މަޝްހޫރު ކޮރިއަން ގްރޫޕް "ބްލެކްޕިންކް"ގެ ރެޕް ލަވަކިޔުންތެރިޔާ ލިސާ މަނޮބަލްގެ ސޯލޯ އަލްބަމް ނެރުމުކުރުމުގެ ކުރީން ބަޔަކު ލީކު ކޮށްލައިފިއެވެ.
ކާމިޔާބު އަލްބަމަކަށް ފަހު ބްލެކްޕިންކް ބްރޭކަކަށް ގޮސްފައިވަނީ 2023 ވަނަ އަހަރެވެ. އެއަށް ފަހު ގްރޫޕުގެ މެންބަރުން އަންނަނީ ސޯލޯ ކެރިއަރު ކުރިއެރުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މެންބަރުން ވަނީ ގްރޫޕުން ބޭރުން އަމިއްލަ މިއުޒިކް ރިލީޒްކޮށްފައެވެ.
ހަތަރު މެންބަރުންގެ ގްރޫޕު ތެރެއިން ކިމް ޖިސޫ ވަނީ އޭނާގެ އެކްޓިން ކެރިއަރު ފަށާފައެވެ. ބާކީ މެންބަރުން މިއުޒިކް ހެދުމުގައި އުޅޭއިރު އިތުރު މެންބަރެއް ކަމަށްވާ ރޮޒޭ ވަނީ އޭނާގެ ފުރަތަމަ އަލްބަމް ނެރެފައެވެ.
މެމްބަރުންގެ ތެރެއިން އެންމެ ބިޒީކޮށް އުޅެފައިވާ އެއް މެމްބަރަކީ ލިސާއެވެ. އަލްބަމް ރިލީޒް ކުރަން އުޅޭކަން އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވާ މެމްމަބަރަކީ ލިސާއެވެ. އޭނާ މިދިޔަ އަހަރު އަލްބަމް އިއުލާނު ކޮށްފައިވަނީ އެކްޓިންއަށް ނިކުންނަން އުޅޭކަން ހާމަކުރުމަށްފަހުގައެވެ.
ލިސާ އޭނާގެ އެންމެ ފުރަތަމަ އެކްޓިން ހުނަރު ވަނީ މީގެ ދެ ހަފުތާ ކުރީން ދައްކާލާފައެވެ. އެޗްބީއޯގެ މަޝްހޫރު ޝޯ "ވައިޓް ލޮޓަސް" އާއެކު އޭނާ ވަނީ އެކްޓިން އަށް ނިކުމެފައެވެ.
އެއަށްފަހު އޭނާ މަސައްކަތް ކުރަމުން އައީ މި ހުކުރު ދުވަހު އަލްބަމް ނެރުމަށެވެ. ނަމަވެސް އޭނާގެ ފުރަތަމަ އަލްބަމް "އޯލްޓަ އީގޯ" ރިލީޒް ކުރުމުގެ ކުރީން ބަޔަކު ވަނީ އަލްބަމް މިހާރު ލީކު ކޮށްލާފައެވެ.
އެކަމާ ގުޅިގެން އެތައް ފޭނުންނެއް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެކަމަށް ލިސާ ވަނީ މިހާރު ރައްދެއް ވެސް ދީފައެވެ. ދާދިފަހުން ސޯޝަލް މީޑިއާއަށް އާންމުކޮށްފައިވާ ވީޑިއޯއެއްގައި ލިސާ ބުނެފައިވަނީ ލީކުގެ ވާހަކަ ވެގެން ދިޔައީ ވަރަށް ބޮޑު ޝޮކަކަށް ކަމަށެވެ. އަދި އަލްބަމް ލީކުވުމުން އެކަމާ ވަރަށް ދެރަވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެހެންނަމަވެސް ފޭނުން އޭނާގެ ރަސްމީ އަލްބަމް ނެރުމުން އަޑުއަހާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ލިސާ ބުންޏެވެ.
ލިސާ އަމިއްލަ އުފެއްދި ރެކޯޑު ލޭބަލް "ލައުޑް"ގެ ދަށުން އުފައްދާފައިވާ މި އަލްބަމް އަކީ 15 ލަވައިގެ އަލްބަމެކެވެ. މި އަލްބަމްގައި ހޮލީވުޑްގެ ފާހަގަކުރެވޭ ބައެއް ތަރީން ވަނީ ފީޗާކޮށްފައެވެ. އޭގެތެރޭގައި ޑޯޖާ ކެޓް އާއި ރޮސަލިއާގެ އިތުރުން ރޭޔެ ހިމެނެއެވެ.