އާ އަހަރު ފެށެނީ ވިއްސާރަކޮށް؛ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

މާލޭގައި ފެންބޮޑުވެފައި އޮތް މަގެއްގައި އަންހެނަކު ހިނގާފައި ދަނީ: ފެން ބޮޑުވެދާނެތީ ސަމާލުވާން ވަނީ އެދިފައި -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭއިން) މިއަދު އިލްތިމާސްކޮށްފިއެވެ.

މެޓުން ބުނީ، ސްރީލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، މި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާގެ ސަބަބުން އާ އަހަރު ބަންދުތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުތައް ގަދަވެ އަދި ބައެއް އަތޮޅުތަކަށް، އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް ލަފާކުރާ ކަމާށެވެ.

އެހެންކަމުން މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށާއި ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރަން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭކަންކަން:

  • ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ ގެއަށް ފެން ނުވަންނާނެހެން ކުރިއާލައި ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  • ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުތަކުގައި ހުންނަ ކާބޯތަކެތި އަދި ހިފާގެންގުޅޭ ތަކެތި (ދޮންނަމެޝިން، އައިސްއަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
  • ގަދަ ވައިގެ ސަބަބުން އެއްލައިލަފާނެ ތަކެތި ރައްކާތެރިކުރުން
  • ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
  • ކަނޑުދަތުރު ކުރާ މީހުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން
  • ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން
  • ކާޑުގެ ބާވަތްތަކާއި ޒިރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒީމުކުރުން

މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭއިރު އަންނަ އާދިއްތަ ދުވަހަކީ ޗުއްޓީއަކަށް ފަހު ސްކޫލުތައް ހުޅުވާ ދުވަހެވެ. އެހެންކަމުން ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އަތޮޅުތެރެއާއި މާލެއާ ދެމެދު ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރާނެއެވެ.

ޚާއްސަކޮށް އާ އަހަރުގެ ޗުއްޓީއަށް ގިނަ ބަޔަކު އަންނަނީ މާލެއިން ބޭރަށް ދަތުރުކުރަމުންނެވެ.

ނިމުނު ބަންދު ހަފުތާ ތެރޭގައި ވެސް ވަނީ ބަންގާޅު ކަނޑުގައި ގޮޅިގަނޑެއް އުފެދި އޭގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގިނަ ގެއްލުންތަކެއް ލިބިފައެވެ.

މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށް އެ އިދާރާއިން އަބަދު ވެސް އިލްތިމާސްކުރެއެވެ.

comment ކޮމެންޓް