މަގާމުން އެކަހެރިކޮށްފައިވާ ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް ހައްޔަރުކުރަންދިޔަ އެންޓި ކޮރަޕްޝަން އިންވެސްޓިގޭޓިވް ޔުނިޓް (އޯއައިސީ)ން އެ މަނިކުފާނު ހައްޔަރުކުރުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީސް ފޯ ހައި ރޭންކިން އޮފިޝަލްސްއިން ބުނެފިއެވެ.
"މިއަދު ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކުރުމާ ގުޅޭގޮތުން ކަނޑައެޅިފައި އޮތީ ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން އެ އަމުރު ތަންފީޒުކުރުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް. ސައިޓުގައި ތިބި މުވައްޒަފުންގެ ސަލާމަތާ މެދު ކަންބޮޑުވުމުން އެކަން ހުއްޓާލަން ނިންމީ،" ކޮރަޕްޝަން އިންވެސްޓިގޭޝަން އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެންޓި ކޮރަޕްޝަން އިންވެސްޓިގޭޓިވް ޔުނިޓާ އެކު ދެކުނު ކޮރެއާގެ އިންވެސްޓިގޭޓަރުންގެ ގްރޫޕަކުން ރިޔާސީ ގެކޮޅަށް ވަދެ ޔޫން ހައްޔަރުކުރަން މަސައްކަތްކުރަން ފެށީ މިއަދު ހެނދުނެވެ. ނަމަވެސް، އެ މަސައްކަތް ކުރުމަށް ޔޫންގެ ސެކިއުރިޓީން ޓީމުން ހުރަސް އަޅާފައިވާ ކަމަށާއި ސިފައިންނާ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ޔޮންހަޕް ނޫސް އެޖެންސީން ބުނެފައިވެއެވެ.
މީގެ އެއް މަސް ކުރިން ޔޫން އިއުލާނުކުރެއްވި އަސްކަރީ ގާނޫނުގެ ސަބަބުން ދެކުނު ކޮރެއާ ވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައެވެ. އެ މައްސަލައިގައި ޔޫން މަގާމުން އެކަހެރިކޮށް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ ޑިސެމްބަރު 31 ވަނަ ދުވަހެވެ. އެ އަމުރު ބާތިލު ވާނީ މި މަހުގެ ހަވަނަ ދުވަހެވެ.
ޔޫން ހައްޔަރު ކުރުމުގެ މަސައްކަތްކުރަމުން ދިޔައިރު، އެ މަނިކުފާނަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު ވަނީ ރިޔާސީ ގެކޮޅު ކައިރިއަށް އެއްވެފައެވެ.
ޔޫން ހައްޔަރުކުރުމަށް އަމުރު ނެރުނީ ތަހުގީގުތައް ކުރިއަށް ގެންދިއުމަށް ސުވާލު ކުރުމަށެވެ. އޭގެ ތެރޭގައި ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެންނަން އުޅުމުގެ ތުހުމަތު ވެސް ހިމެނެއެވެ. ކުށް ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމް ނުވަތަ މަރުގެ އަދަބު ވެސް ލިބިދާނެއެވެ.
ޔޫން ހައްޔަރުކުރުމަށް ކުރާ މަސައްކަތްތައް މެދުކަނޑާލުމަށް ފަހު ސީއައިއޯ ވަނީ ދެން އަޅަންޖެހޭ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ.
ޔޫންގެ ވަކީލު ނެރުނު ބަޔާނެއްގައި ބުނީ، ހައްޔަރުކުރުމުގެ އަމުރަކީ ޣައިރު ގާނޫނީ، ބާތިލު އަމުރެއް ކަމަށާއި އެ އަމުރު ތަންފީޒުކުރުމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
ޔޫންގެ ދިފާއީ ޓީމުން އަންގާރަ ދުވަހު ވަނީ އެ އަމުރު ބާތިލު ކުރުމަށް ދުސްތޫރީ ކޯޓަށް ހުށަހެޅުމުގެ އިތުރުން އެ އަމުރާ ގުޅިގެން ދަށު ކޯޓަކަށް ވަކި އިއުތިރާޒެއް ވެސް ހުށަހަޅާފައެވެ.
ޔޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ނަމަ ހައްޔަރުކުރުމަށް މިހާރު ނެރެފައިވާ އަމުރުގެ ދަށުން 48 ގަޑިއިރު ވަންދެން ސުވާލުކުރުމަށް ހިފެހެއްޓޭނެއެވެ. އެ މުއްދަތުގެ ތެރޭގައި ސީއައިއޯއިން އެ މަނިކުފާނު އިތުރަށް ހިފަހައްޓަން ބޭނުންނަމަ، އިތުރު އަމުރަކަށް އެދެންޖެހޭނެއެވެ.
ބުރާސްފަތި ދުވަހު ޔޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގައުމަށްޓަކައި މުޅި އުމުރަށް ހަނގުރާމަ ކުރައްވާނެ ކަމަށެވެ. މިއީ މިކަމާ ގުޅިގެން ޔޫން ފުރަތަމަ ފަހަރަށް ނެރުއްވި ބަޔާނެވެ.
ޔޫންގެ މަގާމުން ދުރުކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނީ ދުސްތޫރީ ކޯޓުގެ ވަކި ޝަރީއަތެއްގައެވެ. އެ މަނިކުފާނު ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ވަކިކުރާނެތޯ ނުވަތަ އަލުން މަގާމަށް ދެއްވާނީތޯ ނިންމާނީ އެ ކޯޓުންނެވެ. އެ ޕްރޮސެސްއަށް ހަ މަސް ދުވަސް ނަގާފާނެއެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުމެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ބާއްވާފައެވެ. ޔޫން ހާޒިރުވާން ނުޖެހޭ ދެވަނަ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިއަދަށެވެ.
ޔޫންގެ މައްސަލައާއި، ޖަސްޓިސް މިނިސްޓަރު، ޕީޖީ އަދި އެހެނިހެން އިސް އޮފިޝަލުން ހިމެނޭ ގޮތަށް ޔޫންގެ ވެރިކަމުގެ އިސް އޮފިޝަލުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ވެސް އެންމެ އިސްކަމެއް ދީގެން ބަލާ މައްސަލައިގެ ގޮތުގައި ބަލާނެ ކަމަށް ދުސްތޫރީ ކޯޓުން ވަނީ ބުނެފައެވެ.
ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ޔޫން އަސްކަރީ ގާނޫނު އިއުލާނުކުރެއްވީ އިދިކޮޅުން ބަޣާވާތެއް ކުރަން އުޅޭ ކަމަށާއި އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުހުމަތުކުރައްވައެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީހުން ފާސްނުވުމުން އަސްކަރީ ގާނޫނު ދެތިން ގަޑިއިރުތެރޭގައި ވަނީ އަނބުރާ ގެންދަވާފައެވެ.