ތިނަދޫގެ ސިޓީގެ ދަރަޖަ އުވައިލަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތް

ގ.ދ. ތިނަދޫ. (ފޮޓޯ / ސްޓޫޑިއޯ33)

ގދ. ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށާއި، އެ ކަން ކޮށްފައި އޮތީ އޮޅުވައިލައިގެންކަމަށް ބުނެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ދެއްވި ސިޓީއެއްގެ ދަރަޖަ އުނިކުރުމަށް އެދި، ހައިކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން އެ ކޯޓުން އިއްޔެ ނިންމައިފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނީ ވަކީލު އަޙުމަދު ރަގީބެވެ.

ކޯޓުން ބުނީ އެ ކޯޓަށް ދުސްތޫރީ މައްސަލަ ބެލުމަށް ލިބިފައިވާ އިހްތިޞާސަކީ ސުޕްރީމް ކޯޓަށް ބަލައިގަންނަ މައްސަަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނުނެއްްގެ ބައެއް، ގާނޫނު އަސާސީއާ ތައާރުޒުވާކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަަލަތައް ކަމަށެވެ.

މީގެ އިތުރުން ގާނޫނަކުން ބާރު ލިބިގެން ހަދައިފައިވާ ގަވައިދެއް ނުވަތަ އެ ގަވައިދެއްގެ ބައެއް، ގާނޫނުއަސާސީއާ ނުވަތަ، ގާނޫނަކާ ތައާރުޒުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

އެއެއާއެކު ރާގިބް ހުށަހެޅުއްވި މައްސަލައިގެ ސީޣާއާއި ދައުވާ ބިނާކުރާ ސަބަބުތަކަށް ބަލާއިރު، ސިޓީއެއްގެ ދަރަޖަ ދިނުމަށް އެއިރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނެރުއްވި ގަރާރަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް، ނުވަތަ ފާސްކޮށްފައިވާ ގާނޫނަކުން އެކުލަވައިލައިފައިވާ މަސްދަރެއްކަން ރާޣިބަށް ބުނެދެވިފައި ނުވާ ކަމަށް ކޯޓުން ބުންޏެވެ.

އެހެންވެ މި މައްސަލައަކީ ކޯޓަށް ބެލުމުގެ އިހުތިޞާސް ލިބިފައިވާ މައްސަލައެއްކަމަށް ނުބެލެވޭތީ މައްސަލަ ބަލައިނުގަންނަން ނިންމީ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

https://sun.mv/199490

ސިޓީއެއްގެ ދަރަޖަ ބާތިލް ކުރަން އެދި ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާ ކަމަށް ދައްކާފައި ވަނީ ސައްޙަ ނޫން މައުލޫމާތުތަކެއް ހިމެނޭ އާބާދީގެ ލިސްޓަކުން ކަމަށެވެ. އެއާއެކު، ވަނީ އެ ރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދޭ މިންވަރަށް މީހުން ހަމަނުވާ ކަމަށް ބުނެ، ސަބަބުތަކެއް ހިއްސާކޮށްފައެވެ.

މިގޮތުން، އެރަށުގެ އާބާދީގައި 10،150 މީހުން އިތުރުކުރުމަށް ޓަކައި މަރުވެފައިވާ 115 މީހެއްގެ ނަން ލިސްޓުގައި ހިމަނާފައިވާ ކަމަށާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓާ އާބާދީގެ ލިސްޓާއި އެރަށު ކައުންސިލްގެ ރަޖިސްޓްރީގައިވާ އާބާދީ ލިސްޓުން ގިނަ ގާނޫނީ މައްސަލަތަކެއް ފާހަގަވާކަމަށް ބުނެފައިވެއެވެ.

comment ކޮމެންޓް