ބަޑިޖެހުމާއެކު އެމްއެންޑީއެފުގެ އަސްކަރީ ތަމްރީނުތަކެއް ހުޅުމާލެ ކައިރި ކަނޑުމަތީ ބާއްވަނީ

އެމްއެންޑީއެފްގެ އުޅަނދެއް -- ފޮޓޯ/ އެމްއެންޑީއެފް

ގައުމީ ދިފާއީ ބާރުން ކުރިއަށްގެންދާ ކަނޑުމާތީގެ ޚާއްސަ ތަމްރީނުތަކެއް ހުޅުމާލެ ކައިރި ކަނޑުމަތީގައި މި މަހު އޮންނާނެ ކަމަށް ސިފައިން މިއަދު ބުނެފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފް އިން ބުނީ އެމްއެންޑީއެފުން ކުރިއަށްގެންދާ ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް މި ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ތަމްރީން އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 06:00 އިން އިރުއޮއްސި 18:00 އަށް ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރު ކަނޑުމަތީ ސަރަހައްދުގައެވެ.

މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުން 5000 މީޓަރު ދުރުމިނަށް ކަމަށައި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރު ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ދޭތެރެއަކުން މިފަދަ އަސްކަރީ ތަމްރީންތައް ފަޅު ރަށްރަށާއި، ކަނޑުމަތީގައި ވެސް ހިންގައެވެ. މީގެ ކުރިން މިފަދަ ތަމްރީނުތަކުގައި ބަޑިޖެހުން ކުރިއަށް ގެންދިޔައިރު މީހުން ދިރިއުޅޭ ބައެއް ތަންތަނަށް ވެސް ވަޒަން އަރައިފައި އެބަހުއްޓެވެ.

comment ކޮމެންޓް