ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ކައްކަމުންދިޔަ ތަނެއް ބަލައިފާސްކޮށް, ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ބިދޭސީ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެ ތިން މީހުންނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ކަމަށެވެ. އެއީ:
- އެމްޑީ އަހަންނާން، 51 އަހަރު
- ތުހިންމިއާ، 34 އަހަރު
- މުހައްމަދު ޝަޖަލާލް، 33 އަހަރު
ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އެމްޑީ އަހަންނާން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހިން ފޮށިގަނޑެއް ހިފައިގެން ދާތަން ފުލުހުންނަށް ފެނުމުން އޭނާގެ ހަރަކާތްތައް ބަލަމުންދަނިކޮށް އެ ފިޔަވަހީގެ އަތިރިމަތީގައި ފޮށިގަނޑެއް ފޮރުވުމަށްފަހު ދަނިކޮށް ކަމަށެވެ. އޭނާ ހުއްޓުވަން އުޅުމުން މާރާމާރީ ހިންގައި ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފައި ވާކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އޭނާ ހައްޔަރުކޮށް އަތިިިިރިމަތީގައި އޭނާ ފޮރުވި ފޮށިގަނޑު ނަގައި، ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 30 ފުޅި ފެނިފައި ވާކަމަށާއި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުން އުޅެމުންދާ ސައިޓަށް ފުލުހުން ދިއުމުން ފުލުހުންނަށް ފިލަން މަސައްކަތްކުރަނިކޮށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެތިން މީހުން ހައްޔަރުކޮށް، އެމީހުން މަސައްކަތްކުރާ ސައިޓުގެ ބަދިގެ ބަލައި ފާސްކުރިއިރު އެވަގުތު ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުންދިޔަކަން ފާހަގަކުރެވިފައި ވާކަމަށެވެ. އަދި އެތަން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 500 އެމްއެލްގެ 72 ފުޅިއާއި ބަނގުރާ ފުޅިއެއް ފެނިފައި ވާކަމަށާއި ބަދިގެ ތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ތަކެތި ފެނިފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތަށް މި ތިން މީހުން ވެސް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.