އިއްޔެ މެންދުރު ފަހު ވެހެން ފެށި ވާރޭގައި މުޅި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން މިއަދު ބުނެފިއެވެ.

މާލޭގައި ފެންބޮޑުވެ، 500 އަށްވުރެ ގިނަ ތަނަކަށް ފެން ވަންނާތީ ރިޕޯޓުކޮށްފައިވެއެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ، ފެން ބޮޑުވުމުގެ ސަބަބުން 774 ތަނަކުން އެކިއެކި އެހީތެރިކަމަށް އެދި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން، 554 ރިކުއެސްޓަކީ ވެލި ބަސްތާ ޖަހައިދިނުމަށް އެދި ކޮށްފައިވާ ރިކުއެސްޓެވެ.
ޒަރޫރީ ބޭނުންތަކަށް ހުރަސްއެޅިގެން 53 ގެއަކުން ރިޕޯޓުކުރިއިރު އެ ތަންތަނުގެ ރެޕިޑް އެސެސްމަންޓު ހަދާފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ. އޭގެ ތެރެއިން އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތުގައި ހުރި 36 ގެއަކުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީ، ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
މާލޭގެ އިތުރުން، ވިއްސާރައިގައި އިތުރު އަށް ރަށަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ. އެ ގޮތުން؛
- ފ. ނިލަންދޫގެ 80 އިންސައްތައިގައި ފެންބޮޑުވި
- ދ. ކުޑަހުވަދޫގެ 10 ވަރަކަށް ގެއަށް ގެއްލުން ލިބުނު
- ދ. މީދޫގެ 10 ވަރަކަށް ގެއަށް ގެއްލުން ލިބުނު
- ފ. މަގޫދޫގެ 9 ގެއަކަށް ގެއްލުން ލިބި އެއް ގެއިން މީހުން ހުސްކުރި
- އދ. މާމިނގިލީގެ ހަތަރު ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު
- ކ. ގުރައިދޫގެ 60 ގެއަކަށް އެކިވަރުގެ ގެއްލުން ލިބުނު
- ފ. ފީއަލީގެ އެއް ގެއިން މީހުން ހުސްކުރި
- ކ. ހިންމަފުށީގެ 60 އިންސައްތަ ގޭގައި ފެންބޮޑުވި
މި ވިއްސާރައިގައި ރ. އިނގުރައިދުއާއި ށ. ނަރުދުއަށް ވެސް އިއްޔެ އުދައަރައި ބޮޑެތި ގެއްލުންތަކެއްވިއެވެ.
comment ޖިންކޮ
2 month 1 week ago
ނ.ޑ.މ.އ ގެ މަސައްކަތް ބޮޑަށް ޕްރޯ އެކްތިވް އެޕްރޯޗަަަކަށް ދިއުން ވަރަށް މުހިއްމު. މި ވަރަށް ވާރޭ ވެހި ފެން ބޮޑުވަނީ އަލަކަށް ނޫން. ފުރިހަމަ މަސައްކަތެއް ކުރެވިފަ ވާނަމަ ފެން ބޮޑުވެގެން ވެސް ނުވާނެ. ޕްރިވެންޓިވް މެޝާރސް ކޮބައިތޯ. ރައްޔުތުން މި ފަދަ ކަމަކުން ރައްކާތެރި ނުކުރެވޭ ނަމަ، ތީ ބޭކާރު މުއައްސަސާއެއް. ޢަނެއްކާވެސް ތިވަރަށް ފެން ބޮޑުވާނެ. ސްޓެޓިސްޓިކްސް ހަދާލަ ހަދާލަ ތިބޭނީތޯ؟