އޭނާގެ މަސްހަލަތު އޮތް ކުންފުނިތަކުން ތިނަދޫ ސިޓީ ކައުންސިލަށް ދައްކަން ހުރި ފައިސާ ވަރަށް އަވަހަށް ދައްކަވާނެ ކަމަށް ވިދާޅުވެ، އަމިއްލަ ނަމުގައި ދައްކަން ހުރި ފައިސާ ހޯދުމަށް ކައުންސިލުން ކޯޓަށް ދިޔުމަށް ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސަޢުދުﷲ ހިލްމީ އެދިވަޑައިގެންފިއެވެ.
މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ތިނަދޫ ސިޓީ ކައުންސިލުން އާންމުކުރި އިއުލާނަކުން އެނގޭ ގޮތުގައި، ބިމު ކުލީގެ ގޮތުގައި ސައުދުﷲ އެ ކައުންސިލަށް ދައްކަން ޖެހޭ ޖުމުލަ 951،403.87 ރުފިޔާ އެބަ އޮތެވެ. މިގޮތުން، އޭނާގެ ސްވިފްޓް އިންޖިނިއަރިން ކުންފުނިން ބިމު ކުލީގެ ގޮތުގައި 81،000 ރުފިޔާ އަދިވެސް ނުދައްކައި އޮތް އިރު، ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 351،789 ރުފިޔާ ހަތަރު ލާރި ދައްކަންޖެހެއެވެ.
ސަޢުދުﷲ ގެ މިމްސް ކޮންސްޓްރަކްޝަނުން ބިމު ކުލީގެ ގޮތުގައި 41،520 ރުފިޔާ އަދި ނުދައްކާ އޮތް އިރު، ޖޫރިމަނާގެ ގޮތުގައި 43،939 ރުފިޔާ 73 ލާރި ދައްކަންޖެހެއެވެ. އަދި، އޮގަސްޓު 2023އިން ފެށިގެން ޖޫން 12، 2025ގެ ނިޔަލަށް ކުލީގެ ގޮތުގައި ސަޢުދުﷲ 115،000 ރުފިޔާ ދައްކަވަން ޖެހޭއިރު ޖޫރިމަނާގެ ގޮތުގައި 318،155 ރުފިޔާ 10 ލާރި ދައްކަވަން ޖެހެއެވެ.
އެ ފައިސާއާ ގުޅިގެން އެސްއެސްޓީވީގެ 'ބާރު ހަތަރެއް' ޕްރޮގްރާމުގައި ސުވާލުކުރުމުން ސައުދުﷲ ވިދާޅުވީ، އިގުތިޞާދަށް އައި ލޮޅުންތަކާއެކު އެ ކަމުގެ އަސަރު އޭނާގެ ކުންފުނިތަކަށް ވެސް ކުރި ކަމަށެވެ. މިގޮތުން، ކުންފުނިތަކުގެ މާލީ ހާލަތު ރަނގަޅުވިހާ އަވަހަށް ޖޫރިމަނާއެކު، އެ ފައިސާ ދައްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ފައިސާ އަޅުގަނޑުމެންނަށް ދެއްކޭ ހިސާބަށް ދިޔާމަ އަޅުގަނޑުމެން އެ ފައިސާ ދައްކާނަން. މީގަ ދިމާވާ އެހެން މައްސަލައެއް ވެސް އޮވޭ. އެގްރީމަންޓުގައި އޮންނަ ގޮތުން ވަރަށް ބޮޑު ޖޫރިމަނާއެއް ނަގާ. ދައްކަން ޖެހޭ އެއްޗެއްގެ އެތައް ގުނައެއް އެބަހުރި ޖޫރިމަނާއަށް އަރާފައި،" އޭނާ ކިޔައިދެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަތީ ކޯޓުތަކުން ނިންމާފައިވާ ގޮތުން އެ ފަދަ ބޮޑު ޖޫރިމަނާއެއް އަރައިގެން ނުވާނެއެވެ.
އަމިއްލަ ނަމުގައި ކައުންސިލަށް ދައްކަން އޮތް ފައިސާއާ ގުޅުވައި ސައުދުﷲ ވިދާޅުވީ، އޭނާއާ ހަވާލުކުރި އެ ބިމުގައި އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވާނެ ކަމަށެވެ. އެ ބިން އޭނާއާ ހަވާލުކުރިއިރު އެ ތަނުގައި އެހެން ބައެއްގެ އެއްޗެހި ހުރިކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ، ކައުންސިލުން އެ ބިން ދޭން ވާނީ ހުސްކޮށްފައި ކަމަށެވެ.
"އެ ކަހަލަ އެއްވެސް ކަމެއް ނެތި އަޅުގަނޑަށް ފައިސާ ދައްކަން ޖެހި ޖޫރިމަނާތަކެއް ދައްކަން ޖެހޭތީވެ، އެ ކޮޅުގައި ބޭއްވި ބައްދަލުވުމެއްގައި ދެންނެވިން ވަރަށް ރަނގަޅޭ ކޯޓަށް ގޮސްގެން މައްސަލަ ގޮތަކަށް ނިންމިއްޔާ. ކޯޓުން އަޅުގަނޑު ދައްކަން ޖެހޭ އެއްޗެއް ކަމަށް ނިންމައިފިއްޔާ ދައްކާނަން. އެކަމަކު ކޯޓުން ބޭރުން ދައްކަން ޖެހޭ އެއްޗެއް ކަމަށް ގަބޫލެއް ނުކުރަން. އެހެންވެ، އެ ފައިސާ ނުދައްކާ މި ހުރީ" އޭނާ އިތުރަށް ތަފުސީލުކޮށްދެއްވިއެވެ.