ސްމައިލްޝިހާބު ޕޮޑްކާސްޓް: މަހުދީ

ހިތްހަމަޖެހުމާއި އުފާވެރިކަމަކީ މާތްﷲގެ ޙަޟްރަތުން އެކަލާންގެ އަޅުންނަށް ދެއްވާ ނިޢުމަތެކެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން އާލާކުރުމުގެ ގޮތްތަކުގެ ތެރޭގައި އިންސާނުންގެ މެދުގައި އޮންނަ ހިތު ލޯބި، ދުޅަހެޔޮ ގުޅުންތައް، ވަފާތެރިކަމާއި ފަހި ވިސްނުން، ލޯބިވުމާއި ނަމޫނާ ދެއްކުމާ އެކު، ހިތުން އެކަކު އަނެކަކަށް އަޅާލުމުން އުފެދޭ ލޯބީގެ ޖާދޫ ފާހަގަކޮށްލެވެއެވެ. ހަމަ އެހެންމެ އުޑަށް ބެލުންފަދަ ޤުދުރަތީ މާޙައުލުން ލިއްބައިދޭ އުފާވެރިކަމުގެ އިޙްސާސާއި މަންމައެއްގެ ފުރިހަމަ ޒިންމާ އަދާކުރުމަށްޓަކައި ކުރާ ހިތްވަރު ފާހަގަކޮށްލެވެއެވެ.

މިއީ ސަން ޕޮޑްކާސްޓުން ގެނެސްދޭ ސްމައިލް ޝިހާބު ޕޮޑްކާސްޓުގެ 12 ވަނަ އެޕިސޯޑެވެ.

މި އެޕިސޯޑުގެ ނަމަކީ " މަހުދީ"އެވެ. މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައިވަނީ އަދާރަން ރިސޯޓުގެ ވައިސް ޕްރެޒިޓެންޓް އަލްފާޟިލް މުޙައްމަދު މަހުދީއެވެ. މަހުދީއަކީ އައިސީއެފް ކޯޗެއްގެ އިތުރުން ސްޕީކާއެކެވެ. ހޮސްޕިޓަލް މެނޭޖްމެންޓުން މަތީ ތަޢުލީމް ޙަޞިލުކުރައްވާފައިވެއެވެ.

މަހުދީއަކީ ނ. ހޮޅުދޫއަށް އުފަން، އެ ރަށުގެ މަޝްހޫރު މޭނާ ޢާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. މަހުދީއަކީ މޭނާ ކަލޭފާނުގެ މުނިކާފަ ދަރިކަލެކެވެ. މަހުދީ ވިދާޅުވި ގޮތުގައި އޭނާ ކުޑައިރުގެ ދުވަސްވަރަކީ ތަދު ދުވަސްވަރެކެވެ. ކާބޯ ތަކެއްޗާއި އެހެނިހެން ތަކެތި މިހާރު ލިބޭހާ ފަސޭހައިން ލިބެން ނުހުރެއެވެ. ރަށުގެ މީހުން ދަނޑުވެރިކަން ކޮށްގެން ލިބޭ މަދު އެތިކޮޅަކުން ފުއްދާލައިގެން އުޅުނު ދުވަސްވަރެކެވެ. މޭނާ ޢާއިލާގެ ފުދުންތެރިކަން މަހުދީމެންނާ ހިސާބަށް ފޯރާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުޑައިރުގެ ވާހަކަތައް ޙިއްސާކުރައްވަމުން މަހުދީ ވިދާޅުވީ ދިރިއުޅުނީ ފަން ގެއެއްގައި ކަމަށާއި ވާރެ ވެހިއްޖެ ނަމަ ގޭތެރެއަށް ފެން ވެހޭ ކަމަށެވެ. އެހެންނަމަވެސް، އެ ޒަމާނުގައި ވެސް އެ ހިސާބަށް ކޮންމެ ވެސް ވަރަކަށް ފަތުރުވެރިން ޒިޔާރަތްކުރި ކަމަށާއި އެ މީހުން ގެންގުޅޭތަކެތީގެ ތެރެއިން ޓެންޓު ލިބޭ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ވިއްސާރަ ދުވަސްވަރު ޓެންޓުގެ ބޭނުން ހިފައެވެ.

ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން ކާފަޔާ އެކު ހޮޅުދޫ ކައިރީގައި އޮންނަ މާވެލާވަރަށް ގޮސް ދަނޑުވެރިކަމުގެ ބައެއް ކަންކަމުގައި ޙަރަކާތްތެރިވިކަން ފާހަގަކުރެއްވިއެވެ. އެއީ، ދަނޑުވެރިކަން ކުރަން އެ ރަށުގެ މީހުން ގޮސް އުޅުނު ރަށެކެވެ. ކާބޯތަކެތީގެ ތެރޭގައި ބިންބިއާއި ޒުވާރިއާއި ތޮރާއާއި ފުށްކިރު ބޭނުންކުރިއެވެ. އަދި، ގަބުޅިއާއި ފުށާއި ހަކުރު އަޅައިގެން ހިލާފައި ހަދާބޯޅަފުށް އެއީ މައިގަނޑު ކެއުންކަމުގައި ވިދާޅުވިއެވެ. މަހުދީ ފާހަގަކުރެއްވި ގޮތުގައި އެ ޒަމާނުގައި ކޮންމެ ކަހަލަ ބައްޔެއް ވީނަމަވެސް ބޭނުންކުރީ ޑިސްޕިރިންއާއި ބޮޑުމަހު ތެޔޮގުޅައެވެ.

ކުޑައިރުގެ އެންމެ އުފާވެރި ހަނދާންތައް ޙިއްސާކުރައްވަމުން ވިދާޅުވީ، އެއީ ވަރަށް މިނިވަންކޮށް ކުދިންނާ އެކު މަގުމަތީގައި ކުޅެ، ދުވެ، މަޖާކޮށް ގަސްގަހަށް އަރާ މޫދަށް އެރި އުޅުނު އުފާވެރި ދުވަސްވަރެއް ކަމަށެވެ. މޫދަށް ދިޔުމަކީ ޚާއްސަ އުފާވެރި ކަމެއް ކަމަށާއި އެހެންނަމަވެސް މޫދަށް ދިޔުމުން ސްކޫލުން އަދަބު ލިބޭ ކަމަށެވެ. ކޮންމެކޮންމެ ދުވަހަކު ކުދިން އެކަނި މޫދަށް އެރެން ދޫ ނުކުރާ ކަމަށް ވިދާޅުވިއެވެ.

އެއްތެޔޮގަނޑުން ތެޅުމަކީ އޭރު ސްކޫލުން ލިބޭ އެންމެ ފާހަގަ ކޮށްލެވޭ އަދަބެވެ. އެހެންނަމަވެސް، އެއިން ކޮންމެ ކަމަކުން އިތުރު ތަޖުރިބާތަކަކާއި ފިލާވަޅުތަކެއް ދަސްވި ކަމަށް މަހުދީ ވިދާޅުވިއެވެ. މިހާރާ އަޅާބަލާއިރު ކިތަންމެ ދަތިކޮން އުޅުނުކަމުގައި ވިޔަސް ކުޑަކުއްޖެއްގެ ގޮތުގައި މިނިވަންކަމާއި އުފަލާއި މަޖަލުގައި އުޅެވުނު މާޙައުލެއް އޮތުމަކީ ނަސީބެއްކަމުގައި ދެކެވަޑައިގަންނަވައެވެ. އޭރު ހެދިފައިވާ ޤަވާއިދުން ބޭރު ވެވުމުން އަދަބު ލިބުނުކަމުގައި ވިޔަސް ނަފު ސާނީބަލިމަޑުކަމެއް ދިމާނުވެއެވެ. އޭގެ ބަދަލުގައި އަދަބުވެރިވުމާއި ހިތްވަރާއި ތަޖުރިބާތަކެއް ލިބުނުކަން ފާހަގަކުރައްވައެވެ. މިއީ ހައްތަހާ ވެސް ކުޑައިރުގެ ފިލާވަޅުތަކާއި އުފާވެރި ހަނދާންތަކެވެ.

