ޔުއޭފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ޖަރުމަނުވިލާތް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޖަރުމަނު ޖާގަހޯދީ ކުއާޓާ ފައިނަލްގައި އިޓަލީވިލާތާ ބައްދަލުކޮށް ފަސް ލަނޑު ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
މި ދެ ޓީމުގެ މެދުގައި އިޓަލީވިލާތުގައި ކުޅުނު ފުރަތަމަ ލެގު ދެ ލަނޑު އެއް ލަނޑުން ޖަރުމަނު ކާމިޔާބު ކުރިއިރު ޖަރުމަނުވިލާތުގައި ރޭ ކުޅުނު ދެވަނަ ލެގު ތިން ލަނޑު ތިން ލަނޑުން ދެ ޓީމުވީ އެއްވަރެވެ.
ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ދެވަނަ ލެގުގެ ފުރަތަމަ ހާފުގައި ޖަރުމަނުން މޮޅަށް ކުޅުނުއިރު ދެވަނަ ހާފުގައި މޮޅަށް ކުޅުނު ތަން ފެނިގެންދިޔައީ އިޓަލީވިލާތެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ލިބިގެންދިޔަ ޕެނަލްޓީ އަކުން ކާމިޔާބު ކޮށް މެޗުގެ ލީޑު ނަގާފައިވަނީ ޖަރުމަނުންނެވެ.
މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ޖޯޝުއާ ކިމިޗްއެވެ. އަދި މި ލަނޑު ޖެހިތާ ހަ މިނެޓް ފަހުން އިޓަލީވިލާތުގެ ކެޕްޓަން އަދި ކީޕާ ޖިއާންލުއިޖީ ޑޮނަރޫމާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޖަމާލް މުސިއެލާ ވަނީ ޖަރުމަނުވިލާތުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ ހަތަރު ލަނޑު އެއް ލަނޑަށް ބަދަލުކޮށްފައެވެ.
މި މެޗުގައި ޖަރުމަނުގެ ފަހު ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ކާމިޔާބު ކޮށްފައިވަނީ ޓިމް ކްލެއިންޑިއެންސްޓްއެވެ. މި ލަނޑާއެކު ޖަރުމަނުން ފުރަތަމަ ހާފު ނިންމާލީ ފަސް ލަނޑު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރީގައި އޮވެގެންނެވެ. އަދި މިއާއެކު މި ކުއާޓާ ފައިނަލްގެ ނަތީޖާ ކަަށަވަރު ވެގެންދިޔަކަން ގިނަ ބަޔަކަށް ހީވި ނަމަވެސް އިޓަލީވިލާތުގެ ވިސްނުން ހުރީ އެހާ އަވަހަށް ބަލި ގަބޫލް ކުރާ ގޮތަކަށް ނޫނެވެ. މި ގޮތުން މި މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔައީ މުޅިން ތަފާތު އިޓަލީ ޓީމެކެވެ.
ނަތީޖާއަކަށް ވެގެންދިޔައީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓުގައި މޮއިސް ކިއާން އިޓަލީވިލާތުގެ ފުރަތަަމަ ލަނޑު ކާމިޔާބު ކޮށްދިނުމެވެ. އަދި ކިއާން ވަނީ މެޗުގެ 69 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ފަރަގު ކުޑަކޮށްފައެވެ. މި މެޗުގައި އިޓަލީވިލާތުން ކާމިޔާބު ކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ފަސް ވަނަ މި ނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދީފައިވަނީ ޖިއަކޯމޯ ރަސްޕަޑޯރީއެވެ.
މި މެޗުގައި އިތުރު ލަނޑެއް ކާމިޔާބު ކޮށްގެން އިތުރު ވަގުތަށް ގެންދިއުމުގެ ފުރުސަތު އިޓަލީވިލާތަށް އޮތް ނަމަވެސް އެ ޓީމަށް އިތުރު ލަނޑެއް މި މެޗުގައި ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަތީޖާ އަކަށްވީ މި މެޗު އެއްވަރުވެގެން ނިމި ޖަރުމަނުވިލާތް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރުމެވެ. މިއާއެކު މިއަހަރުގެ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގައި ޖަރުމަނުން ބައްދަލުކުރާނީ ޕޯޗުގަލް އާއެވެ.
ހަމައެއާއެކު މިކާމިޔާބީ އާއެކު ވޯލްޑް ކަޕް ކޮލިފައިންގައި ޖަރުމަނު ހިމެނިގެންދާނީ ލަގްޒެމްބޯގް، ނޯދަން އަޔަލަންޑް އަދި ސްލޮވާކިއާ އާއެކު ގްރުޕް އޭގައެވެ. އަދި އިޓަލީވިލާތް ހިމެނިގެންދާނީ އެސްޓޯނިއާ، އިސްރާއީލް، މޮލްޑޯވާ އަދި ނޯވޭ އާއެކު ގްރޫޕް އައިގައެވެ.