ހިތްހަމަޖެހުމާއި އުފާވެރިކަމާއި އެކު ދިރިއުޅުން ވޭތުކުރުމަށް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. އުފާވެރިކަން އާލާކުރުމުގެ ގޮތްތަކުގެ ތެރޭގައި އިންސާނުންގެ މެދުގައި އޮންނަ ހިތުގެ ލޯބި، ދުޅަހެޔޮ ގުޅުންތަށް، ވަފާތެރިކަމާއި ފަހި ވިސްނުން.ލޯބިވުން އަދި ނަމޫނާ ދެއްކުމާއި އެކު ހިތުން އެކަކު އަނެކަކަށް އަޅާލުމުން އުފެދޭ ލޯބީގެ ޖާދޫ ފަދަ މުހިންމު ސިފަތަށް ހިމެނެއެވެ.
"ސްމައިލް ޝިހާބް" ޕޮޑްކާސްޓު 8 ވަނަ އެޕިސޯޑަކީ " ލޯބީގެ ޖާދޫ " އެވެ. މި އެޕިސޯޑު ސަން ޕޮޑްކާސްޓިންގ އިން ގެނެސްދީފައިވަނީ 2024 ނޮވެމްބަރު 23 ވަނަ ދުވަހުއެވެ. މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައި ވަނީ މަޤްބޫލު އިމާމް އައްޝެއިޚް މުޙައްމަދު އަފްޒަލެވެ.
ޝެއިޚް އަފްޒަލް 1997 ވަނަ އަހަރު މަޖީދިއްޔާސްކޫލުން އޯލެވެލްނިންމާލުމަށް ފަހު މަސައްކަތުގެ މައިދާނަށް ނިކުމެ ވަޑައިގެންނެވިއެވެ. އެގޮތުން މަޖީދިއްޔާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެއެވެ. ހަމަ އެހެންމެ އެއާ މޯލްޑިވްސްގަ އާއި ފަހުން އައިލެންޑް އޭވިއޭޝަންގައި މުހިއްމު މަސައްކަތް ތަކެއް ކުރައްވާފައި ވެއެވެ.
މަސައްކަތުގެ ތަޖުރިބާ ތަކަކަށްފަހު 2008 ވަނަ އަހަރު އަނެއްކާވެސް ކިޔަވާ ވިދާޅުވާން ފެންޓެވި ކަމަށް އަފްޒަލްވިދާޅުވިއެވެ. އެގޮތުން ކުއްލިއްޔާއިން އިސްލާމިކް ދާއިރާއިން ޑިޕްލޮމާ އެއް ހެއްދެވި އެވެ. އެއަށްފަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ހުންނަ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ތަޙައްޞަސްވީ އިސްލާމިކް ކްރިއޭޓްޓިވް އެންޑް ޕިލޯސަޕީ ގެ ރޮނގުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އަފްޒަލަކީ 2012 ވަނަ އަހަރު ރާއްޖޭގައި އުފެދިގެންދިޔަ އެހީ ޖަމްޢިއްޔާގެ ފައުންޑަރ އެވެ.މިއީ އެކި ފަރާތްތަކަށް އެހީ ފޯރުކޮއްދެމުންގެންދާ ޖަމްޢިއްޔާއެކެވެ. އިންޓަނޭޝަނަލް އެއިޑް ކެންޕޭން އައި.އޭ.ސީ އުފެދިގެން ދިޔައީ މީގެ ތެރެއިންނެވެ. އޭގެ އިތުރުން ދީނުގެމަގު ނަމުގައި ދީނީ މަޢުލޫމަތު ފޯރުކޮށްދެއްވައެވެ. ހަމަ އެހެންމެ 2024 ވަނަ އަހަރު އިސްލާމިކް ލައިފްކޯޗިން ފައްޓަވާފައި ވެއެވެ.
