"ތިނަދޫ ސިޓީ ކައުންސިލަށް ލިބެންޖެހޭ 45 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބޭ"

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ: -- ފޮޓޯ: ތިނަދޫ ސިޓީ ކައުންސިލް

ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރައްވާ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ހިމެނޭހެން އެކި ފަރާތްތަކުން ތިނަދޫ ސިޓީ ކައުންސިލަށް 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހޭކަން އެ ކައުންސިލުން މިއަދު ބުނެފިއެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވަނީ އެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކާއި އެހެނިހެން ގޮތްގޮތުން ނުލިބިހުރި ފައިސާގެ ތެރެއިން މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ 45،804،913 ރުފިޔާ 86 ލާރި ނުލިބި އެބައޮތް ކަމަށެވެ.

އެހެންކަމުން ބިމުކުލި ދައްކަމުން ނުދާ ފަރާތްތަކުން މަހުން މަހަށް އެ ފައިސާ ދައްކަމުން ދިއުމަށް ތިނަދޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

އަދި ނުދައްކާ ހުރި ކުލީގެ ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާތަކަށް ފޮނުވައި އެފަދަ ބިންތަކާމެދު ގާނޫނީގޮތުން ފިޔަވަޅު އަޅަން ފަށައިފައިވާ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

އިއުލާނާއެކު ތިނަދޫ ސިޓީ ކައުންސިލުން އެއްކަރުދާސްކުރި މައުލޫމާތުގައިވާ ގޮތުން، ސަޢުދުﷲ ގެ ސްވިފްޓް އިންޖިނިއަރިން ކުންފުނިން ބިމު ކުލީގެ ގޮތުގައި 81،000 ރުފިޔާ އަދިވެސް ނުދައްކައި އޮތް އިރު، ޖޫރިމަނާގެ ގޮތުގައި އެ ކުންފުނިން 351،789 ރުފިޔާ ހަތަރު ލާރި ދައްކަންޖެހެއެވެ.

އޭގެ އިތުރުން ސަޢުދުﷲ ގެ މިމްސް ކޮންސްޓްރަކްޝަނުން ބިމު ކުލީގެ ގޮތުގައި 41،520 ރުފިޔާ އަދި ނުދައްކާ އޮތް އިރު ޖޫރިމަނާގެ ގޮތުގައި 43،939 ރުފިޔާ 73 ލާރި ދައްކަންޖެހެއެވެ. އެއީ އޮކްޓޯބަރު 2019އިން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ކުންފުނިން ބިމުކުއްޔާއި ޖޫރިމަނާގެ ގޮތުގައި ނުދައްކައި އޮތް ފައިސާއެވެ.

އަދި އޮގަސްޓު 2023އިން ފެށިގެން ޖޫން 12، 2025ގެ ނިޔަލަށް ކުލީގެ ގޮތުގައި ސަޢުދުﷲ 115،000 ރުފިޔާ ދައްކަވަން ޖެހޭއިރު ޖޫރިމަނާގެ ގޮތުގައި 318،155 ރުފިޔާ 10 ލާރި ދައްކަވަން ޖެހެއެވެ.

އެހެންކަމުން ސަޢުދުﷲ ގެ ފަރާތުން ޖުމުލަ 951،403 ރުފިޔާ 87 ލާރި ތިނަދޫ ސިޓީ ކައުންސިލަށް ލިބެންޖެހޭ ކަމަށް، އެ ކައުންސިލުން އާންމުކުރި މައުލޫމާތުގައިވެއެވެ.

އެ މައުލޫމާތުގައިވާ ގޮތުން ސަރުކާރުގެ ގޭސް ކުންފުނި މޯލްޑިވް ގޭސްއިން ބިމު ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލަށް 6،481،923 ރުފިޔާ އަށް ލާރި ދައްކަން ޖެހޭނެއެވެ.

ހަމަ އެހެންމެ ޑީއެމްއެން ހާޑުވެއާއިން 7،119،559 ރުފިޔާ 12 ލާރި ބިމުކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭއިރު އަޒްރޯވާ މޯލްޑިވްސް ކުންފުނީގެ ފަރާތުން 4،063،290 ރުފިޔާ 41 ލާރި ދައްކަންޖެހޭ ކަމާއި އަކުއާ ލައިން ކުންފުނިން 13،716،225 ރުފިޔާ 97 ލާރި ދައްކަންޖެހޭ ކަމަށް ވެސް، ކައުންސިލުން އާންމުކުރި މައުލޫމާތުގައިވެއެވެ.

ކައުންސިލުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ބައެއް ފަރާތްތަކުން 2017ވަނަ އަހަރުން ފެށިގެން ވެސް ބަރާބަރަށް ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކަމުން ނުދެއެވެ.

'ސަން'އިން ސުވާލުކުރުމުން ތިނަދޫގެ މޭޔަރު ސަޢުދު ޢަލީ ވިދާޅުވީ ކައުންސިލަށް ނުލިބި ހުރި ފައިސާ ހޯދުމަށްޓަކައި ބޮޑެތި މައްސަލަތައް ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް