މަޖިލީހުން ހުރިހާ ކަމެއް ފާސްކޮށްދިނީ ރައްޔިތުންނަށް ލިބޭ ފައިދާއަކަށް ބެލުމެއްނެތި: އެމްޑީޕީ

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު: އޭނާ ވިދާލުވީ ރައްޔިތުންނަށް ފައިދާ ކުރޭތޯ ބަލާލުމެއްނެތި މަޖިލީހުން ހުރިހާކަމެއް ފާސްކޮށްދީފި ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ރައްޔިތުންނަށް ފައިދާ ކުރޭތޯ ބެލުމެއްނެތި، ސަރުކާރުން ބޭނުންވާ ގޮތަކަށް ރައްޔިތުންގެ މަޖިލީހުން ހުރިހާކަމެއް ފާސްކޮށްފި ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު މިއަދު ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމައި މަޖިލީސް ޗުއްޓީއަށް ދިއުމާ ގުޅިގެން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މައުރޫފް ވިދާޅުވީ ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއް، ސަރުކާރުން ހުށަހެޅި ގޮތަށް، އެއީ ގާނޫނާ ޚިލާފަށް ކުރާ ކަމެއްތޯވެސް ބެލުމެއްނެތި މަޖިލީހުން ފާސްކޮށްދީފައި ވާކަމަށެވެ.

ސަރުކާރަކަށް ބޭނުންވާ ހުރިހާކަމެއް، ސަރުކާރުން ހުށަހެށި ގޮތަކަށް، އެއީ ގާނޫނާ އެއްގޮތަށްތޯ ގާނޫނާ ޚިލާފަށްތޯ ބަލާލުމެއްނެތި ވިޔަފާރިއަށް ފަރިތަތޯ ދިވެހި ރައްޔިތުންނަށް ފައިދާ ކުރޭތޯ ނޫންތޯ ބަލާުމެއްނެތި މަޖިލީހުން ހުރިހާ ކަމެއް ފާސްކޮށްދީފި ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރް

މައުރޫފް ވިދާޅުވީ މަޖިލީހުން ކަންކަން ފާސްކުރި ނަމަވެސް ރައްޔިތުން ބުނަމުން ދަނީ ރައްޔިތުން ހާލުގައި ތިބި ވާހަކައާއި ވިޔަފާރިތައް އިނދަޖެހި ފުނޑެމުންދާ ވާހަކަ ކަމަށެވެ.

ސަރުކާރުން އަދިވެސް ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލަމުން ދާކަމަށާއި ނަމަވެސް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރަމުންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

މައުރޫފް ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގެ ފަރާތުން އަގީގާ ކަތިލުމަށް ރައްޔިތުންގެ އަތުން ފައިސާ ނަގައި އެ ފައިސާ ބޭނުންކުރުމުން ވަރަށް ގިނަ ރައްޔިތުންގެ ފަރާތުން އެ ޝަކުވާ އައިސްފައި ވާކަމަށެވެ.

މީގެ އިތުރުން މެންބަރުން އިންތިޚާބުވި ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް އެމްޑީޕީން ބޭއްވި ހަރަކާތާާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ މީހުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ގެއްލުމުގެ ބަދަލުގައި ބައެއް ފަރާތްތަކަށް ބަދަލުދިން ގޮތުން, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލަން އެންގީ ވެސް އެކަމުގެ ޖަޒުބާތުގައި ޖެހިގެން ކަމަށް މައުރޫފް ތުހުމަތު ކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވަނީ އެ ޕާޓީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯތިތަކާއި ފްލެޓްތައް މި ސަރުކާރުން ދީފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެންމެފަހުން ފެނިގެން މިދައީ އެކަމާ ގުޅުންހުރި ވުޒާރާގައި އަލިފާން ރޯވި މަންޒަރު ކަމަށާއި ދެން މިކަމާ ގުޅިގެން އަޑު އިވޭނީ ކޮންކަހަލަ ވާހަކައެއް ކަން ސާފުނުވާކަމަށެވެ.

ވަރަށް ކަންބޮޑުވޭ. އެތައް ހާސް މީހެއްގެ ހައްގުތަކަކަށް އަރައިގެންގެން މި އުޅެނީ. އެއީ އަޅުގަނޑުމެން ފާހަގަކުރާ ވަރަށް ބޮޑު ކަމެއް ހަގީގަތުގައި

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

ނާޒިލްވަނީ މާލޭގެ ރައްޔިތުންގެ ހައްގުތައް ސަރުކާރުން ހިފަހައްޓާފައި އޮތުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަން ފާހަގަ ކުރައްވާފައެވެ.

comment ކޮމެންޓް