ދެއްތޯ. އެކަހަކަ ކޮންޑިޝަނެއްގެ އެންވަޔަމެންޓެއް ނެތިއްޔާ ކިހިނެތްތޯ ބަޔަކު ފަރުވާ އަށް ފޯކަސް ކުރާނީ،"
އޭގެއިތުރުން، މިފަހުން ނެޝަނަލް ޑްރަގް އެޖެންސީގެ ބޯޑުން އެ ސެންޓަރަށް ޒިޔާރަތްކުރިކަން ފާހަގަކުރައްވައި، އަދީބް ވިދާޅުވީ، އެތަނުގެ ހާލަތު އެބޭފުޅުންނަށް ފެނުމުން އެ ކަން ރަނގަޅު ކުރާ ވާހަކަދެއްކި ކަމަށެވެ.
މިހާތަނަށް މިކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ބަހެއް ލިބިފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ފެންވަރު ދަށްވެގެން އެ ފަދަ މައްސަލަތައް ރިޕޯޓުކޮށްފައިވެއެވެ.