ސޯޝަލް މީޑިއާގައި ރައްޔިތުން ހިއްސާކުރަމުންދާ ޝުއޫރުތަކުން، މި ސަރުކާރުގެ ފުރަތަމަ އަހަރުން އެކަނި ވެސް ރައްޔިތުން ދިނީ "ޔޫ" ރިޕޯޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ އެސްއެސް ޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ދީދީ ވިދާޅުވީ މި ސަރުކާރާ ދެތެރޭ ރައްޔިތުން ދެކޭގޮތް ވަރަށް ބޮޑަށް ހާމަވެފައިވާ ކަމަށެވެ.
ރައްޔިތުން މީޑިއާގެ ތެރޭގައި ހާމަކުރަމުންދާ ޝުއޫރުތަކުން ގިނަ މީހުން ދީފައިވަނީ "ޔޫ" ރިޕޯޓެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މި ސަރުކާރު ވުޖޫދަށް އައީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން، ވަރަށް ގިނަ ބައެއްގެ އުންމީދާއި އިތުބާރާ ވެސް އެކު ކަމަށެވެ. ނަމަވެސް އަހަރެއް ފާއިތުވެގެން ދިޔައިރު ވައުދުތައް ނުފުއްދުމަކީ މިފަދަ ރިޕޯޓެއް ރައްޔިތުން ދޭންޖެހުނު ސަބަބުކަމަށް އޭނާ ވަނީ ސިފަކުރައްވައިފައެވެ.
އަނެންހެން ދަންނަވަންޏާ އެއްވެސް ވައުދެއް ފުއްދިފައެއް ނުވޭ. ހަމަ ވައުދު ފުއްދާ ރައްޔިތުންނަށް ތަނަވަސްކަން ގެނެސްދޭނެ ކަމަށް ވިދާޅުވަމުން ގެންދެވި ގިނަ ކަންތައްތައް ވަނީ އޭގެ ދިމާ އިދިކޮޅަށް ގޮސްފައިރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ދީދީ
އޭނާ ވިދާޅުވީ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މި ސަރުކާރަކީ ވަރަށް ބޮޑަށް ފެއިލްވެފައިވާ ސަރުކާރެއް ކަމަށެވެ. ޑިމޮކްރަސީ ރާއްޖެ އައިސް ޕާޓީ ސިސްޓަމްގެ ތެރެއިން ރައްޔިތުން ވެރިއަކު ހޮވާ ގެންނަން ފެށި ހިސާބުން ފެށިގެން، އެއް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން އެ ސަރުކާރެއް ދެކެ އެންމެ ފޫހިވި ސަރުކާރެއްގެ ގޮތުގައި ވަރަށް ގިނަ ރައްޔިތުން ރައްޔިތުން ދެކޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"ޚާއްސަކޮށް ވަރަށް ގިނަ ރައްޔިތުން ސޯޝަލް މީޑިއާގައި ޕޯލްތައް ވެސް އެބަ ނަގާ. ނަގާއިރު ވެސް ހަމަ ވަރަށް ބޮޑުތަނުން ފެންނަނީ ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭގައި މި ސަރުކާރާ ދޭތެރޭގަ ރައްޔިތުން ދެކޭ ގޮތް މީނީ ވަރަށް ބޮޑަށް ނެގެޓިވްކޮށް،" ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ދީދީ
އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވެސް އަދި މި ސަރުކާާރުން ވެސް، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށްވި ވައުދާ އެއްގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރުމަށް ވިސްނަންޖެހޭ ކަމަށެވެ.
އަދި ބާކީ އޮތް ތިން އަހަރާއި މަދު ދުވަސްކޮޅުގައި ވެސް ރައްޔިތުންގެ ތާއީދާއި ތަރުހީބު ލިބޭނެ ގޮތަށް ސަރުކާރު ހިންގޭނީ ވައުދުވި ގޮތަށް ވައުދު ފުއްދައިގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.