ސައިކަލުގައި ދިޔަ އަންހެނެއްގެ އަތުން ފޭރެން އުޅުނު މީހާގެ ވަނަވަރު އާއްމުކޮށްފި

ސައިކަލުގައި ދިޔަ އަންހެނެއްގެ އަތުން ފޭރެން އުޅުނު މީހާގެ ވަނަވަރު އާއްމުކޮށްފި: އޭނާ ހައްޔަރުކުރީ އިއްޔެ -- ފޮޓޯ/ ފުލުހުން

މާލޭ، އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ފޭރެން މަސައްކަތްކުރި މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާގެ ވަނަވަރު ފުލުހުން އާއްމުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ ވ. ފިޔަބަރި، މާލެ، ހަސަން އިސާމެވެ.

https://www.sun.mv/200458

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަސް ޖަހައިފައެވެ.

މި ހާދިސާ ހިނގައިދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އަދި އިސާމް ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު 17:20ގައެވެ. އޭނާ ދުއްވި ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މިއަދު މައުލޫމާތުދިނެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ސައިކަލުގައި ދިޔަ އަންހެން މީހާއާ އަރާ ހަމަކުރި އެހެން ސައިކަލެއްގައި އިން ފިރިހެނަކު ވަނީ އެ އަންހެން މީހާގެ ކަރުގައި އޮތް ފަށް ފޭރުމަށް މަސައްކަތްކޮށްފައެވެ. އެކަން އޭނާއަށް ނުވުމުން, ސައިކަލުން ފައިބައި އަންހެން މީހާގެ އަތްދަބަސް ފޭރެން މަސައްކަތް ކުރެއެވެ.

ނަމަވެސް އަންހެން މީހާ މަގުގެ އެއްފަރާތު ގޯޅިތެރެއަށް ދުވެފައިދާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

އެއާއެކު ފިރިހެން މީހާ ވަނީ ސައިކަލަށް އަރައި، އެ ތަނުން ފިލާފައެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ ގޮޅި ޖެހި ގަމީހެކެވެ. އަދި އޭނާ އެވަގުތު ހުރީ ހުދު ކުލައިގެ ހެލްމެޓެއް ވެސް އަޅައިގެންނެވެ.

މި ހާދިސާ ހިނގި ވަގުތު މަގުމަތީގައި ވެސް މީހުން ހަރަކާތްތެރިވެ އުޅުނެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ފިރިހެން މީހާ ސައިކަލުގައި ފިލާފައި ވަނީ ފަހަތުން އެހެން ދެ ސައިކަލެއް އައިސް މަޑުކުރި ވަގުތުގައެވެ.

ފޭރުމުގެ މިފަދަ މައްސަލަތައް އަބަދުވެސް ހިނގައެވެ. ޚާއްސަކޮށް މީހުންނަށް ބިރުދައްކައިގެން ފައިސާ އަތުލުމާއި، ފޭރުމުގެ މައްސަލަތައް މާލޭގައި ވެސް އިތުރެވެ.

comment ކޮމެންޓް