ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރި ފަހުން، މިހާތަނަށް ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ވޭޕް އެތެރެކުރުން މިދިޔަ މަހުގެ 15ގައި މަނާކޮށް، އޭގެ ވިޔަފާރި ކުރުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މި މަހުގެ 15އިން ފަށައިގެން ވަނީ މަނާކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އިއްޔެގެ ނިޔަލަށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާ ޚިލާފުވި ހަތަރު ފަރާތެއް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އެއީ 20،000 ރުފިޔާގެ ޖޫރިމަނާއެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ޖޫރިމަނާ ކޮށްފައި ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައިވާ ގޮތުގެ މަތިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ވޭޕުކުރުމާއި، އެ ވިއްކުމާއި، އޭގެ އެއްވެސް މުއާމަލާތެއް ކުރުމުން ޖޫރިމަނާ ކުރާނެ އަަދަދުތަކުގެ ތެރޭގައި:
- ވޭޕް ބޭނުންކޮށްފިނަމަ: 5000 ރ. ޖޫރިމަނާ
- ވޭޕް ވިއްކާ ކޮންމެ މީހަކު: 20،000 ރ. ޖޫރިމަނާ
- ވިއްކާ ކޮންމެ ވޭޕަކަށް: 10،000 ރ. ޖޫރިމަނާ
- ހިލޭ ވެސް ވޭޕެއް ދީފިނަމަ: 10،000 ރ. ޖޫރިމަނާ
އެ ގާނޫނާ ޚިލާފުވާ މީހުން ޖޫރިމަނާކުރާއިރު އެ މީހެއްގެ ފޯނަށް ފޮނުވާ މެސެޖެއްގެ ޒަރިއްޔާއިން އެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ޓަކައި ސަރުކާރުން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ ދަށުން، މި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ސިނގިރޭޓްގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓު ފޮއްޓެއްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެއާއެކު ސިނގިރޭޓު ވިކޭ މިންވަރު ވެސް މަދުވެފައިވާ ކަމަށް ބައެއް ވިޔަފާރިތަކުން ބުނެއެވެ.
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް ތަޖުރިބާކާރުންގެ އިރުޝާދާއި އެހީތެރިކަން ކޮންމެ ވަގުތަކު ވެސް ފޯރުކޮށްދޭނެ ހޮޓްލައިނެއް ތައާރަފުކޮށްފައިވެއެވެ.
އެ ޚިދުމަތް ހޯދުމަށް ގުޅާނެ ނަމްބަރަކީ 1676 އެވެ.
ރައީސް އޮފީހުން ވަނީ، މި ސިޔާސަތުތަކަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އަމާޒުކޮށްގެން ސަރުކާރުން ތަންފީޒު ކުރާ ސިޔާސަތުތަކެއް ކަމަށް ބުނެފައެވެ.