ޕެންޝަނާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޕެންޝަން އޮފީހާއި ގައުމީ ޔުނިވާސިޓީ، އެމްއެންޔޫއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި މޯލްޑިވްސް ޕެންޝަން އޮފީހުގެ ފަރާތުން ސޮއި ކުރެއްވީ އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސާ ސުޖާތާ ޙަލީމްއެވެ.
އެމްއެންޔޫއިން ބުނީ މި އެއްބަސްވުމަކީ އެކުގައި ދިރާސާތައް ކުރުމަށާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދޭ އަދި ގިނަ ދާއިރާތަކަކުން އެއްބާރުލުން ދިނުމަށް މަގުފަހިކޮށްދޭ މުހިންމު އެއްބަސްވުމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގުމަށް ނިންމާފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި:
- އެކުގައި ދިރާސާ މަޝްރޫޢުތައް ތަރައްގީކޮށް ހިންގުން
- ދިރާސާތަކަށް ފަސޭހަވާނެހެން މަޢުލޫމާތާއި ތަފާސްހިސާބު ބަދަލުކުރުމާއި ލިބޭނެ މަގު ތަނަވަސްކުރުމުގައި އެއްބާރުލުން ދިނުން
- ދެފަރާތުގެ މަސްލަހަތު އެކުލެވޭ ދާއިރާތަކުގައި އެހެނިހެން ޙަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުން.
މި އެއްބަސްވުމުގެ ދަށުން ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ޕެންޝަނާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
އެމްއެންޔޫއިން ވަނީ މިއީ ވަރަށް އުންމީދީ އެއްބަސްވުމެއް ކަމަށް ބުނެފައެވެ.