ލޯތްބާއި އަޅާލުމާއި އުފާވެރި ކަމާ ގުޅޭގޮތުން ފެއްޓެވީ އަލް ޙުޖްރާ ސޫރަތުގެ 10 ވަނަ އާޔަތުންނެވެ. { إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةࣱ فَأَصۡلِحُوا۟ بَیۡنَ أَخَوَیۡكُمۡۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمۡتُرۡحَمُونَ }. " މުޢުމިނުން ވާކަން ކަށަވަރީ އަޚުން ތަކެއްކަމުގައެވެ. ފަހެ، ތިޔަބައިމީހުން ދެ އަޚުން ދެމެދު ތިޔަބައިމީހުން ސުލްޙަ ކުރާށެވެ. އަދި ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ.(އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ."
މި އާޔަތަށް ރިޢާޔަތްކުރައްވައި އިތުރަށް ތަފްޞީލް ކޮއްދެއްވަމުން ވިދާޅުވީ ދުނިޔޭގެ އެންމެހާ މުސްލިމުން އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައިވުމަށް އިސްލާމްދީން ވަރަށްބޮޑަށް ބާރު އަޅާ ކަމުގައެވެ. މިސާލެއްގެ ގޮތުން ނެންގެވީ މައްކާގެ މުސްލިމުން މަދީނާއަށް ޙިޖުރަ އަށް ވަޑައިގެންނެވުމުން އެބޭކަލުންނަށް މަރްޙަބާ ދަންނަވާ ހުރިހާ ގޮތަކުން އެހީތެރިވެދެއްވުމަށް ތައްޔާޔުވެ ވަޑައިގެންނެވި އަންޞާރުންގެ ވާހަކައިންނެވެ.
އެބޭފުޅުން ދެއްކެވި އަޚްވަންތަކަމާއި އެއްބައެއްވަތަ ކަމުގެ މިސާލުންނެވެ. އީމާންކަމުގެ ލޯބިން މުދަލާއި ގެދޮރާއި އަނބިންވެސް ހިބަ ކޮއްދެއްވިކަން ފާހަގަ ކުރެއްވިއެވެ. ހުރިހާ މާނައެއްގައި ލޯތްބާއި އަޅާލުމާއި އަޚްވަންތަކަމުގެ ނަމޫނާ އެންމެ މަތީ ދަރަޖައަށް ދެއްކެވިކަމަށެވެ. އަބަދުވެސް ދެކޮޅުވެރިކަން ދޫކޮއްލައި މުޢުމިނުންނަށްވީތީ އެކުވެރިކަމާއި އަޚްވަންތަކަން ޤާއިމްވެފައި އޮތުމުގެ މުހިންމު ކަން ތަފްޞީލް ކޮއްދެއްވިއެވެ.
ސޫރަތުލް ތަޣައްބުންގެ 16 ވަނަ އާޔަތަށް އިޝާރާތް ކުރައްވައި ވިދާޅުވީ { فَٱتَّقُوا۟ ٱللَّهَ مَا ٱسۡتَطَعۡتُمۡ وَٱسۡمَعُوا۟ وَأَطِیعُوا۟ وَأَنفِقُوا۟ خَیۡرࣰا لِّأَنفُسِكُمۡۗ وَمَن یُوقَ شُحَّ نَفۡسِهِۦفَأُو۟لَـٰۤـٔكَ هُمُ ٱلۡمُفۡلِحُونَ } " ފަހެ ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ތިޔަބައި މީހުން އަހާށެވެ. އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ. އަދި ތިޔަބައިމީހުން ހޭދަކުރަށެވެ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ ( ދަންނާށެވެ )ފަހެ އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ.
މިއާޔަތުގެ ފަހުބަޔަށް ޢިޝާރާތް ކުރައްވައި ވިދާޅުވީ ކޮންމެ މީހަކުވެސް ފަރުދީ ގޮތުން އަމިއްލަ އެދުމެއްނެތި އަނެކާ އިސްކޮށްގެން ކުރާ ކަންތަށްތަކުގެ ފައިދާ މުޖުތަމަޢުއިން ފެނިގެންދާކަމުގައެވެ.
ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިޙި ވަސައްލަމަގެ ޙަޔާތްޕުޅުން މިސާލްނަންގަވައި ވިދާޅުވީ ޢާއިޝާ ރަޟިޔަށްﷲ ޢަންޙާ ވިދާޅުވިކަމަށް، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިޙި ވަސައްލަމަ އަކީ ގޭތެރޭގެ ކަންކަމުގައި އެހީތެރިވެދެއްވާ ބޭކަލެއްކަމުގައެވެ. އެހެންނަމަވެސް ބަންގި ގޮވައިފި ނަމަ ވަގުތުން ތައްޔާރުވެވަޑައިގެން ނަމާދުކުރައްވާ ކަމުގައެވެ. އަދި ޙަދީޘް ކުރައްވާކަމުގައި ވެއެވެ " خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي " ތިޔަބައިމީހުންކުރެން އެންމެ ހެޔޮމީހަކީ ތިބާގެއަނބި ދަރީންނަށް އެންމެ ހެޔޮމީހާއެވެ.އަދި ޢާއިލާއަށް އެންމެ ހެޔޮމީހަކީ ތިމަންކަލޭގެ ފާނެވެ".
އެންމެ ހެޔޮމީހުން ފާހަގަ ވަނީ އޭނާގެ ގޭތެރޭގައިވެސް ހެޔޮކަން ދެއްކިގެންކަން އަފްޒަލް ފާހަގަ ކުރެއްވިއެވެ.އެއީ މަގުމަތިން ނުވަތަ ބޭރުފުށުން ހިނިތުންވެގެން ހުރުން ނޫންކަމަށާއި އެންމެ ހެޔޮމީހަކީ އޭނާގެ އަޙުލުވެރިންނަށް އެންމެ ހެޔޮމީހާކަން މިޙަދީޘުން ސާބިތުވާކަމުގައެވެ.
ޢާއިލާގެ ތެރޭގައި ދިމާވާ ނުތަނަވަސްކަން ފިލުވާލުމަށްޓަކައި ކީރިތި ރަސޫލާގެ ޙަދީޘުން މިޘާލު ނަންގަވައި ވިދާޅުވީ ލޯތްބާއި ދުރަށްމިދެވޭ ސަބަބަކީ އަނެކާގެ ފަރާތުން އުންމީދު ކުރާ ކަމެއް ޙާސިލްނުވެ އޮތުމުންކަމުގައެވެ.ނަތީޖާ އަކީ ކެތްތެރިކަން ކޮޅުންލާދިޔުމެވެ. ކެއްތެރި ކަމަކީ ކޮބައިތޯ ބައެއްމީހުންނާއި ސުވާލު ކުރާކަމަށާއި އެހެންނަމަވެސް ލޯބި، ރުޅި ހިތާމަ ފަދަ އިޙުސާސްތަކަކީ ބުނެދޭން ނޭންގޭ ކަންކަން ކަމުގައި ފާހަގަ ކުރެއްވިއެވެ.
ކޮންމެ މީހެއްގެ ވެސް އާޚިރު އުންމީދަކީ ސުވަރުގެ ލިބުންކަން ވިދާޅުވިއެވެ. ސުވަރުގެ ހޯދުމަށްޓަކައި ވަރަށް އިންތިޒާރު ކުރަންޖެހޭކަން ފާހަގަ ކުރައްވައި ވިދާޅުވީ ކެއްތެރި ވުމަކީ އެއީ ކަމަށެވެ. ނަތީޖާ އެނގޭ ކަންކަމުގައި ކެއްކުރެވޭ ކަމަށާއި އެހެންނަމަވެސް ދެންވާނެ ގޮތެއްނޭނގޭ ކަންކަމުގައި ކެތް ނުކުރެވޭތަން އަންނަކަމުގައި އަފްޒަލް ފާހަގަ ކުރެއްވިއެވެ.މިސަބަބަށްޓަކައި މަތްﷲގެ އަޟުރަތުން ރަޙްމަތްލެއްވުން އެދި ތާއަބަދު ދުޢާ ކުރުމަށް އިރުޝާދު ދެއްވާފައިވާކަން ފާހަގަ ކުރެއްވިއެވެ.
އެއްވެސް ރަޞޫލު ބޭކަލަކު ކެތްތެރިކަން ދެއްވުންއެދި ދުޢާ ކުރައްވާފައި ވާކަން ސާބިތު ނުވާކަމަށާއި އެހެންނަމަވެސް ހެޔޮ ރަޙްމަތްލެއްވުން އެދި ދުޢާ ކުރައްވާފައިވާކަން ފާހަގަ ކުރެއްވިއެވެ. އައްޔޫބްގެ ފާނު ބަލި މަޑުކަމުން އިމްތިޙާން ކުރެވުނު ހިނދުގައިވެސް ދުޢާ ކުރައްވާފައި ވަނީ ހެޔޮރަޙްމަތް ލެއްވުން އެދިކަމަށާއި ކެއްތެރިކަން ދެއްވުންއެދި ނޫންކަން ބަޔާން ކޮއްދެއްވިއެވެ. އަދި ޔައުޤޫބްގެ ފާނުން ދަރިންނާއި ގުޅޭގޮތުން އިމްތިޙާން ކުރެވުނު ހިނދު " ތިމަންކަލޭގެފާނަށް އޮތީ ރީތި ގޮތުގައި ކެއްތެރިވުން" ކަމުގައި ވިދާޅުވިކަން ފާހަގަ ކުރެއްވިއެވެ.
ކޮންމެ މީހަކުވެސް ވިސްނަންޖެހޭކަމެއްގެ ގޮތުގައި ކޮންމެ ކަމެއްގެވެސް ވަގުތު ޖެހޭނެކަމަށާއި އަވަސް އަރައިގަނެގެން އުޅުމެއްނޯންނަކަން ފާހަގަ ކުރެއްވިއެވެ. ކޮންމެ ހާލަތެއްގެވެސް ނިމުން އަންނާނެކަން ވިސްނަންވާނެކަމަށް ވިދާޅުވިއެވެ.
ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިޙި ވަސައްލަމަގެ ޙަދީޘެއް ކިޔައިދެއްވިއެވެ. އެއްދުވަހަކު ގާތްމީހަކު ނިޔާވެގެން ކެތްނުކުރެވޭ ދަރަޖައަށް ރޮމުން ހިތާމަކުރި އަންހެނަކު ދިމާވި ކަމަށާއި އޭނާއަށް ރަސޫލާ ޙަދީޘް ކުރެއްވިކަމަށް ވަނީ " ކަނބުލޭގެ ކެއްތެރި ވިއްޔާ ރަނގަޅެއްނޫންހެއްޔެވެ" އެ އަންހެންމީހާ ބޭ އިޚްތިޔާރުގައި އާދައިގެ ރައްދެއް ދެއްވިކަމަށެވެ. ފަހުން ބުނެވުނު ބަހަށް މަޢާފަށް އެދުމުން ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިޙި ވަސައްލަމަ ޙަދީޘް ކުރެއްވީ " إِنَّمَا الصَّبْرُ عِنْدَ الصَّدْمَةِ الأُولَى " . أَوْ" عِنْدَ أَوَّلِ صَدْمَةٍ " .އަދި ކެއްތެރިކަން ވަނީ މުޞީބާތުގެ ކުރީކޮޅުގައެވެ.
ކެތްތެރި ވުމުގެ މާތްކަން ބަޔާންކޮއްދިނުމުގެ ގޮތުން ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިޙި ވަސައްލަމަގެ އިތުރު ޙަދީޘް ބަސްފުޅަކުން މިޘާލު ނަންގަވައި އަފްޒަލް ވިދާޅުވީ އަންހެނަކު އޭނާގެ ދަރިޔަކު ނިޔާވުމުން އަލްޙަމްދުލިއްލާހި ވިދާޅުވިކަމަށާއި އޭގެފަހުން އިންނާލިއްލާޙި ވައިންނާ އިލައިޙި ރާޖިޢޫން ވިދާޅުވިކަމަށެވެ.މާނައީ ހުރިހާ ޙަމަދެއްހުރީ މާތްﷲ އަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި މާތްﷲ އެކަނބުލޭގެއަށް ސުވަރުގޭގައި ބައިތުލް ޙަމްދޭ ކިޔުނު ގަނޑުވަރެއްބިނާކޮއްދެއްވިކަމަށެވެ.އެއީ އޭނާ ހުރިހާ ޙާލެއްގައިވެސް މާތްﷲ އަށް ޙަމްދުކުރީތީކަން ފާހަގަ ކުރެއްވިއެވެ.
އަފްޒަލްގެ އަމިއްލަ ޙަޔާތުގައި ކެއްތެރި ވުމަށް ދަތިވި ހާދިޘާއެއް ޙިއްސާކުރައްވަމުން ވިދާޅުވީ އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރެއްވީ ވަރަށް ކުރާހިތުން ޝައުޤުވެރި ކަމާއެކު ކަމަށެވެ. އެއީ ދީނީ ޚިޔާލުތަށް ހިތުގައި އުފެދެން ފެށި ދުވަސްވަރުކަމުން ތުނބުޅިދިގުކުރުމާއި ސިފައަށް ގަނެވުނު ބަދަލު އެކުގައި މަސައްކަތް ކުރިފަރާތްތަކުން ބަލައިގަތްގޮތުން ދެރަވެ ކެއްކުރަން ދަތިވިކަމަށެވެ.
އޭނާ ބާކީ ކޮށް ވަޒީފާއިން ވަކިވުމަށް ދިމާވި ޙާލަތަކީ ކެއްތެރިކަން ކުޑަވި ވަގުތުތަކެއްކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމުން ދަސްވި ފިލާވަޅަކީ މާތްﷲ އަށް ޓަކައި ކަމެއްދޫކޮއްލައިފިނަމަ އެއަށްވުރެ މާ މަތިވެރި ރަނގަޅުގޮތްތަށް މިންވަރު ކުރައްވާކަމުގައެވެ.
ޢާއިލާ މުހިންމުވަނީ ކީއްވެތޯ ކުރިސުވާލަށް ޖަވާބު ދެއްވަމުން އަފްޒަލް ވިދާޅުވީ އަމިއްލައަށް ނަފްސު ހިސާބު ކުރާއިރު ކިޔަވައިގެން ރާއްޖެވަޑައިގަތުމުން ރައްޓެހިން އަފްޒަލްއާ ބައްދަލު ކުރަން ވަރަށްބޭނުންވި ކަމަށެވެ. ފަތިސްނަމާދުގެ ފަހާއި ޢަޞުރު ނަމާދުގެ ފަސް ރަށްޓެހިންނަށް ދިންކަމަށެވެ. އަހަރެއްހާ ދުވަސްފަހުން އެނގުނުކަމަކީ އެއީ ހަމަ ކޮފީ ބޯލާ ވަގުތުކޮޅެއްކަމުގައެވެ. މާ ބޮޑު އެހެން މުހިންމު ކަމެއްނޫންކަމުގައެވެ.ވަގުތުބޭކާރުވާ ކަމުގެ އިޙުސާސް ކުރެވުނެވެ.
