ތަޢުލީމީ ނިޒާމެއްގެ އެންމެ މުހިންމު އެއް ބަހާއަކީ ކިލާސްރޫމެވެ. އެތަނުގެ ތެރޭގައި ހިނގާ ޙަރަކާތްތަކެވެ. ކިލާސްރޫމުގެ ތެރޭގައި ހިނގާ ނުވަތަ ކުރިއަށްދާ އުނގަންނައިދިނުމުގެ މަސައްކަތަކީ ހަމައެކަނި ފޮތްތަކުން މަޢުލޫމާތު ނަގުލުކޮށްދިނުމެއް ނޫނެވެ. އަދި އެ ފޮތްތަކުގައި ހުރި އެއްޗެއް ދަރިވަރުންނަށް އަކުރުންއަކުރަށް ކިޔާލަދިނުމެއް ވެސް ނުމެނޫންމެއެވެ. އެހެނަސް އެއީ ދަރިވަރުންގެ ސުލޫކާއި، ވިސްނުމުގެ އިތުރުން އިޖުތިމާޢީ ހުނަރުތަކަށް ބަދަލުތަކެއް ގެނުވާ ދިރުންހުރި މަސައްކަތްތަކެކެވެ. މި މާޙައުލު ބައްޓަންކޮށް އުނގެނުމަށް އެކަށޭނަ ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮތީ މުދައްރިސުންގެ އަތްމަތީގައެވެ. ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤާނޫނާއި (24/2020) [1]، މުދައްރިސުންގެ ސުލޫކީ މިންގަނޑަށް (20-ޖީ/2023) [14] ރިޢާޔަތްކުރާއިރު، ކިލާސްރޫމް މެނޭޖްކުރުމަކީ މުދައްރިސެއްގެ ފަންނީ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބައެވެ.
ކިލާސްރޫމު މެނޭޖުކުރުމުގެ މާނައާއި ފަލްސަފާ
ދިރާސީ ނަޒަރަކުން ބަލާއިރު، ކިލާސްރޫމު މެނޭޖުކުރުމަކީ ދަރިވަރުންގެ ނޭދެވޭ ޢަމަލުތައް ހުއްޓުވައި އަދަބު ދިނުމެއް ނޫނެވެ. މިއީ އުނގެނުމަށް ބުރޫއަރާ ކަންކަން މަދުކޮށް، ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމަށް ޓަކައި މުދައްރިސް އެކުލަވާލާ އިދާރީ އަދި ތަރުބަވީ އޮނިގަނޑުގެ ތެރެއިން ކުރަންޖެހޭ މުހިންމު ފަންނީ މަސައްކަތެކެވެ. މީގެ ބައެއް މިސާލުތައް މިތާނގައި ލިޔެލާނަމެވެ. ކިލާސްރޫމު މެނޭޖްމަންޓުގެ މަރުޙަލާގައި ހިމެނެނީ:
- ފިޒިކަލް އެންވަޔަރަންމަންޓް: ގޮނޑިމޭޒު އެތުރުމާއި ވަސީލަތްތައް ބޭނުންކުރުން.
- އުޞޫލުތައް އެކުލަވާލުން: ކިލާސްތެރޭގައި ޢަމަލުކުރާނެ ހަމަތަކާއި ރުޓީންތައް ދަރިވަރުންނަށް އޮޅުންފިލުވައިދިނުން.
- ގުޅުން ބަދަހިކުރުން: މުދައްރިސާއި ދަރިވަރުންގެ ދެމެދުގައި އޮންނަ އިތުބާރުގެ ގުޅުން.
މުދައްރިސްގެ ޒިންމާ
ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤާނޫނު (24/2020) 1ގެ ދަށުން، ކޮންމެ ކުއްޖަކަށްވެސް ފެންވަރު ރަނގަޅު ތަޢުލީމެއް ލިބުމަކީ ޙައްޤެކެވެ. މުދައްރިސަކީ މި ޙައްޤު ކަށަވަރުކޮށްދިނުމުގައި ދައުލަތުގެ ފަރާތުން ހުންނަ އެންމެ ގާތް މަސްއޫލުވެރިޔާއެވެ. މުދައްރިސަކީ ޤައުމީ އަދި ދީނީ ޒިންމާ އުފުލާ އެންމެ އިސް އެކަކެވެ. ކިލާސްރޫމެއް ރަނގަޅަށް މެނޭޖު ނުކުރެވޭ ނަމަ، ދަރިވަރުންގެ އުނގެނުމުގެ ޙައްޤަށް އުނިކަން އާދެއެވެ. އަންނާނެކަން ކަށަވަރެވެ. އެކަންކަން އެއީ ހެކިތަކާއެކީ ފެންނާން ވެސް ހުރި ކަންކަމެވެ.
