މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރަން ބޭނުންކުރާނެ ލޯގޯ ފަރުމާކުރާ މުބާރާތެއް

މަޖީދިއްޔާ ސްކޫލް: އެ ސްކޫލަށް ވަނީ 99 އަހަރު ފުރިފައި -- ފޮޓޯ: މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ

އަންނަ އަހަރު މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން، އެ ސްކޫލުގެ ރަސްމީ ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތެއް މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޑިޒައިނަރުންނާއި، މިހާރާއި ކުރީގެ ދަރިވަރުންނާއި، ސްކޫލަށް ހެޔޮއެދޭ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. ފަރުމާކުރާ ލޯގޯއަކީ ސްކޫލުގެ ތާރީޚާއި، ގައުމު ބިނާކުރުމުގައި އަދާކުރި ދައުރާއި، ކުރިމަގުގެ ތަސައްވުރު ރަމްޒުކޮށްދޭ އަމިއްލަ އުފެއްދުމަކަށް ވާންޖެހެއެވެ. މީގެ އިތުރުން ސްކޫލަށް 99 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ގިޑިއެއް މައި ދޮރާށި ކުރިމަތީގައި ވަނީ ބަހައްޓާފައެވެ.

  • މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުމާ ގުޅިގެން ލޯގޯ ފަރުމާކުރުމުގެ މުބާރާތެއް އިއުލާނުކުރުން
  • އެއްވަނައަށް ހޮވޭ ލޯގޯ ސްކޫލުގެ 100 ވަނަ އަހަރީ ދުވަހުގެ ހުރިހާ ރަސްމީ ހަރަކާތްތަކެއްގައި ބޭނުންކުރުން
  • ލޯގޯއިން ސްކޫލުގެ ތާރީޚާއި ކުރިމަގުގެ ތަސައްވުރު ރަމްޒުކޮށްދޭން ޖެހުން
  • ސްކޫލަށް 99 އަހަރު ފުރުމުގެ ގޮތުން ޚާއްސަ ގިޑިއެއް މައި ދޮރާށި ކުރިމަތީގައި ބެހެއްޓުން

އަންނަ އަހަރު، މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރާއިރު ބޭނުންކުރާނެ ލޯގޯއެއް ފަރުމާ ކުރުމަށް ޚާއްސަ މުބާރާތެއް އިއުލާންކޮށްފިއެވެ.

މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން ބުނި ގޮތުގައި، އެ މުބާރާތުގެ މަގުސަދަކީ ސްކޫލުގެ ފަޚުރުވެރި ތާރީޚު ރަމްޒުކޮށްދޭނެ ރަސްމީ ލޯގޯއެއް ފަރުމާ ކުރުމެވެ. އެގޮތުން، ލޯގޯ ފަރުމާ ކުރުމަށް ޑިޒައިނަރުންނާއި ސްކޫލުގެ ކުރީގެ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން މަޖީދިއްޔާއަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާއިން ބުނީ މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯ، ސްކޫލަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ހުރިހާ ރަސްމީ ހަރަކާތްތަކެއްގައި ބޭނުންކުރާނެ ކަމަށެވެ. އެގޮތުން އެ މުނާސަބަތާ ގުޅުވައިގެން ބާއްވާ އިވެންޓުތަކާއި, ޝާއިއުކުރާ ލިޔުންތަކާއި ހަނދާނީ ފިލާގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އެ މުބާރާތަށް ފަރުމާކުރާ ލޯގޯތަކުގައި ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި:

• މަޖީދިއްޔާގެ މުއްސަނދި ތާރީޚު ރަމްޒުކޮށްދިނުން
• ގައުމު ބިނާކުރުމުގައި މަޖީދިއްޔާ އަދާކޮށްފައިވާ އަދި އަދާކުރަމުންދާ އިސް ދައުރު ހާމަކޮށްދިނުން
• ކުރިއަށް އޮތް ގަރުނަށް އޮތް އުންމީދީ ތަސައްވުރު ރަމްޒުކޮށްދިނުން

އެ ޖަމިއްޔާއިން ވަނީ ބައިވެރީން ފަރުމާކުރާ ލޯގޯއަކީ ޒަމާނީ، މާނަވީ އަދި ޗާޕުކުރުމާއި ޑިޖިޓަލް ވަސީލަތްތަކުގައި ބޭނުންކުރަން ފަސޭހަ ލޯގޯއަކަށް ވާންޖެހޭނެ ކަމަށް ބުނެފައެވެ.

އެ މުބާރާތުގެ އުސޫލުތަކުގެ ތެރޭގައި:

• ހުށަހަޅާ ލޯގޯއަކީ އަމިއްލަ އަދި މީގެ ކުރިން އެއްވެސް ތަނެއްގައި ބޭނުންކޮށްފައި ނުވާ ލޯގޯއަކަށް ވާންޖެހޭ
• ލޯގޯއަކީ ތަފާތު އެކި ވަސީލަތްތަކާއި މީޑިއާތަކުގައި ބޭނުންކުރެވޭނެ ފަދަ ލޯގޯކަށް ވާންޖެހޭ
• ހުށަހަޅާ ލޯގޯއާއެކު އެ ލޯގޯގެ ކޮންސެޕްޓް ކިޔައިދޭ ކުރު ތައާރަފެއް ހިމަނަންޖެހޭ
• ހޮވޭ ފަރާތަކުން ލޯގޯގެ އެޑިޓްކުރެވޭ ފައިލްތައް ހުށަހަޅަންޖެހޭ

އެ ޖަމިއްޔާއިން ވަނީ ލޯގޯއަށް މާކްސް ދިނުމުގައި އަމިއްލަވަންތަކަމާއި އީޖާދީ ޚިޔާލުގެ އިތުރުން 100 ވަނަ އަހަރުގެ ތީމާ ގުޅޭ މިންވަރު ބަލާނެ ކަމަށް ބުނެފައެވެ. އަދި ފަންނީ ގޮތުންނާއި، އެކި ފޯމެޓްތަކަށް ބަދަލުކުރެވޭ މިންވަރުގެ އިތުރުން ފެންނަފެނުމުގައި ހުރި ފުރިހަމަކަމާއި ދޭހަވާ މާނައަށް ބަލާނެކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެ މުބާރާތަށް ލޯގޯ ޑިޒައިންތައް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މަޖީދިއްޔާ ސްކޫލް އިފުތިތާހުކުރީ އޭޕްރިލް 19، 1927ގައި ކަމަށްވާއިރު އިއްޔެ އެ ސްކޫލަށް ވަނީ 99 އަހަރު ފުރިފައެވެ.

އެ ސްކޫލަށް 99 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ސްކޫލުގެ މައި ދޮރާށި ކުރިމަތީގައި ޚާއްސަ ގިޑިއެއް ވަނީ ބަހައްޓާފައެވެ.

އެ ގިޑިގެއިން ފެންނަން ހުރީ ސްކޫލުގެ މާޒީއާއި މުސްތަގުބަލު ގުޅުވައިދޭ މުހިންމު ނިޝާންތަކެކެވެ. އެގޮތުން ގިޑިގޭގެ އެއް ފަރާތުގައި ސްކޫލުގެ އެންމެ ފުރަތަމަ ބެޖު ހިމަނާފައިވާއިރު، އަނެއް ފަރާތުގައި ވަނީ މިހާރު ބޭނުންކުރާ ބެޖު ހަރުކޮށްފައެވެ.

ގޭޓުގެ ބޭރު ފަރާތުގައި، ގައުމު ބިނާކުރުމުގައި 100 އަހަރު ފުރުން ގާތްވެފައިވާ ކަމަށް ލިޔެފައިވާއިރު، އެތެރެ ފަރާތުގައިވަނީ ސްކޫލުގެ ޝިޢާރު ވަނީ ލިޔެފައެވެ.

އެ ގިޑިގެ ރަސްމީކޮށް ހުޅުވައިދިނީ މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ރައީސް އަޙްމަދު އައްފާލް އާއި ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު މުޖާހިދެވެ. އެ ރަސްމިއްޔާތުގައި ޖަމިއްޔާގެ މެންބަރުންނާއި ސްކޫލުގެ މުވައްޒަފުން ބައިވެރިވިއެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި ވެރިކަންކޮށްފައިވާ ގިނަ ރައީސުންތަކެއް ތައުލީމް ހާސިލްކޮށްފައިވާ ތާރީޚީ ސްކޫލެކެވެ.

comment ކޮމެންޓް