ޓިކްޓޮކް މަނާކުރުން ފަސްކޮށްދިނުމަށް އެމެރިކާގެ ސުޕްރީމް ކޯޓުގައި އެދިއްޖެ

ދުނިޔޭގެ އެންމެ މަޤުބޫލު ވީޑިއޯ ޝެއަރިން އެޕް ޓިކްޓޮކް ---

ޓިކްޓޮކް މަނާކުރުން ފަސްކޮށްދިނުމަށް އެދި އެމެރިކާގެ ސުޕްރީމް ކޯޓުގައި އެ އެޕްލިކޭޝަންގެ ބެލެނިވެރި ކުންފުނިން އެދިއްޖެއެވެ.

އެމެރިކާގައި ޓިކްޓޮކް އެޕްލިކޭޝަން މަނާކުރުމަށް ހެދިފައިވާ ޤާނޫނު ތަންފީޒުކުރުން ވަގުތީގޮތުން ހުއްޓުވައިދިނުމަށް އެދި ހުށަހަޅައިފައިވާއިރު، މިހާރު ހަމަޖެހިފައިވާ ގޮތުން މި ޤާނޫނު ތަންފީޒުކުރަން ފަށާނީ 19 ޖަނަވަރީ 2025 ގައެވެ.

ޓިކްޓޮކުން އެކްސް (ކުރީގެ ޓްވިޓާ) ގައި ޕޯސްޓެއް ކުރަމުން ބުނެފައިވަނީ ސުޕްރީމް ކޯޓުން އަބަދުވެސް އެމެރިކާގެ ރައްޔިތުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓަމުން އައިސްފައިވާކަމަށެވެ. މިފަދަ މައްސަލަތަކުގައި އެންމެ ހަރުކަށި ސްކްރޫޓިނީ ބޭނުންކޮށް، މި ޤާނޫނަކީ ފުރަތަމަ އިސްލާހާ ޚިލާފު ޤާނޫނެއްކަމަށް ކަނޑައަޅައިދިނުމަށްއެދޭ ކަމަށް ބުނެފައި ވެއެވެ.

މި ޤާނޫނަކީ ޤާނޫނު އަސާސީއާ ޚިލާފު ޤާނޫނެއްކަމަށް ބުނެ ޓިކްޓޮކުން ކުރިން ކުރި ދަޢުވާ ކޯޓުން ބަލައިނުގަތުމާ ގުޅިގެން، އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް "ޓިކްޓޮކް ސަލާމަތްކުރާނެ" ކަމަށް ބުނެފައިވާތީ، ޤާނޫނު ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދުނު ނަމަވެސް، އެ އެދުން ވެސް ކޯޓުން ބަލައިނުގަތެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި ލިޔުމުގައި ޓިކްޓޮކުން ބުނެފައިވަނީ ޓިކްޓޮކް މަނާކުރުމުގެ ޤާނޫނު ތަންފީޒުކުރަން ފެށުމަށްފަހު ގަޑިއިރުތަކެއް، ދުވަސްތަކެއް ނުވަތަ ހަފުތާތަކެއްގެ ތެރޭގައި އައު އިދާރާއިން އެކަން ހުއްޓުވުމަކީ އާންމުންނަށް ނުވަތަ ކޯޓުތަކަށް ވެސް ފައިދާހުރި ކަމަކަށް ނުވާނެ ކަމަށެވެ.

ޓްރަމްޕްގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޓިކްޓޮކް މަނާކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އަނެއް ދުވަހުއެވެ.

ޓިކްޓޮކްއިން މިހާރު އުއްމީދުކުރަނީ ސުޕްރީމް ކޯޓު މެދުވެރިވެ، އެ ކުންފުންޏަށް އެންމެ ފަހުގެ ޤާނޫނީ އިސްތިއުނާފު ހުށަހެޅުމަށް ވަގުތު ދިނުމަށްޓަކައި މި ޤާނޫނު ވަގުތީގޮތުން ހުއްޓުވައިދޭނެ ކަމަށެވެ. އެހެންނޫންނަމަ، އެޕް ސްޓޯތަކާއި އިންޓަނެޓް ޚިދުމަތްދޭ ފަރާތްތަކުން އަންނަ މަހު ޓިކްޓޮކް ބްލޮކްކުރަން ފަށަން ޖެހޭނެއެވެ.

މިގޮތަށް ބްލޮކްކުރުމުން އެމެރިކާގެ 170 މިލިއަން ޔޫޒަރުންނަށް މި އެޕް ބޭނުންނުކުރެވޭ ގޮތް ވާނެއެވެ.

comment ކޮމެންޓް