ދިވެހިރާއްޖޭގެ މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުޞޫލު (20-ޖީ/2023) [14]ގައި ބަޔާންކުރާ ގޮތުން، މުދައްރިސުންނަކީ ދަރިވަރުންނަށް ނަމޫނާ ދައްކަންޖެހޭ ބައެކެވެ. ކިލާސްރޫމު މެނޭޖުކުރުމުގައި މުދައްރިސް ގެންގުޅޭ އުޞޫލުތައް ވާންޖެހޭނީ އިންސާފުވެރި، އަދި ދަރިވަރުންގެ އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެ ގޮތެއްގެ މަތީން އެކުލަވާލެވިފައިވާ އުޞޫލުތަކަކަށެވެ.
ދިރާސީ ނަޒަރަކުން: މެނޭޖުކުރުމުގެ ވައްޓަފާޅިތައް
ތަޢުލީމީ ދިރާސާތަކުން ދައްކާގޮތުގައި ކިލާސްރޫމް މެނޭޖުކުރުމުގައި މައިގަނޑު ހަތަރު ވައްޓަފާޅިއެއް ފާހަގަކުރެވެއެވެ. އެކަންކަން ވަރަށް ޚުލާޞާކޮށް މިތަނުގައި ކިޔުންތެރީންގެ މަޢުލޫމާތަށްޓަކައި ލިޔެލާހިތްވެއެވެ. ކިލާސްރޫމު މެނޭޖުކުރުމުގައި މުދައްރިސުން ގެންގުޅުއްވާ މައިގަނޑު ވައްޓަފާޅިތަކުގެ ތެރޭގައި:
- އޮތޯރިޓޭޓިވް (Authoritative) މިއީ އެންމެ ކާމިޔާބު ގޮތްކަމަށް ބެލެވޭ ވަސީލަތެވެ. ނުވަތަ ވައްޓަފާޅިއެވެ. މި ވައްޓަފާޅީގައި މުދައްރިސް ހަރުދަނާ އުޞޫލުތަކެއް ގެންގުޅޭއިރު، ދަރިވަރުންގެ އިޙުސާސްތަކަށް އިޙުތިރާމްކޮށް، ދަރިވަރުންނާ މުޢާމަލާތުކުރެއެވެ.
- އޮތޯރިޓޭރިއަން (Authoritarian) މިފަދަ ޙާލަތުގައި މުދައްރިސް ބާރުގެ ބޭނުންކޮށްގެން ކިޔަމަންތެރިކުރުވަން މަސައްކަތްކުރެއެވެ. މީގެ ސަބަބުން ދަރިވަރުންގެ އުފެއްދުންތެރިކަން ދަށްވެ، ދަރިވަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދެއެވެ. ނަފުސާނީ ނުތަނަވަސް ކަމެއްގެ ތެރޭގައި އުޅެންޖެހެއެވެ. މިއީ އުނގަންނައިދިނުމުގައި ވެސް އަދި އެނޫން ޙާލަތްތަކުގައި ވެސް ބޭނުންކޮށްގެން ވާނެ އުޞޫލެއް ކަމަކަށް ނުދެކެމެވެ.
- ޕާމިސިވް (Permissive) މި ވައްޓަފާޅިގައި މުދައްރިސް ދަރިވަރުންނަށް އިންތިހާއަށް މިނިވަންކަމެއް ދެއެވެ. ނަތީޖާއަކަށް ވަނީ ކިލާސްތެރޭގައި ހަމަނުޖެހުން އުފެދި އުނގެނުމަށް ހުރަސް އެޅުމެވެ. ކޮންމެ ކަމެއްގައި ވެސް އިންފާރެއް އޮންނަންވާނެއެވެ.
- އިންޑިފަރެންޓް (Indifferent) މިބާވަތުގެ ވައްޓަފާޅި ގެންގުޅުއްވާ މުދައްރިސުން ދަރިވަރުން ކިލާސްރޫމުތެރޭގައި އުޅޭއުޅުމުގައި މުދައްރިސް މާބޮޑު ފަރުވާތެރިކަމެއް ނުބަހައްޓާކަން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ސްކޫލްތަކުގައި، ޚާއްޞަކޮށް ތަޢުލީމީ ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ބޭނުންވަނީ 'އޮތޯރިޓޭޓިވް' ނުވަތަ ދަރިވަރުންނަށް އިޙުތިރާމްކުރާ ހަރުދަނާ މެނޭޖުމަންޓެކެވެ. އެއީ ވީއެންމެ މަތީ ދަރަޖައަކަށް ދަރިވަރުންގެ ބައިވެރިވުމާއެކީ، އެކުދީންގެ އުފެއްދުންތެރިކަމާއި އައު އީޖާދުތަކާއި ޚިޔާލުތަކަށް އިޙުތިރާމުކޮށްގެން ކިލާސްތައް ކުރިއަށްގެންދިއުމުގެ އުނގަންނައިދިނުމުގެ ވައްޓަފާޅިކަމުގައި ވާތީއެވެ.
ދަރިވަރުންގެ ސުލޫކާއި މުދައްރިސްގެ ދައުރު
ކިލާސްރޫމެއް ހިންގުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަރިވަރުންގެ ފަރާތުން ފެންނަ ނޭދެވޭ ސުލޫކެވެ. މިފަދަ ކަންކަން މެނޭޖުކުރުމުގައި މުދައްރިސަކީ މެދުވެރިއެކެވެ. މުދައްރިސަކީ، މަގުދައްކައިދޭ މީހެކެވެ. އެއީ ފަނޑިޔާރެކެވެ. މުދައްރިސަކީ ދެވަނަ ބެލެނިވެރިއެއްގެ ދައުރު ވެސް އަދާކުރާ މީހެކެވެ. ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުޞޫލުތަކުގައި [18] ފާހަގަކޮށްފައިވާ ފަދައިން، އުނގަންނައިދިނުމުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި ކިލާސްރޫމުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުން މުހިންމެވެ.
ޒަމާނީ ދިރާސާތަކުން ފެންނަގޮތުގައި، ދަރިވަރަކު ނޭދެވޭ ކަމެއް ކުރަނީ ގިނަ ފަހަރަށް އުނގެނުމުގެ ތެރެއިން އެ ކުއްޖާގެ ބޭނުންތައް ފުދިގެން ނުދާތީއެވެ. އެހެންކަމުން، މުދައްރިސްގެ ދައުރަކީ ހަމައެކަނި އަދަބު ދިނުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޢަމަލެއް ފެންނަން މެދުވެރިވި ސަބަބު ދެނެގަނެ، އެ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ "ޕޮޒިޓިވް ޑިސިޕްލިން" ނުވަތަ އީޖާބީ އަދަބުވެރިކަމުގެ ފަލްސަފާއެއް ގެންގުޅުމެވެ. އަޅާލުމާއި، ކުލުނާއި ލޯތްބާއެކު ދަރިވަރުގެ ކަންކަމަށް ސަމާލުކަން ދިނުމެވެ.
ޕްރޮފެޝަނަލިޒަމް އަދި ކިލާސްރޫމް މެނޭޖްމަންޓް
ކިލާސްރޫމް މެނޭޖްކުރުމަކީ އުނގަންނައިދިނުމުގެ ފަންނީ މަސައްކަތުގެ ބައެކެވެ. މުދައްރިސަކު ކިލާސްރޫމުގައި ހުންނައިރު އޭނާގެ ހެދުން އެޅުމާއި، ވާހަކަދެއްކުމާއި، އެހެނިހެން ޢަމަލުތައް ހުންނަގޮތުގެ އިތުރުން އިޖުތިމާޢީ ކަންކަމުގައި ޢަމަލުކުރާގޮތަކީ ދަރިވަރުންގެ ދަރިވަރުންގެ ސުލޫކަށް ސީދާ އަސަރުކުރާ ކަންކަމެވެ. ޚާއްޞަކޮށް ޢުމުރުން ހަގު ކުދީން ވަރަށް ފަސޭހައިން، މުދައްރިސުން ކުރާ ކަންކަން ބަލާ ނަކަލުކުރެއެވެ. މިސާލަކަށް ދަރިވަރުންނަށް އިސްލާމީ އުޞޫލުން ހެދުންއެޅުމާ ބެހޭގޮތުން ނަސޭޙަތްތެރިވާ އިރު، މުދައްރިސުން ވެސް އެކަން ޢަމަލީގޮތުން ދައްކަންޖެހޭނެއެވެ.
މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުޞޫލަށް ގެނެވުނު އިޞްލާޙުގެ [15] ދަށުން، މޫނުބުރުގާއަޅާ މުދައްރިސުން ވެސް ދަރިވަރުންނާ މުޢާމަލާތުކުރާއިރު ކާކުކަން އެނގޭނެ ފަދައިން ޢަމަލުކުރުމަކީ މުވާޞަލާތުކުރުމާއި މެނޭޖުކުރުމަށް މަގުފަހިވާ ކަމެކެވެ. މުދައްރިސުންގެ ރަޖިސްޓްރޭޝަން އަދި ލައިސަންސް ދިނުމުގެ ގަވާއިދުގެ (2023/R-137) [10] ދަށުން، ކޮންމެ މުދައްރިސަކީ ކިޔަވައިދިނުމުގެ ފަންނީ ހުނަރު ހުރި މީހަކަށް ވާންޖެހެއެވެ.
ކިލާސްރޫމު މެނޭޖުކުރުމަކީ ވަރަށް ފުޅާ ދާއިރާއެކެވެ. އެކަމަށްޓަކައި ޢިލްމާއި ހުނަރު ލިބިގަންނަންޖެހޭ ފަންނެކެވެ. އެއީ ދިރާސީ ނަޒަރަކުން ބަލާއިރު އުނގެނުމުގެ "އީކޯ-ސިސްޓަމް" ބެލެހެއްޓުމެވެ. މުދައްރިސަކީ އެ ސިސްޓަމްގެ އެންމެ އިސް މޭސްތިރިއެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ޤަނޫނާއި ޤަވާޢިދުތަކުން މުދައްރިސަށް މަތިކޮށްފައިވާ ޒިންމާތަކަކީ ދަރިވަރުންގެ ކުރިމަގު ބައްޓަންކުރުމުގެ ބިންގަލެވެ. އެހެންކަމުން، ކިލާސްރޫމު މެނޭޖުކުރުމުގައި މުދައްރިސް ގެންގުޅޭ ހަރުދަނާ އުޞޫލުތަކަކީ ޤައުމުގެ ތަޢުލީމީ ފެންވަރު މަތިކޮށް، އަޚުލާޤީގޮތުން ފުރިހަމަ ޖީލެއް ބިނާކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. ހަރުދަނާ މުދައްރިސަކީ ހަމައެކަނި ފިލާވަޅު ބުނެދޭ މީހެއް ނޫނެވެ. އެއީ ދަރިވަރުންގެ އުނގެނުމަށް ރައްކާތެރި، އިންސާފުވެރި، އަދި އުންމީދީ މާޙައުލެއް ބިނާކޮށްދޭ ލީޑަރެކެވެ. މުދައްރިސަކީ ވަށާޖެހޭ ދަރިވަރެއް އުފައްދާ ތަރުބިއްޔަތުކުރުމުގެ މުހިންމު ޒިންމާ އަދާކުރާ އެންމެ އިސް މީހާއެވެ. މުދައްރިސަކީ ދުނިޔެއާއި އުޚުރަވީ ކަންކަން ދަސްކުރަން ދަސްކޮށްދޭ މަގުދައްކައިދޭ ހުނަރުވެރި ޚިދުމަތްތެރިޔާއެވެ. ޤައުމުގެ އިންސާނީ ވަޞީލަތްތައް ބިނާކުރުމުގެ މަތިވެރި ވާޖިބުތައް އަދާކުރުމުގެ މުހިންމު ޒިންމާތަކެއް އުފުލާ އެންމެ އިސް އެއް ފަރާތެވެ.