ގިރިފުށީގައި 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕު ފަށައިފި

ގިރިފުށީ ޓްރެއިނިން ސެންޓަރުގައި 24 ވަނަ ގައުމީ ކެޑޭޓް ފަށައިފި ---- ފޮޓޯ/ އެމްއެންޑީއެފް

ގިރިފުށީ ޓްރެއިނިން ސެންޓަރުގައި 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕު މިއަދު ފަށައިފިއެވެ.

މި ކޭމްޕް އިފުތިތާހު ކުުރީ މިއަދު ހެނދުނު ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެެ ކޮމާންޑިން އޮފިސަރު އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ)ގެ ކޮމާންޑިން އޮފިސަރު ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހީމެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް މި ކޭމްޕު ކުރިއަށްދާއިރު، މި ކޭމްޕުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 44 ސްކޫލަކުން 120 ކެޑޭޓުން ބައިވެރިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އޭގެތެރޭގައި، 66 ފިރިހެން އަދި 54 އަންހެން ކެޑޭޓުން ހިމެނެއެވެ.

ގިރިފުށީ ޓްރެއިނިން ސެންޓަރުގައި 24 ވަނަ ގައުމީ ކެޑޭޓް ކޭމްޕު ފެށުމަށް ބޭއްވި ރަސްމިއްޔާތު ---- ފޮޓޯ/ އެމްއެންޑީއެފް

ކެޑޭޓް ކޭމްޕުގެ މަގުސަދަކީ ކޭމްޕުގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ މުޖުތަމަޢަށް ފައިދާހުރި، ދިމާވާ އެކިއެކި ޙާދިސާތަކުގައި ރޭވުންތެރިކަމާ އެއްކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ޒިންމާދާރު ބަޔަކަށް ހެދުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހަމައެއާއެކު ކޭމްޕުގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ، އަޚުލާގު ހުރި ބައެއްގެ ގޮތުގައި ބިނާކުރުމަކީ ވެސް މަގްސަދެއް ކަމަށް ބުންޏެވެ.

މީގެ އިތުރުން ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙް އާލާކޮށް ދިރުވުމާއި، ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފުސު ތަރުބިޔަތުކޮށް ބައްޓަން ކުރުމުގެ ފުރުޞަތު ޤައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުން ވެސް މަގްސަދުތަކުގެ ތެރޭ ހިމެނޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ކޭމްޕުގައި އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފު ކޮށްދިނުމާއި ޤައުމީ ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ޢާލާކުރުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ގިރިފުށީ ޓްރެއިނިން ސެންޓަރުގައި 24 ވަނަ ގައުމީ ކެޑޭޓް ފަށައިފި ---- ފޮޓޯ/ އެމްއެންޑީއެފް
ކޭމްޕު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބްރިގޭޑިއާ ޖެނެރަލް ޢަބްދުﷲ އިބްރާހިމް ވަނީ ކޮންމެ ކެޑޭޓަކު ވެސް ހިތްވަރާއެކު މަަސައްކަތްކޮށް ކޭމްޕުގައި ކިޔައިދޭ އިލްމާއި ހުނަރު އަމަލީ މައިދާނުގައި ބޭނުން ކުރަން ނަސޭހަތްތެރިވެލައްވައިފައެވެ.

އަދި، ކޮންމެ ކެޑޭޓަކު ވެސް ވާދަވެރި ރޫޙެއްގައި ކޯހުން ވަނަ ހާސިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އޭނާ ވަނީ ހިތްވަރު ދެއްވާފައެވެ.

އެމްއެންޑީއެފުން ބުނީ، މި ކޭމްޕްގައި ކިޔަވައި ދެއްވަނީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މުދައްރިބުން ކަމަށާއި މި ކޭމްޕުގެ ހުރިހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ ދިފާޢީ ބާރުގެ ފަރާތުން ކަމަށެވެ.

މީގެއިތުރުން، ސްކޫލުތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން ތަޢުލީމީ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސާ ފަރާތަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

comment ކޮމެންޓް