ފިލްމީ ތަރި ސީޒަން ލަންކާ އެމްބަސީން އިސްތިއުފާ ދެއްވައިފި

ސީޒަން ސްރީލަންކާ އެމްބަސީން އިސްތިއުފާ ދެއްވައިފި--

ސްރީ ލަންކާގައި ހުންނާ ރާއްޖޭގެ ހައިކޮމިޝަނުގެ ފަސްޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ ވަނީ ލަންކާ އެމްބަސީގެ ކަލްޗަރަލް ސެންޓަރުގެ ހެޑްގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ސީޒަން ވަނީ އޭނާ އިސްތިއުފާ ދެއްވިކަން "ސަން" އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމަށް ސީޒަން އައްޔަންކުރީ މިއަހަރުގެ ޖަނަވަރީމަހުގެ ތެރޭގައެވެ.

ރިޔާސީ އިންތިޚާބު ނިމުމާ އެކު ސީޒަން ވަނީ ދިވެހި ފިލްމީ އިންޑަސްޓްރީން ބްރޭކެއް ނަގަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ. އޭގެ ފަހުން، އޭނާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލާން އުޅޭކަން ވެސް އިއުލާނުކުރިއެވެ.

މަޖިލިސް އިންތިޚާބަށް ކެމްޕެއިން ވެސް ފެށުމަށް ފަހު، މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސީޒަން ވަނީ މަޖިލީހަށް ކުރިމަތި ނުލާން ނިންމިކަން އިއުލާނު ކޮށްފައެވެ.

ސީޒަން އަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ، ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފިލްމް ސްޓާރެކެވެ. އޭނާ ވަނީ ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ.

comment ކޮމެންޓް