ތިނަދޫގެ އާބާދީ އިތުރުކުރީ އޮޅުވައިލައިގެންކަމަށް ބުނެ ސިޓީގެ ދަރަޖަ އުވައިލަން ކޯޓަށް

ގދ. ތިނަދޫ: ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށް ބުނެ، ސިޓީގެ ދަރަޖަ އުނިކުރަން ކޯޓަށް (ފޮޓޯ / ސްޓޫޑިއޯ33)

ގދ. ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަނުވާ ކަމަށާއި، އެ ކަން ކޮށްފައި އޮތީ އޮޅުވައިލައިގެންކަމަށް ބުނެ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެ ރަށަށް ދެއްވި ސިޓީއެއްގެ ދަރަޖަ އުނިކުރުމަށް އެދި، ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައި ވަނީ ގާނޫނީ ވަކީލު އަޙުމަދު ރަގީބެވެ.

ސިޓީއެއްގެ ދަރަޖަ ބާތިލް ކުރަން އެދި ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާ ކަމަށް ދައްކާފައި ވަނީ ސައްޙަ ނޫން މައުލޫމާތު ތަކެއް ހިމެނޭ އާބާދީގެ ލިސްޓަކުން ކަމަށެވެ. އެއާއެކު، ވަނީ އެ ރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދޭ މިންވަރަށް މީހުން ހަމަނުވާ ކަމަށް ބުނެ، ސަބަބުތަކެއް ހިއްސާކޮށްފައެވެ.

މިގޮތުން، އެރަށުގެ އާބާދީގައި 10،150 މީހުން އިތުރުކުރުމަށް ޓަކައި މަރުވެފައިވާ 115 މީހެއްގެ ނަން ލިސްޓުގައި ހިމަނާފައިވާ ކަމަށާއި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ބަލަހައްޓާ އާބާދީގެ ލިސްޓާއި އެރަށު ކައުންސިލްގެ ރަޖިސްޓްރީގައިވާ އާބާދީ ލިސްޓުން ގިނަ ގާނޫނީ މައްސަލަތަކެއް ފާހަގަވާކަމަށް ބުނެފައިވެއެވެ.

އާބާދީ ލިސްޓުގައި އެންމެ މީހެއްގެ ނަމުގައި ތަކުރާރުކޮށް އައިޑީކާޑު ބޭނުންކޮށްފައި ހުރި ކަމަށާއި ލިސްޓަށް މީހުން އިތުރުކުރުމަށް ގާނޫނުގައިވާ ގޮތަށް އެލްޖީއޭ މެދުވެރިކޮށް ތިނަދޫގެ އާބާދީގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން އެހެން ރަށެއްގެ މީހަކު އެ ލިސްޓުގައި ރަޖިސްޓްރީވެފައި ވޭތޯ ބަލާފައިނުވާ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ޑީއެންއާރްއިން ހޯދި މައުލޫމާތުން މިހާރު ތިނަދޫގެ އަބާދީގައި ތިބީ 7,924 މީހުން ކަމަށް ވެސް ވަނީ ބުނެފައެވެ.

އެ ސަބަބުތަކަށް ރިއާޔަތްކޮށް އެ މައްސަލާގައި އެދިފައި ވަނީ، ތިނަދޫއަކީ ސިޓީއެއްކަމަށް ނިންމި ނިންމުމާއި އެ ނިންމުމާ ގުޅިގެން އަޅާފައިވާ ހުރިހާ އިދާރީ ފިޔަވަޅުތައް ބާތިލުކުރުމަށެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިންކަން ކުރީގެ ރައީސް ޞާލިޙް އިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެ ރަށުގައި ބޭއްވި ރިޔާސީ ކެންޕޭން ޖަލްސާއެއްގައެވެ.

comment ކޮމެންޓް