ސަރުކާރު އިދާރާތަކުގެ ޚިދުމަތްތައް އޮންލައިކޮށް ދޭ ޕްލެޓްފޯމް 'ވަންގަވް' ވިއުގައިގައި ގިނަ އިދާރާތަކުން ބައިވެރިނުވާތީ، އެ ޕްލެޓްފޯމުގެ ބެލެނިވެރި ކުންފުނި ޓްރޭޑްނެޓް މޯލްޑިވްސް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން އިއްޔެ ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް މެންބަރު ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ، މިދިޔަ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓު އުފެއްދީ ނޭޝަނަލް ސިންގަލް ވިންޑޯއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރާ ހަމައަށް ވަންގަވް މެދުވެރިކޮށް ޚިދުމަތްތައް ދެމުން ދިޔައީ ދައުލަތުގެ 14 އިދާރާއަކުން ކަމަށެވެ.
ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ގިނަ އިދާރާތަކުން މި ޕްލެޓްފޯމާ ނުގުޅޭކަން ކުޑޫގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.
އަދި، ދައުލަތުގެ ބައެއް އިދާރާތަކުން އަމިއްލަ ވިއުގަތައް ގާއިމުކުރަމުން އަންނަ ކަމަށާއި މިއީ ކޮރަޕްޝަނަށް މަގުފަހިވެ، މަސައްކަތުގެ ސްޕީޑާއި އެފިޝިއެންސީއަށް އަސަރުކުރާނެ ކަމެއް ކަމަށް ސިޓީގައި ބުނެފައިވެއެވެ.
އެއް ވިއުގަޔެއްގެ ދަށުން ސަރުކާރުގެ ހުރިހާ އިދާރާއެއްގެ ޚިދުމަތްތައް ދެވޭނެ ގޮތް ހަދާފައިވާއިރު، އިތުރު ޚަރަދުތައް ކޮށްގެން ވަކި ވިއުގަތައް ގާއިމުކުރުމުން ދައުލަތުގެ ބަޖެޓުން ގިނަ އިސްރާފުތަކެއް ވާނެ ކަމަށް މެންބަރު ކުޑޫ ވަނީ ވިދާޅުވެފައެވެ.
"ޑިޖިޓަލައިޒޭޝަންގެ މަސައްކަތަށް ޚާއްސަ ކުންފުންޏެއް އެކުލަވާލައި، އެކުންފުނީގައި އެކަމަށް ބޭނުންވާ ފަންނީ ވަސީލަތްތަކާއި ފައިސާ ހުރިއިރު، ވަކިވަކިން ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް ކުރުމަކީ ދައުލަތަށް ލިބެން އޮތް ފައިދާތަކެއް ގެއްލިގެންދާ ގޮތަށް ތަރުތީބުވެ ކުރިއަށްދާ ކަމެކެވެ." ސިޓީގައި ބުނެފައިވެއެވެ.
ސިޓީގައި ވަނީ ވަންގަވްގައި ބައިވެރިނުވާ އިދާރާތަކުން އެ ވިއުގައިގައި ބައިވެރިނުވާ ސަބަބުތަކާއި އެކަމަށް ހުރަސްތަކެއް ހުރިނަމަ، އެކަންތައްތައް ދެނެގަނެގެން ހައްލުތައް ހޯދުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ.
މި މައްސަލައިގައި މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ޓްރޭޑްނެޓުން ހާޒިރުކުރުމަށް މެންބަރު ވަނީ އެދިފައެވެ.