ގޭ ބަންދު ހުކުމެއްގައި ހުރި މީހަކު ފިހާރައެއް ފަޅައިލައި، ފޯނުތަކެއް ފޭރިއްޖެ

ފިހާރައެއް ފަޅާލާ ފަސް ފޯނު ވަގަށްނެގި ރ.މީދޫ، ބުލްބުލްގެ، އުމުރުން 40 އަހަރުގެ އަޒްމީލް މުޙައްމަދު. އޭނާ ވަނީ މީގެ ކުރީންވެސް 59 ފަހަރެއްގެ މަތީން ހައްޔަރުކޮށްފަ --- ފޮޓޯ/ ފުލުހުން

ގޭ ބަންދު ހުކުމެއް ތަންފީޒުކުރަން ކޯޓުން ހުކުމް އިއްވައިފައިވާ މީހަކު ފިހާރައެއް ފަޅައިލައި، ފަސް ފޯނު ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުންނަ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ ފިހާރައިން ފޭރުނު މައްސަލައެއް ރިޕޯޓުކުރީ އިއްޔެ 04:00 އެހާކަންހާއިރު ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ.މީދޫ، ބުލްބުލްގެ، އުމުރުން 40 އަހަރުގެ އަޒްމީލް މުޙައްމަދު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެ ފިހާރައިން ވަގަށް ނަގައިފައިވާކަމަށް ބެލެވޭ ފަސް ފޯނު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އަޒްމީލަކީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހުގެ ވަގުތެއްގައި "ކްރޭވްސް ޓޭކްއަވޭ" ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކުށް ސާބިތުވެ ފަސް މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް މިދިޔަ މަހުގެ ހަވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެއް ކަމަށެވެ.

މީގެ އިތުރުން އޭނާއަކީ މީގެކުރިން ވެސް އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި، ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑް އޭނާގެ އޮންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

"ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އަޒްމީލްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އެ ކޯޓުން އަމުރު ކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީ މިހާރު މާލޭގައި އާންމުވެފައިވާ މައްސަލައެކެވެ. ދާދި ފަހުންވެސް ކްރިމިނަލް ކޯޓުން ވަނީ ދެ ލެޕްޓޮޕާއި ދެ އައިފޯނު ވަގަށް ނެގި މީހަކު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

comment ކޮމެންޓް