އިއްޔެ މުޅި ރާއްޖެއަށް ކުރި ބޯ ވިއްސާރައިގެ ސަބަބުން މާލޭ މަގުތަކުގައި ވެސް ވަރަށް ބޮޑަށް ފެންބޮޑުވުމާ ގުޅިގެން 21 ގަޑިއިރު ވަންދެން ކުރި މަސައްކަތުން 30،569 ޓަނުގެ ފެން މާލޭ މަގުތަކުން ހިންދާފައިވާ ކަމަށް ސިފައިން މިއަދު ބުނެފިއެވެ.
އިއްޔެ މެންދުރުން ފެށިގެން ވެހުނު ވާރޭގައި މާލޭގައި ބޮޑު ބައެއް ރޭގެ ދަންވުމާ ހަމައަށް އޮތީ ވަރަށް ބޮޑަށް ފެނު އަޑީގައެވެ.
ފެން ހިންދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނީ ސިފައިންނެވެ. ސިފައިން މިއަދު ބުނީ، އެ މީހުން ފެން ހިންދުމުގެ މަސައްކަތްކުރި ރަށްރަށުގެ ތެރެއިން ގިނަ ރަށްތައް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.
ސިފައިން މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ފެށީ އިއްޔެ 11:37 އެހާކަންހާއިރެވެ. އެ ވަގުތުން ފެށިގެން މިއަދު ހެނދުނު 8:30 އާ ހަމައަށް ކުރި މަސައްކަތުން މާލޭގެ މަގުތައް ވެސް މިހާރު އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް ސިފައިން ބުންޏެވެ.
ސިފައިން ބުނީ، 21 ގަޑިއިރުގެ މަސައްކަތުން މާލޭ މަގުތަކުން 30،569 ޓަނުގެ ފެން ހިންދިފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކާނާ ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ ބުނެފައެވެ.
މާލޭގެ އިތުރުން، ވިއްސާރައިގައި އިތުރު އަށް ރަށަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ. އެ ގޮތުން؛
- ފ. ނިލަންދޫގެ 80 އިންސައްތައިގައި ފެންބޮޑުވި
- ދ. ކުޑަހުވަދޫގެ 10 ވަރަކަށް ގެއަށް ގެއްލުން ލިބުނު
- ދ. މީދޫގެ 10 ވަރަކަށް ގެއަށް ގެއްލުން ލިބުނު
- ފ. މަގޫދޫގެ 9 ގެއަކަށް ގެއްލުން ލިބި އެއް ގެއިން މީހުން ހުސްކުރި
- އދ. މާމިނގިލީގެ ހަތަރު ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު
- ކ. ގުރައިދޫގެ 60 ގެއަކަށް އެކިވަރުގެ ގެއްލުން ލިބުނު
- ފ. ފީއަލީގެ އެއް ގެއިން މީހުން ހުސްކުރި
- ކ. ހިންމަފުށީގެ 60 އިންސައްތަ ގޭގައި ފެންބޮޑުވި
މި ވިއްސާރައިގައި ރ. އިނގުރައިދުއާއި ށ. ނަރުދުއަށް ވެސް އިއްޔެ އުދައަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ.