ފަހަތުން އަރައި ޝަކްޓާ ސައިޒުކޮށްލާފައި، ބަޔާން 8 ވަނައަށް އަރައިފި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި ޖަރުމަނު ބުންޑެސްލީގާގެ ބަޔާން މިޔުނިކުން ޔޫކްރޭނިއަން ޕްރިމިއާ ލިގުގެ ޝަކްޓާ ޑޮނެސްކް ސައިޒްކޮށްފިއެވެ.

ޖަރުމަނުވިލާތުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 5-1 އިންނެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ކެވިންވަނީ ޝާކްޓާއަށް މެޗުގެ ލީޑު ނަގައިދީފައެވެ. ނަމަވެސް، ޝަކްޓާއަށް މި ލީޑު ދެމެހެއްޓޭވަރުވީ ހަ މިނެޓުވަންދެނެވެ. މިގޮތުން، 11 ވަނަ މިނެޓުގައި ކޮންރަޑް ލެއިމާ ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގައި ބަޔާނަށް ލީޑު ނަގައިދިނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ތޯމަސް މުލާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ މައިކަލް އޮލިސޭއެވެ. މެޗު ނިމުމުގެ ތިން މިނެޓް ކުރިން ޖަމާލް މުސިއެލާ ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށް ބަޔާންގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ބަޔާންގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން އޮލިސޭއެވެ.

މި ކާމިޔާބީއާ އެކު ބަޔާން މިހާރުވަނީ 12 ޕޮއިންޓާ އެކު އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. ޝަކްޓާ އޮތީ ހަތަރު ޕޮއިންޓާ އެކު 27 ވަނައިގައެވެ.

މުބާރާތުގައި ބެލްޖިއަމް ޕްރޯ ލީގުގެ ކްލަބް ބްރޫޖާއި ލީގާ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ބްރޫޖެވެ. މެޗުގެ ފުރަތަމަ ލަނޑު ތިންވަނަ މިނެޓުގައި ސްޕޯޓިންގެ ގެނީ މަޓަމޯ ޖަހައި ލީޑު ނަގައިދިން ނަމަވެސް، ބްރޫޖުން ޖެހި ދެ ލަނޑާ އެކު މި މެޗު ކާމިޔާބުކުރިއެވެ. ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑަކީ ސްޕޯޓިންގެ އެޑުއާޑޯ ކަރެސްމާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެސްޕާ ނީލްސެންއެވެ.

މި ނަތީޖާއާ އެކު ބްރޫޖް މިހާރުވަނީ 10 ޕޮއިންޓާ އެކު 14 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ސްޕޯޓިން އޮތީ 10 ޕޮއިންޓާ އެކު 12 ވަނައިގައެވެ.

comment ކޮމެންޓް