މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި އެއް ބިލިއަން ރުފިޔާގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ލަންކާގެ ފަސް މީހުންގެ ބަންދަށް 30 ދުވަސް އިތުރުކޮށްފިއެވެ.
އެ ފަސް މީހުންނަކީ މިދިޔަ މަހުގެ 24ގައި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހދ. މަކުނުދޫ ބޭރުން ހިފެހެއްޓި ލަންކާގެ މަސްދޯންޏެއް ތިބި މީހުންނެވެ.
ފުލުހުން ބުނެފައި ވަނީ އެ ދޯނިން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އޭގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ލަންކާގެ ފަސް މީހުންނަކީ:
- ވިޖެވީރާ ގުނަރަތަނާ މަހާވިދޯމާ، 37 އަހަރު
- ރާޖްޕަކްޝަ ގެމަގެ ދެނުޝާ މަޑުމަލް، 21 އަހަރު
- ލޮރެންސް ހޭވާގީ ސަރަތު، 57 އަހަރު
- މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ، 22 އަހަރު
- ޗަމޮދް ދިވަންގާ ދިލަކަވާ، 22 އަހަރު
އެ މީހުން ތިބި ދޯނި ހިފެހެއްޓުމަށް ފަހު ފުރަތަމަ ގެންދިޔައީ ހދ. ކުޅުދުއްފުށްޓަށެވެ. އެހެންވެ، އެ މީހުންގެ ބަންދުގެ މުއްދަތު ފުރަތަމަ ޖެހީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުންނެވެ.
އެ މުއްދަތު ހަމަވުމުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުމުން އެ ކޯޓުން ވަނީ އެންމެންގެ މުއްދަތަށް ވެސް އިތުރު 30 ދުވަސް ޖަހައިފައެވެ.
އެ ކޯޓުން ނެރެފައިވާ އަމުރުގައި، މިމީހުން ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ތުހުމަތެއް ވުޖޫދުވާވަރަށް ހެކި ލިބިފައި ވުމެވެ. އެގޮތުން ފުލުހުންގެ ބަޔާނާއި ތަހުލީލު ރިޕޯޓާއި ސޯކޯ ރިޕޯޓުން، ދޯނީގައި ގިނަ އަދަދަކަށް މަސްތުވާތަކެތި ހުރިކަން އެނގިފައި ވާކަމަށް އެ ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ ބުނެފައެވެ.
އެ މީހުން ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި އެ ކޯޓުން ބުނެފައި ވަނީ ފިލުމުގެ ފުރުސަތު އޮތުމާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީއެވެ.
އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއް އޮތްކަަމަށް ދެކޭ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ދޯނީގައި ހުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ބައިވެރިވުން އޮތް ކަމަށް ބެލެވުމެވެ.
އެ މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ދޯނިން ފެނުނު މަސްތުވާތަކެތީގެ ޕްރެލިމިނަރީ ނަތީޖާތައް ދައްކާ ގޮތުން އޭގެ ތެރޭގައި 344 ކިލޯގެ މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނޭ ކަމަށް ވިދާޅުވެފައެވެ.
އެ ދޯންޏާ ރާއްޖޭގެ އެއްވެސް ޑްރަގް ނެޓްވޯކަކާ ގުޅުމެއް ވާކަމެއް އެހާތަނަށް ނޭނގޭ ކަމަށް ވެސް އޭރު ސީޕީ ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅުވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް ވިދާޅުވެފައެވެ.