އެމެރިކާއާއި ޔޫރަޕާ ދެމެދު އުފެދެމުންދާ ސިޔާސީ ގުޅުމުގެ ކަންބޮޑުވުންތަކާ ގުޅިގެން، އިޓަލީ ސަރުކާރާއި އެލޮން މަސްކްގެ ސެޓެލައިޓް އިންޓަނެޓް ކުންފުނި ކަމަށްވާ ސްޓާލިންކާ ދެމެދު ހިންގަން ރޭވިފައިވާ 1.5 ބިލިއަން ޑޮލަރުގެ މުއާމަލާތް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އުފެދިއެއްޖެއެވެ.
ރޯމްގައި މިކަމާއި ގުޅިގެން ދެބަސްވުންތައް އުފެދެމުންދާ ދަނޑިވަޅެއްގައި، އިޓަލީގެ ރައީސް ސާޖިއޯ މެޓަރެއްލާއާ ބައްދަލުކުރުމަށް އެލޮން މަސްކް އެދިފައިވެއެވެ. މަސްކް ވަނީ ހޮނިހިރު ދުވަހު "އެކްސް" މެދުވެރިކޮށް، "ރައީސް މެޓަރެއްލާއާ ވާހަކަދެއްކުމަކީ ޝަރަފެއް" ކަމަށް ލިޔެފައެވެ.
އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ ސަރުކާރުން ވަނީ ސްޓާލިންކްއާއެކު ޑިޕްލޮމެޓުންނާއި، ސިފައިންނާއި އަދި އެހެނިހެން ސަރުކާރުގެ މުވައްޒަފުންނަށް ރައްކާތެރި މުއާޞަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސް އަހަރުގެ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.
ނަމަވެސް، ޔޫކްރެއިންއަށް އެމެރިކާއިން ދެމުންދިޔަ އަސްކަރީ އެހީތެރިކަން އަދި އިންޓެލިޖެންސް ހިއްސާކުރުން ސަސްޕެންޑް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި، އެލޮން މަސްކް ވަރަށް ގިނައިން އެކްސްގައި އެމެރިކާ ވަނީ ނޭޓޯއިން ވަކިވާން ޖެހޭ ކަމަށް ބުނަމުންދާއިރު، މި އެއްބަސްވުން ވެސް މިއީ އެޓްލާންޓިކް ދެކޮޅުގައި އުފެދިފައިވާ ދިފާއީ ޚިޔާލު ތަފާތުވުންތަކުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެފައިވާ ދަތިތަކެއް ކަމަށް ބެލެވެއެވެ.
މަސްކްގެ ނުފޫޒާ ގުޅިފައިވާ ކަނާތުފިޔައިގެ ސޯޝަލް މީޑިއާ ނުފޫޒުވެރިއަކު ބުނެފައިވަނީ ރައީސް މެޓަރެއްލާ އަމިއްލަ ގޮތުން މި މުއާމަލާތަށް ހުރަސްއަޅަމުން ގެންދަވާކަމަށެވެ. އިޓަލީގެ އިސްވެރިޔާގެ ހައިސިއްޔަތުން ވަރަށް ބޮޑު ނުފޫޒެއް ލިބިވަޑައިގެންފައިވާ ރައީސް މެޓަރެއްލާ ސްޓާލިންކްގެ އެއްބަސްވުމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ބަޔާނެއް ފާޅުކަން ބޮޑު ގޮތެއްގައި ނެރުއްވާފައެއް ނުވެއެވެ.
އެހެންނަމަވެސް، އެލޮން މަސްކަށް ވަނީ މިދިޔަ އަހަރު އިޓަލީގެ އެތެރޭގެ ސިޔާސީ ކަންކަމުގައި އަތްބާނައި، ޣައިރު ޤާނޫނީ ބިދޭސީން ހުއްޓުވުމަށް މެލޯނީގެ ސަރުކާރުން ހިންގި ޕްރޮގްރާމަކާ ދެކޮޅަށް ނިންމުންތަކެއް ނިންމާފައިވާ ފަނޑިޔާރުން ވަޒީފާއިން ވަކިކުރުމަށް ގޮވާލުމުން، ރައީސް މެޓަރެއްލާގެ ފާޑުކިޔުން ރައްދުވެފައިވެއެވެ.
މިހާރު އިޓަލީން ވަނީ ސްޓާލިންކްގެ ބަދަލުގައި ކްރިޓިކަލް ޚިދުމަތްތަކަށް އެހެން އެހެން ޓެކްނޮލޮޖީއެއް ވެސް ބަލަން ފަށާފައެވެ.
ޞިނާޢަތްތަކާއި ބެހޭ ވަޒީރު އަޑޮލްފޯ އަރްސޯ ވިދާޅުވެފައިވަނީ ސަރުކާރުން ޤައުމީ ޕްރޮވައިޑަރެއް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ސްޓާލިންކްގެ ވާދަވެރިއެއް ކަމުގައިވާ ވަންވެބްގެ މިލްކުވެރިންނަށްވާ ފްރެންޗް-ބްރިޓިޝް ކުންފުންޏެއް ކަމުގައިވާ ޔޫޓެލްސެޓްގެ ސީއީއޯ އީވާ ބާނީކް ވެސް ވަނީ ރޯމާއެކު މަޝްވަރާތައް ފައްޓާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.