ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދައްކަން ފަށަން ޖެހޭ ތާރީޚު އެއް އަހަރަށް ސަރުކާރުން ފަސްކޮށްދީފިއެވެ.
މިދިޔަ މަހުގެ 17ގައި ވެރިކަމުގެ ހުވާ ކުރެއްވި ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރަށް ހަތަރު ހަފުތާ ފުރުމާ ގުޅިގެން، މި މުއްދަތަށް ސަރުކާރުން ފުރިހަމަ ކުރަން ނިންމާފައިވާ ކަންތައްތައް ކުރިއަށްގެންދެވިފައިވާ މިންވަރު މިއަދު ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވަނީ ހާމަކުރައްވާފައެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ އެ ދެ މަޝްރޫއަށް ދޫކޮށްފައިވާ ޓްރެޝަރީ ލޯން އަނބުރާ ދެއްކުން އެއް އަހަރުގެ ގްރޭސް ޕީރިއަޑަކަށް ފަސްކޮށް، ރީސްޓްރަކްޗާ ކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
"މި ވައުދާ އެއްގޮތަށް މި ޓްރެޝަރީ ލޯންތައް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް މާލީ ވުޒާރާއިން ކުރަމުން ގެންދަވާނެ އަދި ކުރިއަށް އޮތް އަހަރު ދުވަހު ފްލެޓުތައް ލިބުނު ފަރާތްތަކުން އިންޓްރެސްޓް ނުހިނގާ ގޮތަށް ކުލި ދެއްކުން ފަސްކުރެވިފައިވާކަން ފާހަގަކޮށްލަން ބޭނުން،" ފިރުޒުލް ވިދާޅުވިއެވެ.
ފުލުހުންގެ ބޯހިޔާވަހިކަމަށް އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ މަސައްކަތް އާ އަހަރު ފެށެންވާއިރަށް ނިންމައިލެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން މަސައްކަތްކުރަމުން އަންނަނީ މި މަހުގެ ފަހުކޮޅު ނުވަތަ، އާ އަހަރަށް އެ މަސައްކަތް ނިންމައި އެ ތަންތަނަށް ފުލުހުންނަށް ވަދެވޭވަރުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް ޚާއްސަކޮށްގެން އިމާރާތްކުރާ ފްލެޓުތައް އިމާރާތްކުރުމަށް (ޕޮލިސް ކޯޕަރޭޓިވް) ޕްލޮކޯ ކުންފުންޏާ ހަވާލުކުރީ 2012 ވަނަ އަހަރުގައެވެ. ނަމަވެސް މަސައްކަތް ލަސްވެ މިއަދާ ހަމައަށް އައި އިރު ވެސް މުޅި މަަސައްކަތް އެއްކޮށް ނުނިމެއެވެެ. އެ މަސައްކަތް ފަހުން ނިންމީ އަމީން ކޮންސްޓްރަކްޝަނުން ހަވާލުވެގެންނެވެ.
ސިފައިންގެ އޮފިސަރުންނަށް ޚާއްޞަކޮށް ހުޅުމާލޭގައި ތަރައްގީކުރި ސިފްކޯ ހިޔާ ފްލެޓުތަކުގެ ތަޅުދަނޑި މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ހަވާލުކުރަން ފަށައިފައެވެ.
ސިފައިންނާއި، ފުލުހުންނަށް ޚާއްޞަ ހައުސިން މަޝްރޫއެއް ހިންގުމަށް ނިންމައި، އެ ފްލެޓުތައް އިމާރާތް ކުރަން ފެށީ 2013ވަނަ އަހަރު ނޫމަޑިއާ ހަވާލުކޮށްގެންނެވެ. ނަމަވެސް، އެ މަސައްކަތް ނުނިމި، ދިގުލައިގެން ގޮސް 2016ވަނަ އަހަރު އެ އެއްބަސްވުން ވަނީ އުވާލާފައެވެ.
ފަހުން، ސިފައިންގެ ފްލެޓުތައް ނިންމާފައިވަނީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫއުތަކުގެ ދަށުން އިމާރާތްކުރި ތިން ޓަވަރުގައި ޖުމްލަ 691 އެޕާޓްމެންޓު ހިމެނެއެވެ. އޭގެތެރެއިން ސިފައިންނަށް ހާއްސަކޮށްފައިވަނީ 330 ޔުނިޓެވެ. މި މަޝްރޫއުގައި މުޅިން ވެސް ހިމެނެނީ 1100 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމެންޓެވެ.