ހިތްހަމަޖެހުމާއި އުފާވެރި ކަމަކީ މާތްﷲގެ ދެއްވާ ނިޢުމަތެކެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން އާލާ ކުރުމުގެ ގޮތްތަކުގެ ތެރޭގައި އިންސާނުންގެ މެދުގައި އޮންނަ ހިތު ލޯބި، ދުޅަހެޔޮ ގުޅުންތައް، ވަފާތެރިކަމާއި ފަހި ވިސްނުން، ލޯބިވުން އަދި ނަމޫނާ ދެއްކުމާއި އެކު އެކަކު އަނެކަކަށް އަޅާލުމުން އުފެދޭ ލޯބީގެ ޖާދޫ ފާހަގަ ކޮށްލެވެއެވެ. ހަމަ އެހެންމެ، އުޑަށް ބެލުންފަދަ ޤުދުރަތީ މާޙައުލުން ލިއްބައިދޭ އުފާވެރިކަމުގެ އިޙްސާސް، އަދި މަންމަ އެއްގެ ފުރިހަމަޒިންމާ އަދާކުރުމަށްޓަކައި ކުރާ ހިތްވަރާއި ޖޯޝުން ވެސް އުފާވެރިކަން އާލާކުރެވެއެވެ.
މިއީ ސަންޕޮޑްކާސްއިން ގެނެސްދޭ ސްމައިލް ޝިހާބު ޕޮޑްކާސްޓުގެ 13 ވަނަ އެޕިސޯޑެވެ. ހެޕިނެސްކުލަބުގެ ފަރާތުން މިގެނެސްދެނީ އެ އެޕިސޯޑުގެ އެންމެ މުހިންމު ވާހަކަތަކެވެ. މި އެޕިސޯޑުގެ ނަމަކީ " ޖޯޝް" އެވެ. މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ތަޢުލީމީދާއިރާގެ ޚިދުމަތްތެރިއެއްކަމުގައިވާ ށ. ކޮމަންޑޫއަށް އުފަން އިސްމާޢިލް ނަޝީދެވެ. ނަޝީދަކީ މުދައްރިސެކެވެ. ރާއްޖޭގެ ވަރަށް ގިނަ މަދަރުސާތައް ހިންގެވުމުގައި ހެޑްމާސްޓަރުކަން/ ޕްރިންސިޕަލް ކަން ކުރައްވާފައިވާ ހިންގުންތެރިއެކެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ މަސައްކަތެރިއެކެވެ.
ޕޮޑްކާސްޓް ފެށުމުގެ ގޮތުން ނަޝީދު ވަނީ ޝިހާބު އަދި ވިލާ ކޮލެޖުގެ ރެކްޓަރ ޑޮކްޓަރ އަޙުމަދު އަންވަރު އަރިހުގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެން ފުރުޞަތުން ޙާޞިލްވި ފިލާވަޅުތަކާއި ތަޖުރިބާގެ ބޭނުންތެރިކަން ފާހަގަ ކުރައްވާ އެބޭފުޅުންނަށް ޝުކުރުވެރިވާކަން ހާމަކުރައްވާފައެވެ. އެބޭފުޅުންގެ އެހީތެރިކަމުން ނަޝީދުގެ މަސައްކަތުގެ ޙަޔާތް ރޯޝަން ކުރުވިކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ޕޮޑްކާސްޓް ގައި ނަޝީދު ދެއްކެވި ވާހަކަތައް މައިގަނޑު ގޮތެއްގައި ބިނާ ކުރެއްވީ މުޖުތަމަޢުގެ އުފާވެރިކަން ގުނަ ކުރުމުގައި ޖަމާޢަތުގެ އަފުރާދުން ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށާއި އަދި އެ އުފާވެރިކަން ހޯދުމުގައި ލީޑަރޝިޕުން އަދާ ކުރާ ދައުރުގެ މައްޗަށެވެ.
ޅަފަތުގެ ހަނދާންތައް އާކުރައްވަމުން، ދަރީން ތަރުބިއްޔަތު ކުރުމުގައި، ޖަމާޢަތެއްގެ އެންމެ ކުޑަ ޔުނިޓް ކަމުގައިވާ "އާއިލާ" ގެ މުހިއްމު ދައުރު ފާހަގަ ކުރެއްވި އެވެ. އެ ނުކުތާގެ މައްޗަށް ވާހަކަ ފެއްޓެވުމަށް އަމިއްލަ ޢާއިލާ އިން މިސާލު ނެންގެވި އެވެ. ނަޝީދު އާއި ކޮއްކޮމެންގެ ޅަފަތުގައި ބައްޕަ ނިޔާވުމުގެ ހިތާމައާއެކު ވެސް، ނަޝީދުގެ އަޚުންނާއި އުޚުތުންގެ ތަރުބިއްޔަތުގައި "މަންމަގެ ޙާޟިރީ" ލިބުމުގެ ފައިދާ، ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. އެއީ އެ ފަދަ ދެވަނަ އެއް ނެތްފަދަ ބޮޑު ނިޢުމަތެއް ކަމުގައި ބަޔާން ކުރެއްވި އެވެ. އަދި ދަރީންގެ ތަރުބިއްޔަތުގައި މަންމަގެ ޙާޟިރީ ވީހާވެސް ތަނަވަސް ކޮށް ލިބިދިނުމަށް، ޢާއިލާގެ ކަންކަން އިންތިޒާމު ކުރުމުގައި ސަމާލުކަން ދެއްވުމަށް ނަޝީދު އިލްތިމާސް ކުރައްވައެވެ.
ދަރިން ސީދާ މަގުން ކައްސާނުލައި އުފަލާއި ހިތްހަމަޖެހުމާއި އެކު ތަރުބިއްޔަތުވެ ބޮޑުވުމަށް ލިބޭ އެންމެ ބޮޑު ނިޢުމަތަކީ މަންމަ ގެ ޙާޟިރީ ކަމަށް ވީހިނދު، އެ ފުރުޞަތު މަންމައިންނަށް ހޯދާ ދިނުމަކީ ކޮންމެ ޢާއިލާއެއްގެ އުފަލަކަށް ހެއްދެވުމަށް ނަޝީދު ބާރު އެޅުއްވިއެވެ. އަދި އެކަމުގެ ނަތީޖާ އެއްގެ ގޮތުން، މުޖުތަމަޢުތައް ނުތަނަވަސް ކުރުވާ ތަފާތު ބަލިމަޑުކަމުން ސަލާމަތްވެ، މުޖުތަމަޢުގެ އުފާވެރިކަން އިތުރުވެގެން ދާނޭކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ނަޝީދު ޤަބޫލުކުރައްވާ ގޮތުގައި، މަންމައަށް ހެޔޮކޮށް ހިތުމުގައި އިސްލާމު ދީނުގައި ތިން ދަރަޖަ މަތިކުރައްވާފައި އެވަނީ އާދައިގެ ސަބަބަކަށްޓަކައި ނޫނެވެ. އެހެނީ އެއީ ވަރަށް މަތީ ދަރަޖަ އެއް އެކަމުގައި އޮތްކަމަކަށް ވާތީއެވެ.
ތަޢުލީމާއި ތަރުބިއްޔަތުގެ މަސައްކަތް ނަޝީދު ފެއްޓެވީ ކޮމަންޑޫ ގައި ހުންނަ ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތުގެ ތަޖުރިބާއިން ބައެއް ފިލާވަޅުތައް ވެސް މި ޕޮޑްކާސްޓް ގައި ނަޝީދު ހިއްސާކުރެއްވި އެވެ. އެގޮތުން ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި މަޤާމުގެ ގޮތުން އިސްމީހަކަށް ނުވިޔަސް ލީޑަރޝިޕް ދައުރެއް އަދާ ކުރެވިދާނެއެވެ. އެކަން ނަޝީދަށް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން ލިބިވަޑައިގެން ތަޖުރިބާއިން ދަސްވި އެވެ.
އެގޮތުން، އަތޮޅުގެ އެހެން ރަށް ރަށުގެ ރައްޔިތުން ތަޢުލީމަށް ޝައުޤުވެރި ކުރުވުމަށާއި ރަށްރަށުގެ ސްކޫލުތަކުގެ ދަރިވަރުންނަށް އުގަންނައިދީ، ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމު ކުރުމުގައި ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މުދައްރިސުން، ސްކޫލުގެ ވެރިންނާއި ގުޅިގެން ކުރެއްވި މަސައްކަތްތަކުން މިސާލު ނެންގެވި އެވެ. އަދި އެޒަމާނުގައި ދިވެހިރާއްޖޭގެ ސްކޫލަކުން އިސްވެ ހޯދަފާނެ ކަމަށް މިހާރު ޤަބޫލު ކުރުމަށް ދަތިވާފަދަ، ވަޞީލަތްތައް ހޯއްދަވާ އޭގެ އެހީގައި ތަޢުލީމު ފެތުރުއްވުމުގައި ބޭނުން ކުރެއްވި ގޮތުގެ ބައެއް މިސާލުތައް ވެސް ހިއްސާ ކުރެއްވިއެވެ.
އިސްމާޢިލް ނަޝީދަކީ ދިވެހިރާއްޖޭގެ ވަރަށް ގިނަ ސްކޫލްތައް ހިންގެވުމުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެ ތަޖުރިބާގެ އަލީގައި ވާހަކަދައްކަވަމުން، ނަޝީދު ވިދާޅުވީ ކޮންމެ ރަށެއްގައިވެސް މަސައްކަތް ކުރަންވާނީ އެ ރަށެއްގެ ނުވަތަ އެ ޖަމާޢަތެއްގެ "މުސްތަޤްބަލަށް" ކަމަށެވެ. އަދި މަސައްކަތް ކުރެއްވި ހުރިހާ ރަށަކުންވެސް ބައިވަރު ފިލާވަޅުތަށް ލިބިވަޑައިގެންނެވިކަން ހާމަކުރެއްވިއެވެ. އޭގެ ތެރެއިން ދަސްވި އެއް ފިލާވަޅަކީ ޖަމާޢަތުގެ ކުރިއެރުމަށް އެންމެ ބޮޑަށް ބޭނުންވާ ހަކަތަ އަކީ ޖަމާޢަތުގެ އުފާވެރިކަން ކަމުގައި ދެކެވަޑައިގަންނަވާކަމުގައި ނަޝީދު ވިދާޅުވިއެވެ.
ޖަމާޢަތުގެ އުފާވެރިކަން ގުނަ ކުރާނެ ގޮތް، ނަޝީދުގެ އުފަން ރަށް ށ. ކޮމަންޑޫ އިން އެދުވަސް ވަރު ވެސް ވަނީ ފެނިވަޑައިގެންފައި ކަމަށް ވިދާޅުވިއެވެ. ރަށުގެ މީހުންގެ އުފާފާގަތިކަމަށް އަދި ކުރިއެރުމަށް ފަހިވާނޭ ޙިކުމަތްތަކާއި ރޭވުންތެރިކަން ރަށުގެ ވެރިންގެ ފުށުން ފެނިވަޑައިގަތްކަމަށާއި، ކޮމަންޑޫއަކީ ރާއްޖެއަށް އައު ކަންކަން ތަޢާރަފް ކުރުމުގައި އޭރުވެސް ނަމޫނާ ރަށެއްކަން ފާހަގަ ކުރެއްވިއެވެ.
މިސާލެއްގެ ގޮތުން، އަތޮޅު ތެރޭގައި ބަނދަރު ހެދުން ޢާއްމު ނުވަނީސް، ރަށުގެ ވެރިކަމުގެ ފަރާތުން، ރައްޔިތުން ބައިވެރިކުރުވައިގެން ފަޅުކޮނުމާއި އަދި ފަހުން ސަރުކާރުން ފަޅުކޮނެ ދެއްވުމުން، އެއްގަމާއި ކަނޑު ތޮށި، ރައްޔިތުން އަމިއްލަ ޚަރަދުގައި ލެއްވި ގޮތް ފާހަގަ ކުރެއްވިއެވެ. ވާޓަރު ލުމަށް ބޭނުންވާ ގަލުގެ ޑިޒައިން ކޮމަންޑޫ ފަންނުވެރިން އީޖާދު ކުރެއްވިއެވެ. އެއަށްފަހު އެކި މުއައްސަސާ ތަކުން އެ ޑިޒައިންނަށް، މުޅި މަޝްރޫޢަށް ބޭނުންވާ ގައު ތައްޔާރުކޮށް އެރަށުގައި ވާޓަރު ހެދިއެވެ.
ކޮމަންޑޫގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ސަބަބުން އެރަށަށް ލިބިގެންދިޔަ ތަރައްޤީ އާއި ކުރިއެރުން ރައްޔިތުންގެ އުފާވެރިކަމާއި ގުޅިފައިވެއެވެ. އަދި ދެހާހުގެ އަހަރު ތަކުގެ ކުރީކޮޅު އެރަށުގެ ވެރިކަން ކުރެއްވި، ކުޅަދާނަ ހުނަރުވެރި ކަތީބުގެ ލީޑަރޝިޕްގައި ރައްޔިތުން ގޮވައިގެން ކުރެއްވި އަގުހުރި އީޖާދީ މަސައްކަތްތަށް ނަޝީދު ޙިއްސާކުރެއްވިއެވެ.
އެގޮތުން މަރުޙޫމް ޢަބްދުއްސަލާމް ކަތީބުގެ ވަރަށް ޒުވާން އުމުރުފުޅުގައި ފެނާއި ނަރުދަމާގެ ވަޞީލަތް އެރަށުގައި ޤާއިމް ކުރުމަށްޓަކައި ކުރެއްވި މަސައްކަތުގެ ތަފްޞީލް ޙިއްސާކުރެއްވިއެވެ. އަދި ޓީވީ ޗެނަލެއް ގެ ވާހަކަވެސް ހިމެނުއްވިއެވެ. އެގޮތުން އެ ޕޮރޮޖެކްޓް އަމިއްލަފުޅަށް ހައްދަވައި ކަމާގުޅުން ހުރި އިތުރު ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ އެކަމުގައި ހިމަނުއްވައިގެން މަސައްކަތް ފެއްޓެވިކަމަށް ވިދާޅުވިއެވެ. ކޮމަންޑޫ ގައި ރައްޔިތުން އަމިއްލައަށް ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫޢު ހިންގުމުގެ ޚިޔާލު ކަތީބު ޢަބްދުއްސަލާމް، މާލޭގެ އެކަމާގުޅޭ އިދާރާ އާ ހިއްސާކުރެއްވުމުން ލިބިވަޑައިގެންނެވި ޖަވާބަކީ ކުދި ރަށްރަށުގައި އެއީ ކުރެވޭނެ ކަމެއްނޫންކަމުގައެވެ. އެފަދަ ކަންކަމަކީ މާލެ އާއި ރިސޯޓްތަކަށް އެކަށީގެންވާ ކަމެއްކަމުގައެވެ.
އެހެންނަމަވެސް ކަތީބު ހިތްމަރައި ނުލައްވާ އެނބުރި ރަށަށް ވަޑައިގެން އެކަމަށް ބޭނުންވާ ކަރުދާހުގެ މަސައްކަތް ނިންމެވިއެވެ. އޭގައި އެކަމަށް ހިނގާނޭ ޚަރަދު ކަނޑަ އަޅުއްވައި ޚަރަދު ހޯދާނެ ގޮތްތައްވެސް ލިޔުއްވިއެވެ. އަދި އެކަންކަން ރައްޔިތުންނާއި ތަކުރާރުކޮށް ޙިއްސާކުރެއްވިއެވެ. މާލޭގައި ދިރި އުޅުއްވާ ކޮމަންޑޫގެ ރައްޔިތުންނާއި ވެސް ބައްދަލު ކުރައްވައި މި މަޝްޢޫރުގެ ވާހަކަ އާއި ހިނގާނެ ޚަރަދު ތަކުގެ ތަފްޞީލް ޙިއްސާކުރެއްވިއެވެ. ދެ ހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ފެށި މި މަޝްޢޫރުގައި މިލިއަނުން ޚަދަރު ހިނގާނެ ކަމަށް ރަށުގެ ރައްޔިތުންނަށް ވިދާޅުވެދެއްވިއެވެ.
އެ ކަންކަމުގައި ރައްޔިތުން ވަރަށް ބޮޑަށް ޝާމިލް ކުރެއްވިއެވެ. ރައްޔިތުން ބަލައިގަންނާނެ ތަފާތު އުކުޅުތަށް ބޭނުން ކުރެއްވިއެވެ. ތަފާތު ގިނަ މަސައްކަތްތަކަކަށްފަހު ކޮމަންޑޫ ރައްޔިތުން އެ ރަށުގައި ފެނާއި ނަރުދަމާ އަދި ޓީވީ ޗެނަލް ޤާއިމް ކުރުމުގައި ކާމިޔާބު ހޯއްދެވިކަން އުފަލާއި އެކު ނަޝީދު ފާހަގަ ކުރެއްވިއެވެ. އެދުވަސްވަރު މާލޭގައި އެޚިދުމަތް ދެއްވާ ގޮތަށްވުރެ ރަނގަޅު ފެންވަރެއްގައި އެޚިދުމަތް ބޭނުންކުރެވޭނެ ނިޒާމް ޤާއިމް ކުރައްވައި، މާލެ އަށްވުރެ ހެޔޮ އަގުގައި އެ ޚިދުމަތްތައް ރައްޔިތުންނަށް ދެއްވިކަން ނަޝީދު ފާހަގަކުރެއްވިއެވެ.
ޢަބްދުއްސަލާމް ކަތީބަކީ ޙިކުމަތްތެރި ކަމާއިއެކު އުފާވެރި ހަމަޖެހޭ މުޖުތަމަޢުއެއް ބިނާ ކުރުމުގައި ލީޑަރޝިޕްގެ ރޯލު އަދާކުރުމުގައި ނުހަނު މުހިންމު ކަންކަން ކުރެއްވި އާދަޔާ ޚިލާފް، މުޅިރާއްޖެއަށް ޢަމަލީ ގޮތުން ނަމުނާ ދެއްކެވި ބޭފުޅެކެވެ.
ޢަބްދުއްސަލާމް ކަތީބުގެ އިންގިލާބީ އީޖާދީ ވިސްނުންފުޅުން ރައްޔިތުންގެ މެދުގައި މަސައްކަތް ކުރުމުގެ ޖޯޝް އުފައްދަވައި ދެންތިއްބެވި ބޭފުޅުން ލައްވައި އެބޭފުޅުންގެ ހުނަރުތައް ނެރެ ބޭނުން ކުރުމުގެ ފުރުޞަތު ލިބިގެން ދިޔަކަމީ އެދުވަސްވަރު ކޮމަންޑޫއަށް އައި ނޫރާނީ ކަމެވެ. މިނޫނަސް ޖަމާޢަތުގެ އުފާވެރިކަމަށް ކުރެވުނު މިފަދަ ތަފާތު ބޮޑެތި އެތައް ކަމެއް ނަޝީދުގެ މި ޕޮޑްކާސްޓުގައި ޙިއްސާކުރެއްވިއެވެ.
ނަޝީދުގެ ތަޢުލީމީ ޚިދުމަތުގައި، ގދ. އަތޮޅު ފަރެސްމާތޮޑާގައި ކުރައްވާފައިވަނީ، އެ ޖަމާޢަތުގެ ލޮބުވެތި ރައްޔިތުން މިއަދުވެސް ނުހަނު ބަލައިގަންނަ މަސައްކަތެކެވެ. އެއީ ރަށުގެ މުޅިޖަމާޢަތަށް އުފާވެރިކަން ގެނުވި މަސައްކަތެކެވެ. ކުރިމަގުގެ ފައިދާ އަށް ވިސްނުން ބަހައްޓަވައިގެން ކުރެއްވި މަސައްކަތެކެވެ. ހުވަދޫ ސްކޫލު އުފަންކުރުވި މަސައްކަތެވެ. ރަށުގެ ޖަމާޢަތުން މިއަދުވެސް، ނަޝީދަކީ ހުވަދޫ ސްކޫލުގެ ބާނީގެ ގޮތުގައި ބަލައިގެންފައިވާ މަސައްކަތެވެ.
އެ ދުވަސް ވަރު ހިންގި ޙަރަކާތްތަކުން ފިލާ ގޮސްފައިވަނީ އެޖަމާޢަތް ތަޙައްމަލު ކުރަމުން އައި ޒަމާންވީ ނުތަނަވަސް ކަމެވެ. މިދެންނެވި، މުހިންމު ވަގުތުގައި ކުރެއްވި އެއް ޙަރަކާތެއް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެއީ ރާއްޖޭގެ މިނިވަން ދުވަސް، އަތޮޅު ފެންވަރުގައި ފާހަގަ ކުރުމެވެ. ރަށުގެ ކުދިބޮޑު އެންމެން ގުޅިގެން އެ މުނާސަބަތު ފަރެސްމާތޮޑާގައި ފާހަގަ ކުރެއްވި ގޮތް ނަޝީދު ހިއްސާ ކުރެއްވި އެވެ.
ޖަމާޢަތުގެ މެމްބަރުން ގުޅިގެން ކުރާ މަސައްކަތުން މުޅި ޖަމާޢަތަށް އުފާވެރިކަން ގެނުވިގޮތް ހާމަކުރެއްވިއެވެ. ޖޯޝާއެކު އެއް އަމާޒަކަށް ތަޞައްވުރެއް ކަނޑައަޅައިގެން މަސައްކަތްކޮށް ހެޔޮނަތީޖާ ހޯދާނެ ގޮތުގެ މިސާލު އެ ޙަރަކާތުގެ ވާހަކައިން ޕޮޑުކާސްޓުގެ އެހުންތެރިންނަށް ނަޝީދު ބަޔާން ކޮށްދެއްވި އެވެ.
ނަޝީދު ވިދާޅުވިގޮތުގައި، މިކަމުން އިޙުސާސްވީ ކަމަކީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކޮންމެ ފަދަ ބޮޑު ކަމެއްވެސް ކުރެވިދާނެކަމެވެ. އަދި މިފަދަ ކަންކަމަކީ އެންމެނަށް އުފާވެރިކަން ލިބިގެންދާ ކަންކަން ކަމެވެ. މިހާރު ފަރެސްމާތޮޑާގައި ފެނިގެންދާ ފުދުންތެރިކަން ލިބުމުގައި، އެއިރު ރަށު އެންމެން ގުޅިގެން ކުރި މަސައްކަތުން އުފެދުނު ބަދަހިކަމުން ލިބުނު ފައިދާ ހިމެނޭނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
މި ތަޖްރިބާ ތަކުން އެނގިގެން ދިޔައީ މީހުން ތިބީ ބޮޑެތި ކަންކަން ކުރުމަށް ބޭނުން ވެފައިކަމަށާއި ބޭނުންވަނީ މީހުން ބަލައިގަނެގެން މީހުންގެ ހުނަރު ނެރެގެން ތަރައްޤީ އާއި އުފާވެރިކަމަށް ކަންކަން ކުރުމަށް ބޭނުންވާ ލީޑަރޝިފެއް އޮތުންކަމުގައި ވެސް ނަޝީދު ވިދާޅުވިއެވެ.
ހެޑްމާސްޓަރެއްގެ ގޮތުން ފުރަތަމަ ނަޝީދު މަސައްކަތް ކުރެއްވީ ރ.ކަނދޮޅުދޫ ގައި ހުންނަ ރ. އަތޮޅު މަދަރުސާ ގައެވެ. އެ އިރު އެ ސްކޫލުގެ އާބާދީ އަކީ ގާތްގަޑަކަށް 1160 ދަރިވަރުންނެވެ. ކަނދޮޅުދޫގައި މަސައްކަތް ކުރެއްވި ގޮތް ޙިއްސާކުރައްވަމުން ނަޝީދު ވިދާޅުވީ އެއީ މަސައްކަތުގެ އައު ތަޖުރިބާ ތަކެއް ލިބިގެން ދިޔަ ދުވަސްތަކެއް ކަމަށެވެ. އެރަށަކީ އާބާދީ ބޮޑު، ބިންކުޑަކަމުން ރަށުގައި ދިރިއުޅުމަށް ގިނަ ދަތި ތަކެއް ހުރުމުގެ ސަބަބުން ނިކުންނަ މައްސަލަތަކެއް އޮތް ރަށެއް ކަމުގައެވެ.
އެއީ، ގިނަބައިވަރު އިޖުތިމާޢީ މައްސަލަތަކާއި އެއިން މީހުންނަށް ކުރާ އަސަރުތައް ދެނެގަނެވުނު ދުވަސްވަރެއް ކަމަށް ނަޝީދު ފާހަގަ ކުރައްވައެވެ. ކަނދޮޅުދޫގެ އެއިރުގެ ޙާލަތަކީ ރަށު ރައްޔިތުންގެ އުފާވެރިކަމަށް ރަށުގެ ލީޑަރޝިޕްގެ މުހިއްމު މިންވަރު ވަރަށް ބޮޑަށް ހާމަވި ޙާލަތެކެވެ.
ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި ކަނދޮޅުދޫގައި ދިރިއުޅުއްވަން ފެއްޓެވި ކާބަފައިންނަކީ ވެސް ވަރަށް ތޫނުފިލި ބައެކެވެ. އެކަން ފާހަގަ ކުރައްވާ އެއް ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަ ކުރެއްވީ ކަނދޮޅުދޫ އޮތް ޕޮޒިޝަނެވެ. ކަނދޮޅުދޫ އޮންނަނީ ކަނޑު، ފަރު ގިރި އަށް ފަހި ޕޮޒިޝަނެއްގައެވެ. ނަތީޖާ އަކީ އެންވެރިކަން ތިއާގިވުމާއެކު މަސްވެރިކަން އަބަދުވެސް ރަނގަޅު ވުމެވެ. އެ ޙާލަތާއެކު، ރައްޔިތުންގެ މުރާލިކަމުން، ކަނދޮޅުދޫ އެއިރުވެސް ފާހަގަ ވަނީ ވަރަށް ފުދުންތެރި ރަށެއްގެ ގޮތުގައެވެ. ނަމަވެސް އެ ލޮބުވެތި ރައްޔިތުން ތަޙައްމަލު ކުރަންޖެހިފައިވާ ގިނަ އިޖުތިމާޢީ މައްސަލަތަކަށް މަސައްކަތް ކޮށްދޭނޭ ސިނކުޑި ތަކަކަކަށް އަދި އަތްތަކަށް އިންތިހާ އަށް ބޭނުން ވެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
މޭވާ އާއި ކުކުޅު ބިސް ފަދަ ޞިއްޙަތަށް ފައިދާހުރި ކާނާ ހިމަނައިގެން ރ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އިންޓަވަލް އެއިރު އިންތިޒާމް ކުރެއްވި ގޮތް ނަޝީދު ހިއްސާ ކުރެއްވި އެވެ. ބެލެނިވެރިންގެ ސަމާލު ކަމާއި ޝައުގުވެރިކަން އަދި ބައިވެރިވުން ހޯއްދަވައިގެން އަތޮޅު މަދަރުސާއިން އެކަން އިންތިޒާމު ކުރުމުން، ކިޔަވާ ކުދިންނަށާއި މައިންބަފައިންނަށް ލިބިގެން ދިޔަ އުފާވެރިކަމުގެ ހަނދުމަ ނަޝީދު އާކުރެއްވި އެވެ. މި ފަދަ އެތައްކަމަކަށް، ދިރާސީ އަހަރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފެއްޓެވި މުދައްރިސުންގެ ފަންނީ ތަރައްޤީގެ ޕްރޮގްރާމުން ފައިދާކުރުވިގޮތް ފަދަ މިސާލު ތައް ނަޝީދު ވިދާޅުވެދެއްވި އެވެ.
ނަޝީދު ވިދާޅުވީ، އޭރު ހެޑްމާސްޓަރުންނަކީ ވެރިންނާއި ރައްޔިތުންނާއި ގުޅިގެން ރަށުގައި ހިންގަވައި، އިޖުތިމާއީ ހުރިހާ ކަންކަމެއްގައި ބައިވެރިވެ ވަޑައިގަންނެވި، ރަށްރަށުގެ ކުރިއެރުމާއި ތަރައްޤީގައި ވަރަށް ބޮޑު ޙިއްސާއެއް އޮންނަ ބައެއްގެ ގޮތުގައެވެ.
ހެޑްމާސްޓަރުން، ޕްރިންސިޕަލުންނަކީ ސްކޫލުން ގެއަށް ގެއިން ސްކޫލަށް ހަމަ އެކަނި ވަޑައިގަންނަވާ ބޭފުޅުންނަށް ވެގެން ތިއްބަވާނަމަ ބޭނުންވާ ކުރިއެރުން ލިބިގެން ނުދާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ. ގައުމީ މަންހަޖުން ސިފަކުރާ ދަރިވަރު އުފެއްދުމަށްވެސް ޕްރިންސިޕަލް އެގޮތަށް ޢަމަލް ކުރައްވާނަމަ ދަތިވާނެކަމަށް ނަޝީދު ދެކެވަޑައިގަންނަވައެވެ. އޭގެ ބަދަލުގައި މުޖުތަމަޢުގައި ހުންނަ ހަކަތައާއި ފޯރި އަދި ޖޯޝް "ފެލާލައި ދަމައިގަނެގެން" ސްކޫލާއި ރަށާއި މުޖުތަމަޢުގެ ލާބަ އާއި އުފާވެރިކަމަށް މަސައްކަތް ކުރާބަޔަކަން ޕްރިންސިޕަލުން ވާންޖެހޭކަމުގައި ނަޝީދު ވިދާޅުވިއެވެ.
މިހާރުގެ ޙާލަތަށް ރިޢާޔަތް ކުރައްވައި ނަޝީދު ވިދާޅުވީ ދުނިޔެއަށް ބަދަލުތައް އަންނާނެކަމަށެވެ. އާކަންކަމާއި އީޖާދުތައް އުފަންވާނެ ކަމަށެވެ. އެހެންނަމަވެސް މުޖުތަމަޢަކަށް، ލޯތްބާއި އަޅާލުމަށްވުރެ ބޮޑުއެއްޗެއް ނޯންނާނެކަމުގައެވެ. އެއީ ބަދަލު ނުވާނެ އެއްޗެއްކަމުގައެވެ. ސަބަބަކީ ލޯތްބާއި އަޅާލުމުން އެލިބޭ އުފަލާހިތްހަމަޖެހުން އެހެންކަމަކުން ލިބިގެން ނުދާނެތީއެވެ. އެހެންކަމުން ސްކޫލް ހިންގަވާ ބޭފުޅުން މަސައްކަތުގައި މުޅިމުޖުތަމަޢުއަށް ލޯތްބާއިއަޅާލުން ދިނުމުގައި އެހެންމީހުންނަށް ފިލާވަޅަކަށްވާނޭގޮތަށް މަސައްކަތްޕުޅުބެހެއްޓެވުމަކީ ނުހަނުބޭނުންތެރި ކަމެއްކަމުގައި ނަޝީދު ދެކެވަޑައިގަންނަވައެވެ.
ސްކޫލަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް، ވަކި ފަންތިއަކަށް ބެލުމެއްނެތި އަޅާލުމާއި އޯގާތެރިކަން ފޯރުކޮށް، އެބޭފުޅަކީ މުހިންމު ފަރާތެއްކަން އިޙުސާސްވާނޭހެން ކަންކަންކުރުމަކީ މުހިންމު ކަމެއްކަމުގައިވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ. މިސާލެއްގެ ގޮތުން ތުލުސްދޫގައި ހުންނަ ކ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތް ކުރެއްވި ދުވަސް ވަރު، އެއިރު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ކުރެއްވި އަމިއްލަފުޅު ކުއްލި ޒިޔާރަތުގައި ނަޝީދު ކަން ކުރެއްވި ގޮތާއި އެއިން ގިނަބަޔަކަށް އުފާވެރިކަން ލިބިގެންދިޔަ ގޮތުގެ މިސާލު ހިއްސާ ކުރެއްވި އެވެ.
ޕޮޑްކާސްޓް ނިންމާލުމުގެ ގޮތުން ނަޝީދު ފާހަގަ ކުރެއްވީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް މަޢުލޫމާތާއި ތަޖުރިބާ ލިބިފައިވާ މީހުން ކަމުގައެވެ. އެހެންކަމުން، ކޮންމެ މީހަކީވެސް އަނެކާގެ ތަޖުރިބާއިން ފިލާވަޅު ލިބިގަތުމުގެ ޝަޢުޤުވެރިކަން ހުރި ފަރާތަކަށް ވުމުން ފައިދާ ކުރާނެ ކަމަށެވެ. އަދި ތިމާ ކުރި އެރުމަށްޓަކައި ތިމާކުރާ މަސައްކަތް ބަލާ ފަރާތްތަކުން ދެއްވާ އިރުޝާދު ލިބިގަތުމަށް ލޯބިކުރުމަށް ނަޝީދު ނަޞޭހަތްތެރިވެވަޑައިގަތެވެ. އަދި، ތިމާ އަކީ އަބަދުވެސް އަމިއްލަ ކުރިއެރުމަށާއި މުޖުތަމަޢުގެ އުފާވެރިކަމަށް މަސައްކަތްކުރާ ފަރާތަކަށް ވުމަށް އެދިވަޑައިގަތެވެ.
ނަޝީދުގެ ވާހަކަ ތަކުން ތަފާތު ގިނަ މަޢުލޫމާތާއި ފިލާވަޅުތަކާއި ތަޖުރިބާ ލިބިގެން ދިޔައެވެ. ހެޕިނަސްކުލަބުން އެދެނީ ނަޝީދުއަށް ބާއްޖަވެރިކަމާއި އުފާވެރިކަމެވެ.