ހިޔާ ފުލެޓު ލިބުނު ސިފައިންނަށް ސިފްކޯ ހިޔާ ފުލެޓު ނުދޭން ނިންމި ނިންމުން ބަދަލުކޮށް، އެ ފުލެޓުތައް ދޫކުރިކަން އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމަކުން ހާމަވެއްޖެއެވެ.
މި މައްސަލައަކީ 2014 ވަނަ އަހަރު ސިފްކޯ ފުލެޓުތައް ލިބޭ ސިފައިން ކަނޑައަޅައި، ޑައުންޕޭމަންޓްގެ ގޮތުގައި 91،000 ރުފިޔާ ދައްކާފައިވަނިކޮށް، ހިޔާ މަޝްރޫއުގެ ދަށުން އިތުރު ފުލެޓެއް ލިބުނު މައްސަލައެކެވެ. އެހެންވެ، ސިފްކޯ ފުލެޓު ނުދޭން ނިންމުމުން ސިފައިންގެ ދެ މީހަކު ވަނީ ސިފްކޯއާ ދެކޮޅަށް ދައުވާކޮށްފައެވެ.
އެކަމަކު، ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުން އެނގުނު ގޮތުގައި ސިފްކޯއިން ވަނީ އެ ދެ މީހުންނަށް ސިފްކޯ ފުލެޓު ދޭން ނިންމައިފައެވެ. މިހާރު ވަނީ ފުލެޓު ހަވާލުކޮށް އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ދަނިކޮށް ފުލެޓް ދޭން ސިފްކޯއިން ނިންމައި އޭގެ އެއްބަސްވުމުގައި ސޮއިކުރުމާ ގުޅިގެން އެ ދެ މީހުން ވެސް ވަނީ ދައުވާ އަނބުރާ ގެންގޮސްފައެވެ.
އެންމެ ފުރަތަމަ ދެ މީހުން ދައުވާކުރިއިރު ބުނެފައިވަނީ ސިފްކޯ ފުލެޓަށް އެދުނުއިރު އަދި ފުލެޓު ލިބޭނެ ކަމަށް ލިޔުން ދޫކުރިއިރު ނެތް ޝަރުތެއް ކުރިމަތިކުރުވައި ފުލެޓު ނުލިބޭނެ ކަމަށް ނިންމި ނިންމުމަކީ ބާތިލުވާނެ ކަމެއް ކަމަށެވެ. ސިފްކޯ ފުލެޓުގެ ތަޅުދަނޑި ހަވާލުކޮށް އެއްބަސްވުން ހަދަން އަމުރުކުރަން އެ ދެ މީހުން އެދުނެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން "ސަން" އަށް ބުނީ، ހިޔާ މަޝްރޫއިން ފުލެޓު ލިބުނު އެއްވެސް ސިފައިންގެ މީހަކަށް ސިފްކޯއިން ފުލެޓު ދޫކޮށްފައި ނުވާނެ ކަމަށެވެ.
އޭގެ ތަފުސީލު ހިއްސާކޮށް އެމްއެންޑީއެފުން ބުނީ، ސިފައިންގެ ދެމަފިރިއަކަށް ދެ ތަނުން ބޯހިޔާވަހިކަމެއް ލިބިފައި އޮވެދާނެ ކަމަށެވެ. ނަމަވެސް، ސިފައިންގެ އެކަކަށް ދެ ތަނަކުން ބޯހިޔާވަހިކަމެއް ލިބިފައިނުވާނެކަމުގެ ޔަގީންކަން ވަނީ ދީފައެވެ.
ސިފައިންގެ އޮފިސަރުންނަށް ޚާއްސަކޮށް ހުޅުމާލޭގައި ތަރައްގީކުރި ސިފްކޯ ހިޔާ ފުލެޓުތަކުގެ ތަޅުދަނޑި ސެޕްޓެމްބަރު 2023 ގައި ވަނީ ހަވާލުކުރަން ފަށައިފައެވެ. އެއަށް ފަހު މި ސަރުކާރު އައުމަށް ފަހު ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދައްކަން ފަށަން ޖެހޭ ތާރީޚު އެއް އަހަރަށް ސަރުކާރުން ވަނީ ފަސްކޮށްދީފައެވެ.
ސިފައިންނާއި، ފުލުހުންނަށް ޚާއްޞަ ހައުސިން މަޝްރޫއެއް ހިންގުމަށް ނިންމައި އެ ފްލެޓުތައް އިމާރާތް ކުރަން ފެށީ 2013 ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެންނެވެ. ނަމަވެސް، އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސް 2016 ވަނަ އަހަރު އެ އެއްބަސްވުން ވަނީ އުވާލާފައެވެ.
ފަހުން، ސިފައިންގެ ފްލެޓުތައް ނިންމާފައިވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫއުތަކުގެ ދަށުން އިމާރާތްކުރި ތިން ޓަވަރުގައި ޖުމުލަ 691 އެޕާޓްމެންޓު ހިމެނެއެވެ. އޭގެ ތެރެއިން ސިފައިންނަށް ހާއްސަކޮށްފައިވަނީ 330 ޔުނިޓެވެ. މި މަޝްރޫއުގައި މުޅިން ވެސް ހިމެނެނީ 1100 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓެވެ.