އާ އަހަރު ފެށުމާ އެކު އިޓަލީގެ މިލާންގައި މަގުތައް ހިމެނޭ ގޮތަށް އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ގާނޫނާ ޚިލާފުވާނެ ކަމަށް ކަނޑައަޅައިފިއެވެ.
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ، ގާނޫނުގެ ދަށުން 40 ޑޮލަރާއި 249 ޑޮލަރާއި ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރާނެއެވެ. އަދި, މިހާރު އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ އެހެން މީހުންނާ 10 ފޫޓު ދުރުގައި ހުރެގެން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.
މި ފިޔަވަޅަކީ އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުން ދުންފަތުގެ އިސްތިއުމާލުކުރާ އިޓަލީގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅު ކަމަށް އެ ގައުމުގެ ސިއްޚަތާބެހޭ ވުޒާރާއިން ބުނެއެވެ.
ނަމަވެސް، ވޭޕްސް ނުވަތަ އިލެކްޓްރޯނިކް ސިނގިރޭޓް ނުހިމެނޭ މި މަނާކުރުމަކީ ސިއްޚަތަށް ވުރެ ބޮޑަށް ތަޣައްޔަރުވުން ކުޑަކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ގާނޫނަކީ މިލާންގެ ވައިގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންގެ ސިއްޚަތު ރައްކާތެރި ކުރުމަށް އެކަށައަޅާފައިވާ ގާނޫނެއް ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
މި ފިޔަވަޅުގެ ސަބަބުން 2026 ވަނަ އަހަރު ބާއްވާ މިލާން-ކޯޓިނާ ވިންޓާ އޮލިމްޕިކްސްގައި ބައިވެރިވާ ފަރާތްތަކަށް އަސަރުކުރާނެ ކަމަށް 'ސީއެންއެން'އިން ރިޕޯޓުކޮށްފައިވެއެވެ.
އިޓަލީގައި 2005 ވަނަ އަހަރުން ފެށިގެން އާންމު ހުރިހާ އިންޑޯ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާއިރު، ބައެއް ސިޓީތަކުން ވަނީ ގަވާއިދުތައް އިތުރުކޮށްފައެވެ. ނަމަވެސް، އެ ކަންކަން ތަންފީޒެއް ނުކުރެވެއެވެ.
ޓޫރިންގައި ބޭރުގައި ތިބެގެން ކުޑަކުދިންނާއި މާބަނޑު އަންހެނުންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. ރޯމްގައި ގިނަ ރެސްޓޯރެންޓްތަކުން ބޭރު މޭޒުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުއްދަ ދޭއިރު، އިޓަލީގެ ބޮޑެތި ހުރިހާ އެއާޕޯޓްތަކެއްގައި ވެސް ޓާމިނަލްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ޚާއްސަ ތަންތަން ހުރެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ނުވަތަ ހުއްޓުވުމަށް ގިނަ ގައުމުތަކުގައި މަސައްކަތް ކުރަމުން އަންނައިރު ރާއްޖޭގައި ވެސް އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކުރުމާއި، ސިނގިރެޓް އިމްޕޯޓު ޑިއުޓީ ބޮޑުކުރުން އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ އެއްޗެއްސާއި އާާލާތްތައް އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ.