އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލި މައްސަލަގެ އިސްތިއުނާފު ބަލައި ނުގަތުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ތާއީދުކުރުމުން ދައުލަތުން ސުޕްރީމް ކޯޓަށް ދާން ނިންމައިފިއެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ލަމްހާ ތިން މަހަށް ބަންދުން ދޫކޮށްލީ ޝަރުތުތަކަކާއެކު މިދިޔަ މަހުގެ 12ވަނަ ދުވަހުގައެވެ. އޭނާ ދޫކޮށްލީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ ދައުލަތުން ދެކޮޅު ހަދާފައި ވަނިކޮށެވެ.
އެއާއެކު ލަމްހާ ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުގެ ރަޖިސްޓަރާ ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމާ މެދު އިސްތިއުނާފީ ކޯޓުން ވަންނަން ޖެހޭ ހާލަތެއް އެ މައްސަލާގައި ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް މިދިޔަ މަހުގެ 21ގައި ނިންމާފައެވެ. އަދި އެ ނިންމުން ރިވިއުކުރުމަށް ފަނޑިޔާރުންގެ ބެންޗަށް ވަނީ ހުށަހަޅާފައެވެ.
https://sun.mv/200259
ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވެސް ނިންމީ ރެޖިސްޓްރާގެ ނިންމުމާ އެއްގޮތަށް ލަމްހާ ބަންދުން ދޫކޮށްލި މައްސަލަގެ އިސްތިއުނާފު ބަލައި ނުގަތުމަށެވެ.
ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ، ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
އޭގެ ތެރެއިން ފަނޑިޔާރު ނިޔާޒްގެ ރައުޔު ތަފާތެވެ. އޭނާގެ ރައުޔުގައި ވަނީ ޝަރީއަތް ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން ކަމަށްވެފައި، ޝަރީއަތް ލަސްވާ އެތައް ސަބަބުތަކެއް ހިމެނޭއިރު، އެކަންކަމަށް ފަރުވާއެއް ދިނުމުގެ ބަދަލުގައި ބަންދުގައި ހުންނަ މީހެއް ދޫކޮށްލުމަކީ ކުރެވޭނެ ކަމެއްތޯ ކޯޓުން ބަލަންޖެހޭ ކަމަށެވެ. އެހެންކަމުން ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވެއެވެ.
ނަމަވެސް ފަނޑިޔާރު ފައިސަލާއި ސަލީމް ވަނީ ރަޖިސްޓްރާގެ ނިންމުމަށް ތާއީދުކުރައްވާފައެވެ.