އޭގެ ފަހުން އެވަގުތު ޢާއިލާއަށް ދޭންފެށުނެވެ. ގެއަށްގޮސް ގެއިންސައި ބޮއި ރައްޓެހިންނާއި އެކު ދެއްކިވާހަކަތަށް ދަރިންނާއި ގުޅުން ހުރިވާހަކަތަށް އެކުދިންނާދައްކަން ފެށުނެވެ.އަދި އެކި ދުވަހު އެކި ކުދިން ގޮވައިގެން ދުއްވާލަން ދާން ފެށުނެވެ. އަދި މާމަގެ ބޮޑުދައިތަގެ ފަދަ ތިމާގެ ގެ ތަކަށް ވަންނަންފެށުނެވެ. އެގޮތުން ދަރިންނާއި ދެބެންގެ ދެދަރި ކުދިންނާއި މުޅިޢާއިލާގެ ރަހިމުގެ ގުޅުން ބަދަހިވާންފެށިކަން އުފަލާއެކު ފާހަގަ ކުރެއްވިއެވެ.
އަފްޒަލަކީ ފިޒިކްސްއާއި އާރޓްއަށް އަދި ގުރެޕިކްސް ޑިޒައިނަށް ޝަޢުޤުވެރިވި ޒުވާނެއްކަމުން އަދި ދީނީ ޢިލްމު އުނގެނިވަޑައިގަތީ ޢުމުރުން 35 އަހަރުފަހުންކަން ފާހަގަ ކުރައްވައި ވިދާޅުވީ ދުނިޔޭގެ 2 ކޮޅު ފެނި ތަޖުރިބާ ތަކެއް ލިބިވަޑައިގެން ކަމަށެވެ.ގުޅުންތަށް ބަދަހި ކުރުމުގައި މިޒަމާނުގައި މީހެއްގެ ތަކުލީފް އޮޅުންފިލުވާލާ އެކަމަކުން އަރައިކަތުމަށް މަގު ފަހި ކުރެވެނީ މަދުފަހަރަކުކަން ފާހަގަ ކުރެއްވިއެވެ.ބޮޑަށް ބެލެވެނީ އަނެކާގެ ފަރާތުން ތިމާއަށް ފައިދާއެއް ކުރާނެ ގޮތަކަށެވެ.
އެހެންނަމަވެސް ދުނިޔޭގައި ގުޅުން ޤާއިމް ކުރަންޖެހޭ ވަރަށްގިނަ ޢާލަމްތަށް ވާކަމަށާއި މަލާއިކަތުންނާއި ޖިންނީންނާއި މަސްމަހާމެހި އަދި ގަސްގަހާގެއްސާއި ފަނިފަކްސަރ އެއީވެސް ޢާލަމެއްކަމުގައި ވިދާޅުވިއެވެ. ހިންޏަކަށްޓަކައި ހިނި ވަރުނަކުރެއްވި ދުނީގެ އެންމެ ބާރުގަދަ ބިޔަ ރަސްކަންދެއްވި ސުލައިމާންގެ ފާނުގެ ވާހަކައިން މިޘާލު ނަންގަވައި ވިދާޅުވީ މި ޢާލަމްތަކުގެ ދިރުންތަކާއި ގުޅުން ޤާއިމް ކުރެވޭމިންވަރެއްގެ މައްޗައް ތިމާމެންގެ އުފާވެރިކަން ބިނާވެފައި ވާ ކަމުގައެވެ.
މިތަކެއްޗަކީ އިންސާނުންނަށްޓަކައި ޚަލްޤު ކުރެވުނު ތަކެތިކަމަށާއި މިތަކެއްޗަށް އޯގާތެރިވެ އެތަކެތީގެ ބޭނުން ހެޔޮގޮތުގައި ހިފާ ގުޅުން ބަދަހި ކުރުމުން އިންސާނުންނަށް ގިނަގުނަ ފައިދާތަށް ލިބޭ ކަމުގައެވެ. މިސާލަކަށް ރީތި މަލެއް ކަހުގަ އިންނަ އިރު އުފާވެރިކަން ގެނެސްދޭކަމަށާއި ބޭނުމެއް ނެތްގޮތުގައި ބިނދެލާ އެއްލާލީމާ އެދެވެނީ އަނިޔާކަން ބަޔާން ކޮއްދެއްވި އެވެ. މިޒަމާނުގައި ތިމާވެށިގެ ރައްކާތެރިކަމާއި ޖަނަވާރު ޙިމާޔަތް ކުރުންފަދަ ކަންކަމަކީ ޒަމާނުންސުރެ އިސްލާމީ އަސާސީ ފިކުރުގައި ރައްކާތެރިކަންދީ ބިންވަޅުނެގިފައިވާ އެއްޗެހި ކަމުގައި ވިދާޅުވިއެވެ.
ދުނިޔޭގެ އެއްވެސް ޢާލަމެއްގެ އެއްވެސް މަޚްލޫގަކަށް އަނިޔާވެރިވުމެއްނުވާ ކަމަށް ވިދާޅުވިއެވެ. އަދި އެއްވެސް އެއްޗެއްބޭނުންނެތްގޮތުގައި ހިފާމަރާ އެއްލާލުމެއްވެސް ނުވެއެވެ. އޮންނަނީ އޯގާތެރިކަމާއި ރަޙްމާއި ލޯބިދިނުމެވެ. މިއީ އަޜްޙަމުއްރާޙިމީން އޭ މިބުނާ ޢާލަމްތަކަށް ރަޙުމްކުރައްވާ ކަނލާންގެ ރަޙްމަތްވަންތަކަން ވިސްނޭހިސާބެވެ. މާތްﷲ ގެ 99 އިސްމުފުޅަށް އިޝާރާތްކުރައްވާ ވިދާޅުވީ މި އިސްމުފުޅުތަށް ފަރިތަކުރަންޖެހޭ ކަމަށާއި އަޅުގަނޑުމެން ދިރި މި ތިބެވެނީ އެ އޯގާވަންތަކަމާއި ރަޙުމްވަންތަކަމުގައި ކަމަށެވެ.
މީހަކަށް ކާންދިނުމުން އަޅުގަނޑުމެންނަށް ރޯދިބަރަކާތާއި ކާންދެއްވާ ފަރާތެއްވާކަން އިޙްސާސްވާކަމަށާއި، ދޮންދޫނި މޫސުމުގައި އެހިފާ މަރާ ނުހަދާ ދޫކޮއްލުމުން އަޅުގަނޑުމެންގެ ވެރި އިލާހުގެ އޯގާ ވަންތަކަން އިޙުސާސްވާކަން ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑުމެންނަށް އުނދަގޫ ކުރާ ޖަނަވާރެއް ނުވަތަ ސޫތްޕެއް ނުމަރާ ދޫކޮއްލުމުން އަޅުގަނޑުމެން މާތްﷲ އަށް ނުކިޔަމަންތެރިވާ އިރުވެސް އަޅުގަނޑުމެންގެ މައްޗަށްﷲގެ ޢަޒާބު ނުފޮނުއްވާ އޯގާވަންތަ ކަމުގެ ބޮޑުކަން އިޙުސާސްވާކަން ފާހަގަ ކުރެއްވިއެވެ. މިކަންކަން ފަރިތަ ކުރިވަރަކުން މާތްﷲގެ އަޅުވެތިކަމާއި އޯގާވަންތަ ކަމާއި ބާރުވެރިކަންފަދަ ކަންކަން އިޙުސާސްވާކަން ފާހަގަ ކުރެއްވިއެވެ. މިސިފަތަށް ފަރިތަ ކުރެވޭނަމަ އެކަކު އަނެކަކަށް އަނިޔާ ކުރުންހުއްޓޭނެކަމަށް ވިދާޅުވިއެވެ.
އަފްޒަލްގެ ދިރިއުޅުމަށް އެންމެ ހެޔޮ ބޮޑު ބަދަލެއް ގެނެސްދިނުމުގައި އެހީ ތެރިވެދެއްވީ ބައްޕަ ފަރާތު ބޮޑުދައިތަކަށް ފާހަގަ ކުރެއްވިއެވެ. ޢަރަބި ކިޔަވައިދީ ޕާކިސްތާނަށް ކިޔަވަން ދިޔުމަށް ތައްޔާރު ކޮއްދެއްވި ކަމަށެވެ. ބޮޑު ދައިތަގެ ލޯތްބާއި އަޅާލުމާއި އެހީތެރި ކަމާއި ހުރިހާ މާނައެއްގައި ދެއްވި ހިތްވަރަކީ ލޯބީގެ ޖާދޫއެއްފަދަ ކަމެއްކަމުގައި ސިފަ ކުރެއްވިއެވެ. ބޮޑު ދައިތަގެ އެހީތެރިކަމުގައި މިއަދު ޝެއިޚަކަށް ވެވިފައިވާކަން އުފަލާއި އެކު ފާހަގަ ކުރެއްވިއެވެ.
މިފަދަ ހެޔޮބަދަލު އަވަށްޓެރި ގެއަކުންވެސް ފެނިގެންދިޔަކަމަށާއި ކުއްޖަކު ހެޔޮމަގަށް ރުޖޫޢަވެ ނަމާދު ޤައިމްކުރަން ފެށިތަން ފެނިވަޑައިގެނެވިކަން އުފަލާއި އެކު ފާހަގަ ކުރެއްވިއެވެ. އެކަމުގައި އެކުއްޖާގެ ބައްޕަ ދެއްވި ތަރުޙީބާއި އެއްބާރުލުން ސިފަކުރެއްވީ ދެތުމަގު ލިބެންހުރި މީހަކަށް ހުރަހެއް ނުވެއޭ ބުނާފަދައިންނެވެ.
މީހުންނަށް އޮންނަ ލޯތްބާއި ހެޔޮ ދުޢާކުރުމަކީ ކިހާމުހިންމު ކަމެއްތޯ ކުރެވުނު ސުވާލަށް ޖަވާބްދެއްވަމުން ވިދާޅުވީ ދުޢާ ދެގޮތަކަށް ކުރެވޭކަމަށެވެ. އެއީ ހެޔޮ ދުޢާ އާއި ބަދް ދުޢާ ކަމަށެވެ. އެކަކުވެސް އަމިއްލަ ނަފްސުގެ މައްޗަށް ބަދް ދުޢާ ނުކުރާނެ ކަމަށެވެ. އެހެންކަމުން އަނެކާއަށް ވެސް ކުރަން ޖެހޭނީ ހެޔޮދުޢާކަން ފާހަގަ ކުރެއްވިއެވެ.
ޔޫސުފްގެ ފާނުގެ ވާހަކައިން މިޘާލު ނަންގަވައި ވިދާޅުވީ ޔޫސުފް ގެފާނަށް އެކަލޭގެފާނުންގެ ބޭބޭއިންގެ ކިބައިން ލިބިވަޑައިގެންނެވި ގަނާކުރުންތަކާއި ހެއްދެވީ ދެރަގޮތްތަށް ކަމުގައެވެ. އެވާހަކަ ސިފަކޮއްދެއްވަމުން ވިދާޅުވީ އެކަލޭގެ ފާނަށްދިމާވި ޙާދިޘާ ތަކުގެ އިޙްސާސްތަށް ބަޔާންކުރަން ދަތި ކަމުގައެވެ.
އެހެންނަމަވެސް ޔޫސުފްގެ ފާނުގެ ހިތުގައި އެކަލޭގެ ފާނުގެ ބޭބެއިންގެ މައްޗަށް ހިތުގައި ނަފްރަތު ނުބާއްވާކަމަށާއި އޯގާތެރި ކަމާއި ލޯބި އިސްކޮށް ހެޔޮދުޢާ ކުރަމުން ވިދާޅުވީ ތިޔަބައިމީހުންނަށް މާތްﷲ ފާފަ ފުއްސެވުން އެދި ދުޢާކުރައްވާ ކަމުގައެވެ. އަފްޒަލްވިދާޅުވީ ލޯތްބާއި އޯގާތެރިކަމާއި ހެޔޮ ދުޢާ އަކީ މިފަދަ ކަމެއްކަމުގައެވެ.