ސްކޫލް ދުވަސްވަރު މަހުދީއަކީ ވަރަށް ކުޅިވަރުގެ ބޭފުޅެއް ކަމަށާއި އެތުލެޓިކްސްއާއި ފުޓުބޯޅައަކީ ޚާއްސަ ކުޅިވަރުތައްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ސްޕޯޓުމީޓުތަކުގައި ގިނަ ކުޅިވަރުތަކަކުން އެއްވަނަ ލިބިފައިވެއެވެ. އޭގެ އިތުރުން "ހައި ވޯކް" ހުސް ދަނޑީގައި ހިނގުންފަދަ ހުނަރުތަކަށް ވަރަށް ކުޅަދާނަކަން ފާހަގަކުރެއްވިއެވެ. ފުޓްބޯޅަ، ވޮލީ، ޓޭބަލްޓެނިސް އަދި ބެޑްމިންޓަން ވެސް ކުޅުއްވާކަމަށް ވިދާޅުވިއެވެ.

ކިޔަވަން މާލެ ބަދަލުވީ ގާތްގަނޑަކަށް 16 ވަރަކަށް އަހަރުގައި ކަމަށް ވިދާޅުވިއެވެ. މާލޭ އިންގްލިޝް ސްކޫލުން ކިޔަވަން ފެށި މަހުދީ އެ ސްކޫލުގައި ވެސް ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވުނު ދަރިވަރެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން، ސްކޫލުތަކުގައި އޮތް އެންމެ ވަރުގަދަ ޓީމް އެމްއީއެސްގެ ފޫޓްބޯޅަ ޓީމަށް އެރުމުގެ ފުރުޞަތު ލިބުމަކީ މިކަމުގެ ހެއްކެކެވެ. އެއީ، ވަރަށް ޖޯޝާއި ފޯރި މުޅި ޤައުމުގައި ވެސް ފުޓްބޯޅައަށް އޮތް ދުވަސްވަރެކެވެ. ފުޓްބޯޅައިގެ މައިދާނުގައި މަޝްހޫރު ނަންތައް ކަމުގައިވާ ޕައުލޫރޮސީ އަދި ޖަޑާގެ ނަމުން މަހުދީއަށް ވެސް މުޚާތަބުކުރެވިގެން ދިޔައީ އޭނާ ފުޓްބޯޅައިގައި ދެއްކި މޮޅު ހުނަރުގެ ސަބަބުންނެވެ. އެއީ، ވަރަށް އުފާވެރި ހަނދާންތަކެއްގެ ގޮތުގައި މަހުދީ ފާހަގަކުރައްވައެވެ.

ސްކޫލު ދުވަސްވަރުގެ އެންމެ އުފާވެރި ހަނދާނެއްގެ ގޮތުގައި ފާހަގަކުރެއްވީ މަހުދީ ޓީމުގައި ހުރެގެން އެމްއީއެސްއަށް ފޫޓުބޯޅައިގެ ތަށި ލިބުނު ދުވަހެވެ. އެކަމުގެ ސަބަބުން މަސް ދެ މަސް ވަންދެން އެކި ގޭގެއިން ޕާޓީ ލިބެމުންދިޔަކަން ފާހަގަކުރެއްވިއެވެ. އެއީ، އެކުވެރިކަމާއި އިޖުތިމާޢީ ގުޅުން ބޮޑު ދުވަސްވަރެއްކަން ފާހަގަކުރެއްވިއެވެ.

އެ ދުވަސްވަރު ސްކޫލުތަކުން ވާދަވެރި ރޫޙެއްގައި ކުދިންނަށް މުހިންމު އަދި ފައިދާ ހުރި މަސައްކަތްތަކެއް ކިޔެވުމުގައި ވެސް ކުޅިވަރުގައި ވެސް ކުރެއްވި ދުވަސްވަރެއްކަން މަހުދީ ފާހަގަކުރެއްވިއެވެ. އޭގެ ފައިދާއަކީ ގަދަ އަޅާ މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ. އެތައް ކުދިންތަކެއްގެ ތަރެއިން ފުޓްބޯޅާ ޓީމަށް އެރުމަށްޓަކައި ގަދަ އަޅާ މަސައްކަތް ކުރަންޖެހޭކަމުގައި ވިދާޅުވިއެވެ. ކޯޗު ލިރުޣާމް ސަޢީދު (ލަރޭ)ގެ ކޯޗުކަމުގެ ދަށުން ކުދިންނަށް އެންމެ ފުރިހަމަ ތަމުރީނުތަށް އޭނާގެ ޓީމަށް ލިބިގެން ދިޔަކަން އުފަލާ އެކު ފާހަގަކުރެއްވިއެވެ. އޭރު އެންމެ ހަކަތަ ލިބޭ ބުއިމަކަށް ލިބެނީ ބަތްޕެންކަން ފާހަގަކުރެއްވިއެވެ.

މެޗު ކުޅޭ ދުވަސްވަރު މޮޅުވުމަށް ކުރާ އިތުރު ކަންތައްތައް ޙިއްސާކުރެއްވިއެވެ. އެގޮތުން، ބަރާބަރަށް ގަޑިއަށް ފަރިތަކުރުންތަކަށް ހާޒިރުވުމާއި މާލޭ ވަށައި ބުރުޖެހުމާއި ޖިސްމާނީ ގޮތުން ބުންވަރު ވަރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާކަން ފާހަގަކުރެއްވިއެވެ. އޭރު ސްކޫލުތަކުން ކޮލިޓީ ޓީމްތައް ތައްޔާރުކުރައްވާކަން ފާހަގަކުރެއްވިއެވެ.

އެއީ، މީހާ ވަރަށް ޑިސިޕްލިން ވެގެން ދިޔަކަމެއްކަމަށް ވިދާޅުވިއެވެ. ކެއުމާއި ނިދުންފަދަ ކަންކަން ވަކި ހަމައެއްގެ މަތިން ގެންގުޅެންޖެހުނެވެ. ޓީމްވޯކް ވަރުގަދަ ކުރުމަށްޓަކައި ދަތުރުދިޔުމާއި އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިޙުރިރާމުކުރަން ދަސްކޮށްދެވުނެވެ. ސްކޫލްގެ ކިޔެވުމުގެ ތެރެއިން ކެރޭކަން އަންގާލުމަށް ލާނެއް ކަންކަން ކުރެވިގެން ކުދި އަދަބު ލިބުނު ނަމަވެސް އޭރުގެ ސްކޫލުތަކަކީ ގަނާ ކުރުންފަދަ ކަންކަމާއި ދުރު މަޖާ އުފާވެރި ތަނެއްކަމުގައި ވިދާޅުވިއެވެ.

މަހުދީ ސްކޫލު ނިމުނުއިރު ބޭނުންވީ ފުޓްބޯޅަ ކުޅުމުގެ ރޮނގުން ކުރިއަށް ދިޔުމަށެވެ. އެ ދުވަސްވަރު ދިމާވީ 3 ނޮވެންބަރު 1988 ޢުދުވާނީ ޙަމަލާގެ ސަބަބުން ސްކޫލު ނިމޭ ދަރިވަރުން ސިފައިންގެއަށް ވެއްދި ދުވަސްވަރާއެވެ. އެކަމުން ސަލާމްތްވާން ބޭނުންވާތީ ރައްޓެހިންގެ މަޝްވަރާގެ މަތިން ހޮޓެލް ސްކޫލަށް ވެންނެވީ ކަމުގައި ވިދާޅުވިއެވެ. އެ ތަނުން ޖެނެރަލް ހޮޓެލް ސާާވިސްކޯހުން ދެވަނަ އަދި ބެސްޓު ސްޑޫޑަންޓު އެޓް ފުޑް ތިއަރީއަކަށް ހޮވިވަޑައިގެންނެވިކަން ފާހަގަކުރެއްވިއެވެ.

އެންމެ ފުރަތަމަ ވަޒީފާއަކަށް ގުޅުވަޑައިގެންނެވީ ބަތަލާ ރިސޯޓުގެ ކިޗަން ހެލްޕަރެއްގެ މަޤާމަށެވެ. އެއީ، ޝެފަކަށްވާން ބޭނުންވާތީއާއި އޭގެ ސަބަބުން ސްކޮލަޝިޕް ލިބުން ފަސޭހަވާނެތީއެވެ. އެއީ، ފިރިހެން ކުދިން އެ ދުވަސްވަރު ކުރިއަށް ދާން ބޭނުން ނުވާ ދާއިރާއެއްކަން ފާހަގަ ކުރެއްވިއެވެ. ނިކަ ހޮޓްލްގައި ވެސް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވައި ވިދާޅުވީ، ރިސޯޓުގެ އިދާރީ މަސައްކަތްތައް ދަސްކުރުމަކީ ކުރިއަށް ދިޔުމަށް ކޮންމެހެން ބޭނުންވާ ކަމެއްކަން ވިސްނުނު ކަމަށެވެ.

ސްކޮލަޝިޕް ލިބޭގޮތް ނުވުމުން ރިސޯޓުގެ ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރައްވައި ތަޖުރިބާ ހޯއްދެވިއެވެ. މި ކަންކަމުގެ ތެރެއިން 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ބަތަލާ ރިސޯޓުގެ އެސިސްޓެންޓު މެނޭޖަރަކަށް ވެވުނުކަން ފާހަގަކުރެއްވިއެވެ. އޭރު ޅަ އުމުރުގައި މާ ބޮޑު ތަޖުރިބާއެއް ނެތި އެފަދަ މަޤާމަކަށް އާދެވުމަކީ ލިބުނު ކުރިއެރުމެއްގެ ގޮތުގައި ދެކެވަޑައިގެންނެވިއެވެ.

މަހުދީ ހާމަކުރެއްވި ގޮތުގައި އޭރު މުވައްޒަފުންނާ ގުޅޭ މާ ބޮޑު ޤާނޫނަކާއި ޤަވާއިދެއް ހެދިފައި ނެތެވެ. އެހެންނަމަވެސް، ވަޒީފާގައި އެންމެ ހިތްހަމަޖެހެނީ ތަފާތު ކުޅިވަރުތަށް ކުޅުމުގެ މިނިވަންކަން ލިބިފައި އޮތުމާއި ކުޅުމުގެ ކަންކަން ފަހިވެފައި އޮތުމުންނެވެ. މެނޭޖުމަންޓުން ކުޅިވަރުގެ ކަންކަމަށް ދެއްވާ އެއްބާރުލުންވީ މަސައްކަތުގެ ޝަޢުޤުވެރިކަން އިތުރުވި ކަމަކަށެވެ. ބާރާބަރަށް މުސާރަ ނުލިބުނުކަމުގައި ވިޔަސް އޭރު މާ ބޮޑު ކަންބޮޑުވުމެއް ނޯވެއެވެ. އެހެންކަމުން އެއީ ހިތްހަމަޖެހިގެން މަސައްކަތްކުރެވުނު އުފާވެރި ދުވަސްތަކެއް ކަމުގައި ވިދާޅުވިއެވެ. ކުޅިވަރަކީ މުޅި ޢުމުރަށް ވެސް ބޭނުންހިފޭ ފަދަ ވަރަށް ގިނަ ފިލާވަޅުތަށް ދަސްކޮށްދިން އުފާވެރި ތަޖުރިބާއެކެވެ.

ރިސޯޓުގެ މަސައްކަތުގެ ތާވަލު ޙިއްސާކުރައްވަމުން ވިދާޅުވީ، ހެނދުނުގެ ސަޔާއި މެންދުރު ކެއުމުގެ ކަންކަން ނިމެނީ މެންދުރު ފަހު 2:00 ގައި ކަމަށެވެ. ހަވީރު 4:00 ގައި ކުޅެން ދަނޑަށްދާ ކަމުގައި ވިދާޅުވިއެވެ. ކުޅެ ނިމިގެން ހަވީރު 5:30 އިން ރޭގަނޑު 9:30 އަށް އުޅުއްވީ މަސައްކަތުގައެވެ. ސްޓާފުންނާ އެކު ރޭގަނޑުގެ ކެއުން ނިންމާލުމަށް ފަހު 11:00 ގައި ބޮޑުބެރުޖެހުން އޮންނަކަން ފާހަގަކުރެއްވިއެވެ. އޭރު އެއީ ގޮންޖެހުންތަކާ އެކު ބުރަކޮން މަސައްކަތް ކުރެއްވި ދުވަސްވަރެކެވެ. އެހެންނަމަވެސް، މަޖަލާއި ހިތްހަމަޖެހުމާއި އުފާވެރި ދުވަސްވަރެކެވެ.

މުވައްޒަފުންނާއި ގުޅުންހުރި މައްސަލަތައް ޙައްލުކުރުމުގައި ކުޅިވަރުގެ ތެރެއިން އުފެދިފައިވާ އެކުވެރިކަމާއި ގާތްކަމުގެ ސަބަބުން އެ ކަންކަން ޙައްލުކުރަން ފަސޭހަވެގެންދިޔަކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މެނޭޖްމެންޓު ބަދަލުވެ، މުވައްޒަފުންނާ އެކު ވަޒީފާގެ އެއްބަސްވުން ހެދިގެން މުވައްޒަފުން ސޮއިކުރަން ދެކޮޅުހެދި ވަގުތު އެކަން ޙައްލުކުރެވުނުކަން ފާހަގަކުރެއްވިއެވެ. އަދި، ރސޯޓުގެ ޢުމްރާނީ މަސައްކަތްތަކުގައި ވެސް މުވައްޒަފުންގެ އެހީތެރިކަން ހޯދިފައިވާކަމުގައި ވިދާޅުވިއެވެ.

ދިވެހިންނަކީ އެ ދުވަސްވަރު ވެސް ބުރަ މަސައްކަތާއި ޒިންމާދާރުކަމާ އެކު ވަޒީފާ އަދާކުރެއްވި ބައެއްކަން ފާހަގަކުރެއްވިއެވެ. ބޮޑު މުސާރައަކީ އޭރު މާ ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމެއް ނޫން ކަމަށާއި މަސައްކަތުގެ ޝަޢުޤުވެރިކަން ބިނާވެފައި އޮތީ ލިބިފައިވާ މިނިވަންކަމާއި ބޭއްވޭ ތަފާތު ޙަރަކާތްތަކާއި މުވައްޒަފުންގެ އެކުވެރި ބަދަހި ގުޅުމުގެ މައްޗަށްކަން ފާހަގަކުރެއްވިއެވެ. ކެނޑިގެންދާ މުވައްޒަފުން ވަރަށް މަދުކަމާއި ގެސްޓުން ވެސް ތަކުރާރުކޮށް އެ ރިސޯޓަށް ޒިޔާރަތްކުރާ ރޭޓް 60 ޕަސެންޓުގައި އުޅޭކަން ފާހަގަކުރެއްވިއެވެ. އެއީ، ދެވޭ ޚިދުމަތް ރަނގަޅުވުމުގެ ސަބަބެއްކަން ފާހަގަކުރެވެއެވެ.

މަހުދީ ހާމަކުރެއްވި ގޮތުގައި އޮޕަރޭޝަން މެނޭޖަރެއްގެ މަޤާމުގައި ކުރެއްވި މަސައްކަތްތަކުގެ އިތުރު ހަރުފަތްތަކަށް ވާސިލްވެވުނެވެ. އެގޮތުން، މަސައްކަތުގެ ރޮނގުންނާއި ތަޢުލީމީ ރޮނގުން ކާމިޔާބީތަކެއް ހޯއްދެވިއެވެ. ޑިގްރީއާއި ހޮސްޕިޓަލް މެނޭޖްމެންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާޞިލުކުރެއްވިއެވެ. ހޮސްޕިޓާލިޓީގެ ދާއިރާ ކުރިއަރާނެ ގިނަ ރޮނގުތަކުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވި، ކާމިޔާބުތަކެއް ޙާޞިލިކުރެވުނުކަން އުފަލާ އެކު ފާހަގަކުރެއްވިއެވެ. މި ހުރިހާ ކަމެއްގައި އެންމެ ގާތުން ހިތްވަރުދެއްވި އަނބިކަނބަލުންނަށް ޝުކުރުވެރިވެއެވެ.

މަހުދީއަކި "މަންމަގެ އުނގުންފެށިގެން ކައްވަޅަށް ދަންދެން ޢިލްމު އުނގެނޭށޭ" ބުނާ ބުނުމަށް ޢަަމަލުކަރައްވާ ބޭފުޅެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ނަފުސުގެ ކުރިއެރުމަށް ޢިލްމު ހޯދުން ހުއްޓާނުލައްވާކަން ފާހަގަ ކުރެއްވިއެވެ. އެންމެ ފަހުން އިންޓަނޭޝަނަލް ކޯޗިން ފެޑަރޭޝަން (އައިސީ އެފް) ސެޓިފައިޑް ކޯޗަކަށް ވެވަޑައިގެންނެވި ކަމަށާއި 2024 ވަނަ އަހަރު މަޕްސާ ސަމިޓް ސްޕީކާއެއްގެ ގޮތުން ބައިވެރިވެވަޑައިގެން ސްޕީޗް ދެއްވާފައި ވެއެވެ.

މިސަމިޓުގެ ތެރޭގައި "މަހުދީ" މެތަޑް ހުށައަޅުއްވައި ދެއްވައި މަހުދީ ކުރިއަރަން ގެންގުޅުއްވި އުކުޅުތަށް ހިއްސާ ކުރެއްވިއެވެ. އެގޮތުން ހަތަރު ކަމެއް ފާހަގަ ކުރެއްވިއެވެ. އެއީ ޢިލްމު ހޯދައި އުގެނުމުގައި ދެމިހުރުން، ގިނަ ހުނަރު ދަސްކުރުން، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުން، ދީނީ ކަންކަމުގައި ދެމިހުރުމެވެ.

މި ކާމިޔާބީގައި މަޕްސާގެ ހިންގާ ކޮމިޓީ އާއި މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރ ޢަފީފްގެ ނަން ފާހަގަ ކުރެއްވިއެވެ. އަދި ކޯހުގެ ބައިވެރިންނާއި މަޕްސާގެ ރަޢީސް އިޔާޒްގެ ނަން ފާހަގަ ކުރެއްވިއެވެ. އެ ބޭފުޅުންގެ އެހީތެރިކަމާއި މަހުދީގެ ގަދަ ހިތްވަރުން ކުރި މަސައްކަތްތަކުން ހީކުރި ވަރަށް ވުރެ އަވަހަށް ބަދަލު ފެނުނުކަން ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މިޒަމާނުގެ ޒުވާނުންނަށް މަހުދީ ދެއްވާ ނަސޭހަތަކީ މަސައްކަތުގެ ނަތީޖާ އެހެން ކަމަކުން ނުހޯދޭނެ ކަމެވެ. ގަދަ އަޅާ މަސައްކަތް ނުކުރެވި ކުރިއެރުމެއް ނުހޯދޭނެ ކަމަށާއި ޙަޔާތުގެ ލަނޑުދަނޑިއެއް އޮންނަންވާނެ ކަމަށެވެ. އެލަނޑުދަނޑި ހާސިލްކުރުމުން މަގު ކަސިޔާރު ވެގެން ނުވާނެއެވެ. ލަނޑުދަނޑި ހާސިލްކުރުމަށް ހުރަސް އެޅޭ ހުރިހާ ކަމަކުން އެއްފަރާތް ވާން ޖެހޭނެކަމަށެވެ. ލިބޭ ފުރުސަތުތަކުގެ ބޭނުން ލިބޭ ވަގުތު ހިފާށެވެ. ފުރުސަތުތަކަށް ބަލައި ހޯދައި ލިބިގަންނާށެވެ. ހުރިހާ ކަމެއް ހަމައެކަނި ފައިސާއަށް ބަރޯސާ ނުވާށެވެ. ފައިސާއަކީ ނަފުސު ކުރިއެރުވުމަށާއި ކާމިޔާބީ ހޯދުމަށް އިންވެސްޓުކުރަން ބޭނުންކުރާ ވަޞީލަތަކަށް ހަދާށެވެ. އެއިރުން ފައިސާ ތިމާގެ ފަހަތުން އަންނާނެއެވެ.

މަހުދީ ހިއްސާކުރެއްވި ވާހަކަތަކަކީ މިއަދުގެ ޒުވާނުންނަށް ވަރަށް އިބުރަތްތެރި އަގުހުރި ވާހަކަތަކެވެ. ދަތި އުނދަގޫ ހާލަތުންވެސް ހިތްވަރާއެކު ބުރަ މަސައްކަތުން ކާމިޔާބީ ހާސިލްކުރެވޭނެކަން އެނގި ހާމަވިއެވެ. ހެޕިނެސް ކްލަބުގެ ފަރާތުން އެދެނީ މަހުދީއަށް ކާމިޔާބާއި އުފާވެރިކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް