ރޭސިން އެސޯސިއޭޝަން އޮފް ދި މޯލްޑިވްސްއިން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ރޭސިން އިވެންޓުކަމަށްވާ، ރާސް ޗެމްޕިއަންޝިޕުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ރަސްމީ އިދާރާތަކުން 'އަނގަބަހުން' ހުއްދަދީ، މިއަދު އިވެންޓު ބާއްވަން ތައްޔާރުވެފައިވަނިކޮށް އެ ކަމަށް ހުރަސް އެޅުމުން އެ އެސޯސިއޭޝަނުން ނުރުހުން ފާޅުކޮށްފިއެވެ.
ރޭސިން އެސޯސިއޭޝަނުގެ، ދެ ދުވަހަކަށް ބަހައިލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އިވެންޓު ބާއްވަނީ ހުޅުމާލެ ދެވަނަ ފިޔަަވައްސަށް އަރަން، ވެމްކޯ ކައިރި އޮންނަ ބްރިޖާ ގުޅިފައިވާ މަގުގައެވެ. މި ރޭސިން ޗެމްޕިއަންޝިޕުގައި ކާރާއި ސައިކަލުގެ 15 ކެޓަގަރީން 72 ރޭސަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވެއެވެ.
މަސްދުވަހެއް ކުރިން ކަމާ ގުޅުންހުރި އެންމެ އިސް ފަރާތްތަކުން ދިން ހުއްދައާއެކު މިއަދު އިވެންޓު ބާއްވަން ތައްޔާރުވެފައިވަނިކޮށް އެ ކަން ހުއްޓުވުމުން އެ އެސޯސިއޭޝަނުގެ ކަންބޮޑުވުންތައް ވަނީ "ސަން"އާ ހިއްސާކޮށްފައެވެ.
އެގޮތުން އެ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޝާމިން "ސަން"އަށް ވިދާޅުވީ އިވެންޓު ހުއްޓުވަން އައި ފުލުހުން އެންގީ ލިޔެކިޔުމަކުން ދީފައިވާ ހުއްދަ ދެއްކުމަށް ކަމަށެވެ.
ނަމަވެސް އެ އިވެންޓު ބާއްވަން އެންމެ ފުރަތަމަ މަޝްވަރާތައް ކުރިއަށް ދިޔައިރު، އެއްވެސް ރަސްމީ އިދާރާއަކުން ލިޔެކިޔުމުން ހުއްދަ ނުދިނީ، މި އަހަރު އޯގަސްޓު މަހު ސެންޓްރަލް ޕާކު ކައިރި ރޭސް ކާރެއް ހިމެނުނު ސީރިއަސް އެކްސިޑެންޓާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހުޅުމާލޭގައި ރޭސިންއާއި ޑްރިފްޓިންގެ ހުއްދަތައް ބާތިލްކުރަން އަންގައިފައިވާތީ ކަމަށް ޝާމިން ވިދާޅުވިއެވެ.
އޭރު، އެ އެސޯސިއޭޝަންގެ ހުއްދަ ބާތިލުކުރާތީ އެ ކަމާމެދު ސްޕޯޓްސް މިނިސްޓްރީގައި ސުވާލު އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ. އެއާއެކު އެ މިނިސްޓްރީން، އެ އެސޯސިއޭޝަނުގެ އެއްވެސް ހުއްދައެއް ބާތިލްނުކުރާނެކަމުގެ ޔަގީންކަން ދިންކަމަށް ވެސް ޝާމިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރޭސިން އެސޯސިއޭޝަނުން ހުއްދަ ނަގަނީ ހަމައެކަނި މިފަދަ އިވެންޓުތައް ބާއްވަންވުމުން އެކަނި ކަމަށެވެ. އެހެންކަމުން އެއީ އަބަދު ދީފައި އޮންނަ ހުއްދައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
"އިވެންޓެއް މިސާލަކަށް މިހާރު، މި ވީކެންޑުގައި ބާއްވަން ވީމާ، އަޅުގަނޑުމެން ކުރީބައިގައި ހުއްދައަށް [ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން] އެޗްޑީސީއަށް ލީމައި އެޗްޑީސީން ދޭނެ ހުއްދަ. ދެން އެހެންވީމާ އެ ހުއްދައިގެ ދަށުން އިވެންޓު ކުރިއަށްގެންދާނީ،" ޝާމިން
އެއާއެކު އިވެންޓު ބާއްވާ ތާރީޚު ކައިރިވުމުން އެޗްޑީސީގައި ހުއްދައަށް އެދުމުން، އެ ކޯޕަރޭޝަނުން އެންގީ، ރައީސް އޮފީހުން އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ނުހޯދެނީސް ހުއްދަ ލިޔުމުން ނުދެވޭނެކަމަށް ކަން ޝާމިން ވިދާޅުވިއެވެ.
އެ ކަން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުގެ ސަމާލުކަމަށް ގެނައުމުން، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު އަމީނާއި، ފުލުހުންގެ ވެރިންނާއި، އެޗްޑީސީގެ ވެރިންނާއެކު ބައްދަލުވުމެއް އޮތްކަމަށް ޝާމިން ވިދާޅުވިއެވެ.
"... [އެ ބޭފުޅުންނާ] ވާހަކަ ދައްކައިގެން އެއް މީޓިންއަކަށް އަރައިގެން މި ނިންމީ އަންއޮފިޝިއަލީ އަޅުގަނޑުމެންގެ އިވެންޓުތައް ކުރިއަށް ގެންދަން ހުއްދަ ދޭން، މާލޭގައި އޮތް އިވެންޓަށް،" ޝާމިން ވިދާޅުވިއެވެ.
ޝާމިން ވިދާޅުވީ އެ ބައްދަލުވުމުގައި، އަނގަބަހުން ނުރަސްމީކޮށް ދިން ހުއްދައާއެކު އެ މަގުގައި ފަރިތަކުރުން ބާއްވާތާ ވެސް މިހާރު ތިން ހަފުތާ ވެއްޖެކަމަށެވެ. އަދި ރޭސިން ވެހިކަލްތައް އިވެންޓު އޮންނަ ތަނަށް ގެނެސްދެނީ ވެސް ފުލުހުންގެ އެސްކޯޓުގައި ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެޗްޑީސީން، އިވެންޓަށް ބޭނުންކުރާ މަގު ސާފުކޮށްދީ، ސެޓަޕް ވެސް ޖަހައިދިން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަމު އެ ހުރިހާ ކަމެއް މި ހިނގީ އަންއޮފިޝަލީ. ލިޔުމެއް ނެތި މިނިސްޓަރާއެކު މި ކުރި މީޓިންގައި އެއްބަސްމިވީ އަޅުގަނޑުމެންނަށް މި ކަން ކޮށްދޭން. އެއްވެސް ބޭފުޅަކު ބޭނުންނުވަނީ އޮފިޝަލީ ލިޔުމެއް ދޭން [ބިކޯޒް] ރައީސް ޓްވީޓުކުރައްވައިފައިވާތީ،" ޝާމިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ހުރިހާ ކަމަކަށްފަހު އެންމެ ފަހު ވަގުތު ފުލުހުން އިވެންޓަށް ހުރަސް އެޅުމުން ރޭސަރުން ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފައި ކަމަށެވެ. ސަބަބަކީ ފަހު ވަގުތާ ޖެހެންދެން ވެސް މިނިސްޓަރު ރާފިއުގެ ފަރާތުންނާއި، އިދާރާތަކުގެ ވެރީންގެ ފަރާތުން ވެސް އެކަމުގެ އެއްބާރުލުން ދީގެން މަސައްކަތް ކުރިއަށް ދިޔައީތީކަމަށް ޝާމިން ބުންޏެވެ.
"އަދިވެސް މިނިސްޓަރު ނުދަންނަވާ ނުބޭއްވޭނެއެކޭ،" އޭނާ ވިދާޅުވިއެވެ،
ޝާމިން ވިދާޅުވީ ރޭސިން ކުޅިވަރު ރާއްޖޭގައި ކުރިއަށްދާތާ 17 އަހަރުވެއްޖެ ކަމަށެވެ. އަދި އެ އެސޯސިއޭޝަނުން ބާއްވާ މި އިވެންޓަކީ މަދުވެގެން ހަތް އަހަރުގެ ތަޖުރިބާއާއެކު، މިކަމަށް ތަމްރީނު ލިިބިގެން ތިބި ބައިވެރިންނާއެކު ކުރިއަށް ގެންދާ އިވެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝީޝާ ފަދަ ބޮޑެތި ކުންފުނިތަކުގެ ސްޕޮންސަޝިޕާއެކު ކުރިއަށްދާ އިވެންޓެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ގިނަ ޒުވާނުންތަކެއް އިންތިޒާރުކުރި މި އިވެންޓު މިހާރު އޮތީ ހުއްޓުވައިލައިފައި ކަމަށެވެ. ނަމަވެސް މަސައްކަތް ކުރަމުން އަންނަނީ އެ ކަމުގައި ކުރިއަށް ދެވޭނެ ގޮތެއް ހޯދަން ކަމަށް ޝާމިން ވިދާޅުވިއެވެ.