ގުރައިދޫން 4 މަހުގެ ކުއްޖެއްގެ މަރު، ޝައްކުތަކެއް ހުރުމުން އޮޓޮޕްސީ ހަދަން ރާއްޖެއިން ބޭރަށް

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. ގުރައިދޫގައި ރޭ ދަންވަރު ނިޔާވި އުމުރުން އެންމެ ހަތަރު މަހުގެ ތުއްތު ކުއްޖެއްގެ މަރުގައި ޝައްކުކުުރެވޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ގުރައިދޫ ކައުންސިލް މެމްބަރު އިބްރާހިމް ޝަލީޒް "ސަން"އަށް ވިދާޅުވީ ތުއްތު ކުއްޖެއް ރޭ ރަށުގައި ނިޔާވި ކަމަށެވެ. އެ ކުއްޖާ ޚަބަރު ހުސްވެފައި އޮތުމުން ސިއްހީ މަރުކަޒަށް ގެންދިޔައީ ރޭ ދަންވަރު 12:30 ހާއިރު ކަމަށާއި، ސިއްހީ މަރުކަޒަށް ގެނައިއިރު ވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ޑޮކްޓަރުން ބުނި ކަމަށް، ޝަލީޒް ވިދާޅުވިއެވެ.

ޝަލީޒް އިތުރަށް ވިދާޅުވި ގޮތުގައި ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ނަމަވެސް ބޭރުފުށުން އެއްވެސް އަނިޔާއެއް އެ ކުއްޖާއަށް ލިބިފައިވާ ތަން ފެންނަން ނެތްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެއަށްފަހު ދެން މަސައްކަތްކުރީ ކަށުކަމާކެމީގެ ކަންކަމުގައި ކުރިއަށް ދިއުމަށް ކަމަށާއި، ނަމަވެސް އެ ކަން ކުރިއަށް ދަނިކޮށް ކުއްޖާގެ ހަށިގަނޑު މާލެ ގެންދަން ޖެހޭކަމަށް ފުލުހުން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ ރޭ ދަންވަރު 3:00 ހާއިރު އެ ކުއްޖާގެ ހަށިގަނޑު މާލެ ގެންދިޔައީ ކަމަށް ވެސް ކައުންސިލުގެ ފަރާތުން މައުލޫމާތު ދެއްވަމުން ޝަލީޒް ވިދާޅުވިއެވެ. މާލެ ގެނެސް، ޓެސްޓުތަކެއް ހެދުމަށްފަހު މިހާރު ހަށިގަނޑު އޮތީ މޯޗަރީގައިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަލީޒް އިތުރަށް ވިދާޅުވި ގޮތުގައި އެ ކުއްޖާގެ އާއިލާއާ މެދު ވެސް ޝައްކުކުރެވޭ ކަމެއް ނެތެވެ. އެއާއެކު އާއިލާ ވެސް މި ވަގުތު ތިބީ ކަންބޮޑުވުމެއްގައިކަން ފާހަގަކުރެއްވިއެވެ.

މި މައްސަަލައާ ގުޅިގެން ފުލުހުންގެ ބުނީ އެ މައްސަަލަ މިއަދު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، ކުއްޖާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ރާއްޖެއިން ބޭރަށް ފޮނުވަން ނިންމައިފައިވާ ކަމަށެވެ.

އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް