އިޓާލިއަން ސެރީއާގެ ޔުވެންޓަސްގެ ކޯޗު ކަމުން ތިއާގޯ މޮޓާ ވަކިކޮށްފިއެވެ.
ޔުވެންޓަސްއިން އެ ޓީމުގެ ކޯޗު ކަމުން މޮޓާ ވަކިކޮށްފައިވަނީ ފަހަކަށް އައިސް އެ ޓީމަށް ރަނގަޅު ނަތީޖާ ތަކެއް ނެރެވެމުން ނުދާތީއެވެ. އުމުރުން 42 އަހަރުގެ މޮޓާ ޔޫވޭގެ ކޯޗުކަމުން ވަކިކޮށްފައިވަނީ އެމަގާމުގައި ނުވަ މަސް ހޭދަކުރިފަހުންނެވެ.
އޭނާ މަގާމުން ވަކިވިއިރު 36 ފަހަރު އިޓާލިއަން ސެރީއާގެ ތަށި ކާމިޔާބު ކޮށްފައިވާ ޔޫވޭ އުޅެނީ ސެރީއާގެ ތާވަލްގެ ފަސް ވަނައިގައެވެ.
މޮޓާގެ ކޯޗު ކަމުގެ ދަށުން ޔޫވޭ ކުޅުނު ފަހު މެޗަކަށް ވެގެންދިޔައީ މިދިޔަ ހަފުތާ ބަންދުގައި ފިއޮރެންޓީނާ އާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު ތިން ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފިއޮރެންޓީނާއެވެ. އަދި އޭގެ ކުރީ ހަފުތާގައި ޔޫވޭ ވަނީ އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން ހަތަރު ލަނޑު ސުން ލަނޑުން ބަލިވެފައެވެ.
މީގެއިތުރުން ޔޫވޭ ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި ޕީއެސްވީ އެއިންދްހޯވެން އަތުން ބަލިވެ އެ މުބާރާތަށް ވެސް އަލްވަދާއު ކިޔާފައެވެ. ހަމައެއާއެކު މިދިޔަ ސީޒަންގައި އެ ޓީމުން ކާމިޔާބު ކުރި ކޮޕާ އިޓާލިއާއިން ވެސް މި ސީޒަންގައި ޔޫވޭ ވަނީ ކަޓައިފައެވެ.
މޮޓާގެ ބަދަލުގައި ޔޫވޭއިން ވަނީ އެ މަގާމަށް އެޓީމަށް ކުރިން ކުޅެފައިވާ ކްރޮއޭޝިއާގެ އީގޯ ޓޫޑޯ ގެނެސްފައެވެ. ޓޫޑޯ ވަނީ 1998 ވަނަ އަހަރުން 2007 ވަނަ އަހަރާ ދެމެދު ޔޫވޭއަށް 150 މެޗު ކުޅެދީފައެވެ.
އުމުރުން 46 އަހަރުގެ ޓޫޑޯގެ ކޯޗިން ކެރިއާއަށް ބަލާލާއިރު އޭނާ އެންމެ ފުރަތަމަ ކޯޗު ކޮށްދީފައިވަނީ 2013 ވަނަ އަހަރު ހައިޑުކް ސްޕްލިޓް އަށެވެ. އަދި އޭގެ ފަހުން ގަލަތަސަރާއީ، އުދިނޭސީ، ހެލަސް ވެރޯނާ އަދި އޮލިމްޕިކް މާސޭއަށް އޭނާ ކޯޗު ކޮށްދީފައިވެއެވެ. އޭނާ އެންމެ ފަހުން ކޯޗު ކޮށްދީފައިވަނީ މިދިޔަ ސީޒަން ނިމެން ގާތް ވެފައިވަނިކޮށް ލާޒިއޯއަށެވެ. ނަމަވެސް އެއީ އެންމެ ތިން މަސް ދުވަހުގެ މުއްދަތަށެވެ.
ޓޫޑޯގެ ކޯޗު ކަމުގެ ދަށުން ޔޫވޭ ކުޅޭ ފުރަތަމަ މެޗަކަށް ވެގެންދާނީ މިއަންނަ ހޮނިހިރު ދުވަހު ސެރީއާގައި ގެނޯއާ އާ ދެކޮޅަށް ކުޅޭ މެޗެވެ.