ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑީއެމްޑީ މުހައްމަދު ފަޒީލް ރަޝީދު ހިމެނޭ ގޮތަށް 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ފަޒީލް ހިމެނޭ ކަމަށް ބުނާ ލިޔެކިޔުންތަކެއް ވަނީ އާންމުވެފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން އޮތެވެ. ނަމަވެސް އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ.
އެ މައްސަލާގައި ފުލުހުން ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތިތަކެއް ދީފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ. ހަމައެއާއެކު އިއްޔެ ވަނީ އެ މައްސަލައާ ގުޅިގެން ފަޒުލްގެ އިތުރުން އެޗްޑީސީގެ ބޯޑު މެމްބަރުންތަކަކާއި ފަޒީލް ވެސް ސަސްޕެންޑު ކޮށްފައެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ފަޒުލްއާއި ފަޒީލް ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށެވެ. ޕާސްޕޯޓު ހިފެހެއްޓި ބާކީ 18 މީހުންގެ ވަނަރު އަދި ހާމައެއް ނުކުރެއެވެ.
މި 20 މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
މި މައްސަލާގައި ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ބިންވެރިޔާ ސްކީމުން ކަމަށް ބުނެ ނުހައްގުން ގޯތި ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކުރިއަށްގެންދާ ތަހުގީގުގައި، ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ ބަޔެއްގެ އަތުގައި ވެސް ގޯތި ލިބުނު ކަމުގެ ލިޔުން އޮތްކަން ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ފަޒުލް ރަޝީދަށް އަދި އެއްވެސް ތުހުމަތެއް މިހާތަނަށް ނުކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ސުވާލު ކުރުމަށް ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އިއްޔެ ވަނީ ހުށަހަޅުއްވާފައެވެ.
މިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް އިންޒާރުގެ މެސެޖެއް ފޮނުއްވާފައެވެ. އެމަނިކުފާނު ވަނީ ސަރުކާރުގެ އެއްވެސް ވެރިއަކު، ނުވަތަ އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއް ވެސް ގަވާއިދާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފިނަމަ އެބޭފުޅަކާ މެދު ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.