މޫސުން ގޯސްވެއްޖެ ނަމަ، ނ. ފޮއްދޫ ރައްޔިތުން ރަށު ބަންދެއްގައި ތިބެންޖެހޭ ކަމަށް ވިދާޅުވެ، އެ ރަށުގައި ބަނދަރެއް ނެތުމުން ލަފާފުރުމުގެ ދަތިކަން ފާހަގަކޮށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެންބަރު މުހައްމަދު އައްބާސް މިއަދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޭނާ ވަނީ ދާއިރާގައި ހިމެނޭ ފޮއްދޫގެ ބަނދަރު ނުހެދި ލަސްވާ މައްސަލައާއި ޅޮހީގެ ނަރުދަމާގެ މަސައްކަތް އަދި ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ލަސްވާތީ ނުރުހުން ފާޅުކުރައްވައިފައެވެ.
"ކަނޑުތައް ގަދަވެ، މޫސުން ގޯސްވާ ކޮންމެ ފަހަރަކު ފޮއްދޫ ރައްޔިތުން ރަށު ބަންދުގައި ތިބެންޖެހުމަކީ އަޅުގަނޑާއި ފޮއްދޫގެ ލޮބުވެތި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް،" އައްބާސް ކަންބޮޑުވުން ފާޅުކުރައްވައި ވިދާޅުވިއެވެ.
"ކަނޑުގަދަވެ، މޫސުން ގޯސްވެއްޖެ ނަމަ އާރުޓީއެލް ފެރީ ލޯންޗު، ފެރީ ދޯނި ފޮއްދުއަށް ދަތުރެއް ނުކުރޭ. މާލެ ދަތުރުކުރާ ބޯޓެއް ފޮއްދުއަކަށް ނުޖައްސާ. ފޮއްދޫގައި ރަނގަޅު ސިއްހީ ޚިދުމަތެއް ނުލިބޭއިރު، ޑޮކްޓަރަށް ދައްކަން އަރާ ފުރައިގެން ދެވޭނެ ގޮތެއް ނެތް،"
އައްބާސް ވިދާޅުވީ، އެކަން އެހެން އޮތްއިރު ފޮއްދުއަކީ 2022 ވަނަ އަހަރު މުޅި ރާއްޖޭގެ ވެސް އެއްވަނަ ގެސްޓްހައުސް ހުރި ރަށްކަން ފާހަގަކުރައްވައިފައެވެ. މުޅި އަތޮޅުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރިކުރަނީ އެ ރަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، ފޮއްދުއަށް ޒިޔާރަތްކުރާ ފަތުރުވެރިން ލަފައިފުރޭނެ ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ފޮއްދުއަށް ޒިޔާރަތްކުރާ ފަތުރުވެރިން ލާފާ ފުރޭނެ ގޮތެއް ނެތި، އަސާސީ ޙިދުމަތްތަކުން މަހުރޫމުވެ، ރަށު ބަންދުގައި ތިބެން ޖެހުމަކީ ހިތަށް ކެތްވާވަރު ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ނ. ފޮއްދޫ: އެ ރަށުގެ ބަނދަރުގެ މަސައްކަތް ލަސްވާތީ މެންބަރު އައްބާސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ ލެޓްސް ގޯ ފުއްދޫ، ފޭސްބުކް
އައްބާސް ވިދާޅުވީ، ފޮއްދޫ ބަނދަރުގެ މަސައްކަތް އަވަސްކޮށްދެއްވަން އެދި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން އެ މަނިކުފާނާއި ކޮންސްޓްރަކްޝަން މިނިސްޓަރާއި ސްޓޭޓް މިނިސްޓަރާއި އަދި އެ މަސައްކަތް ކުރާ އެމްޓީސީސީގެ ވެރިންނާ ވެސް ބައްދަލުކޮށް އާދޭސް ދަންނަވާފައިވާ ވާނެ ކަމަށެވެ.
އެކަމަކު، އެ މަސައްކަތަށް ސަރުކާރުން ދިން ތާރީޚުތައް ފަހަނައަޅާ ދިޔައިރު އެއްވެސް އަމަލީ މަސައްކަތެއް ފެށިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފޮއްދޫގެ އިތުރުން، އެ އަތޮޅު ވެލިދޫގައި އިމާރާތްކުރާ ހޮސްޕިޓަލްގެ މަސައްކަތް ލަސްވާތީ ވެސް އައްބާސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ވެސް ހޮސްޕިޓަލް އަޅަން ކިޔާ ބިމުގައި "ކަޅުދާ ޖެހުން ނޫން ކަމެއް" ނުކުރާ ކަމަށެވެ.

ނ. ވެލިދޫ: އެ ރަށުގެ ހޮސްޕިޓަލްގެ މަސައްކަތް ލަސްވާތީ ވެސް އައްބާސް ނުރުހުން ފާޅުކުރެއްވި --- ފޮޓޯ/ އޯކާ މީޑިއާ
އޭނާ ވިދާޅުވީ، ވެލިދޫ ހޮސްޕިޓަލް އަޅަން ބޭނުންވާ ބައެއް ފައިސާ ކުވެއިތު ފަންޑުން ފިނޭންސް މިނިސްޓްރީއަށް ޖަމާކޮށްދީފައިވާ ކަމަށެވެ.
އެކަމަކު، އެ ހޮސްޕިޓަލުގެ މަސައްކަތް ފަށަން ދިން ތަފާތު އެކި ތާރީޚުތައް ފަހަނައަޅާ ދިޔައިރު އެ ތަނުގެ އަމަލީ މަސައްކަތް ނުފެއްޓި އޮތުމަކީ އެ ރަށާއި މުޅި އަތޮޅުގެ ވެސް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އައްބާސް ވިދާޅުވީ، އެ ކަމުގައި ވެސް ރައީސް މުއިއްޒާއި އަދި މިނިސްޓްރީގެ އިތުރުން ވެސް ކަމާ ގުޅުންހުރި އިދާރާތަކާއި ބޭފުޅުންނާ ބައްދަލުކޮށް އާދޭސް ދަންނަވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، އެ އަތޮޅު ޅޮހީގެ ނަރުދަމާގެ މަސައްކަތް ވެސް ހުއްޓިފައިވާތީ އައްބާސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އޭނާ ވިދާޅުވީ، ޅޮހީގެ ނަރުދަމާގެ މަސައްކަތް ނުނިމި އެތައް އަހަރެއްވެފައިވާ ކަމަށެވެ. އެހެންވެ، އެ މަސައްކަތް ވީހާ ވެސް އަވަހަށް ފައްޓަވައިދެއްވައި، ނިންމަވައިދެއްވުން އެދިވެސް ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން ދަންނަވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޅޮހީ ރައްޔިތުން މިހާރު ވެސް ފެންވަރަން ބޭނުންކުރަނީ ނަޖިސް ފެން ކަމަށެވެ.

ނ. ޅޮހި: އެ ރަށުގެ ނަރުދަމާގެ މަސައްކަތް ނުނިމޭތީ، މީހުން ބޭނުންކުރަން ޖެހެނީ ނަޖިސް ފެން ކަމަށް އައްބާސް ވިދާޅުވި --
"ޅޮހީ ކުދިބޮޑު ރައްޔިތުން މިހާރު ވެސް ފެންވަރަމުންދަނީ ނަޖިސް ފެނުން. ދަތް އުނގުޅައިގެން އަނގަދޮވެލަން ފެންފޮދެއް ލާން ވެސް ނުކެރޭ ހާލަތުގައި މި ވަނީ،" އައްބާސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
"ހިތާމައަކީ މި ހާލަތުގައި ޅޮހީ ރައްޔިތުން އުޅެމުންދާއިރު މިއަދާ ހަމައަށް ވެސް މި ކަމުގެ އަމަލީ މަސައްކަތް ފެށިފައިނުވުން،"
ދާއިރާގެ މަޝްރޫއުތައް ނުފެށި ލަސްވާތީ، އެ ކަމުގެ ކަންބޮޑުވުން އައްބާސް ފާހަގަކުރެއްވިއިރު، ރައީސް މުއިއްޒު ވަނީ މި އަހަރުން ފެށިގެން މަޝްރޫއުތައް ހިނގަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވަނީ، މި އަހަރާއި އަންނަ އަހަރަކީ އަމަލީ ގޮތުން މަޝްރޫއުތައް ފެށި، ވައުދުތައް ފުއްދަވާނެ ދެ އަހަރުގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.
މަޝްރޫއުތައް ނުފެށި ލަސްވީ މިދިޔަ އަހަރުގެ ބަޖެޓާއި މާލީ ދަތިކަމުގެ ސަބަބުން ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.