ދަށް ނަތީޖާތަކަށް ފަހު ސިޓީއަށް ލުޔެއް؛ ގާޑިއޯލާގެ ދަށުން 500 ވަނަ މޮޅު

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ގިނަ މެޗުތަކެއްގައި ދަށް ނަތީޖާއެއް ނެރުމަށް ފަހު، ލެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ލެސްޓާގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

މެޗުން ސިޓީ މޮޅުވި ނަމަވެސް، ގިނައިރު ބޯޅަ ގެންގުޅުނީ ލެސްޓާއިންނެވެ. މިއީ، މި ފަހުން ދަށް ނަތީޖާތަކެއް ނެރެމުންދާ ސިޓީ މުޅިން ފޯމަކަށް ނޭޅޭކަމުގެ ހެއްކެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން ސިޓީއަށް މޮޅުވެވުނު ދެވަނަ މެޗެވެ.

ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާވީނިއޯއެވެ. މިއީ އޭނާ ސިޓީއަށް މިހާތަނަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ދެވަނަ ހާފުގައި ލެސްޓާއިންވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު، ސިޓީން ވަނީ ޑިފެންސުން ގޯހެއް ނުހަދަން ވަރަށް ވިސްނުންތެރިކަމާ އެކު ކުޅެފައެވެ.

ސިޓީން ކާމިޔާބުކުރި ދެވަނަ ލަނޑު، 74 ވަނަ މިނެޓުގައި ސާވީނިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްފައިވަނީ ހާލަންޑެވެ. މިއީ ހާލަންޑް މި ފަހަރު ލީގުގައި ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އެންމެ ފަހު މެޗުގައި އެވަޓަންއާއި ބައްދަލުކޮށް އެއްވަރުވި މެޗުގައި ޕެނަލްޓީއެއް ނާކާމިޔާބުވެފައިވުމުން މި މެޗުގައި އޭނާއަށް މި ލަނޑު ކާމިޔާބުކުރެވުމުން މޫނުމަތިން ހިތްހަމަޖެހުން ފެނުނެވެ.

މިއީ ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން މޮޅުވި 500 ވަނަ މެޗެވެ.

މި ފަހުން ދަށް ނަތީޖާތަކެއް ނެރެމުންދާ ސިޓީ މިހާރު އޮތީ 31 ޕޮއިންޓާ އެކު ފަސްވަނަައިގައެވެ. މެޗުން ބަލިވި ލެސްޓާ އޮތީ 14 ޕޮއިންޓާ އެކު 18 ވަނައިގައެވެ.

މި މުބާރާތުގައި ކްރިސްޓަލް ޕެލަސް އާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ޕެލަސްއިންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ސައުތެމްޕްޓަންގެ ޓައިލާ ޑިބްލިން ޖަހައިދީ ލީޑު ނަގައިދިން ނަމަވެސް ޕެލަސްއިން ވަނީ ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށް، މެޗު ކާމިޔާބުކޮށްފައެވެ. ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެވާ ޗަލޯބާއާއި އެބެރެޗީ އެޒޭއެވެ.

މި ކާމިޔާބީއާ އެކު ޕެލަސް މިހާރު އޮތީ 20 ޕޮއިންޓާ އެކު 15 ވަނައިގައެވެ. ސައުތެމްޕްޓަން އޮތީ ހަ ޕޮއިންޓާ އެކު އެންމެ ފުލުގައެވެ.

comment ކޮމެންޓް