ޔުއޭފާ ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން ސްޕެނިޝް ލަލީގާގެ ޖިރޯނާ ބަލިކޮށް، މުބާރާތުގެ ފަހު 16 އާ ގާތަށް ޖެހިލައިފިއެވެ.
ޖިރޯނާގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، 63 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. މިއީ އޭނާ ޗެމްޕިއަންސް ލިގުގައި ކާމިޔާބުކުރި 46 ވަނަ ލަނޑެވެ.
މެޗުން ލިވަޕޫލް މޮޅުވިއިރު އެ ޓީމަށް ލިބުނު އިތުރު ހިތްހަމަޖެހުމަކީ އަނިޔާއިން އެނބުރި އައިސް އެ ޓީމުގެ އެއް ނަންބަރު ކީޕަރު އެލިސަން ބެކާ މި މެޗުގައި ކުޅެ ބައިކޮޅަށް ލަނޑެއް ވަނަ ނުދީ މެޗު ނިންމާލުމެވެ.
މި ކާމިޔާބީއާ އެކު ލިވަޕޫލުން މިވަނީ މި ސީޒަންގެ ޗެމްޕިއަންސް ލިގުގައި މިހާތަނަށް ކުޅުނު ހަ މެޗު ވެސް ކާމިޔާބުކޮށްފައެވެ. އެ ޓީމު އޮތީ 18 ޕޮއިންޓާ އެކު އެއްވަނައިގައެވެ. މި ހަފުތާގައި މި ލީގުގައި ދެން ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން ލިވަޕޫލަށް ގަދަ އަށެއްގައި ހިމެނިގެން ސީދާ ފަހު 16 ޓީމުގެ ތެރެއިން ޖާގަހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މެޗުން ބަލިވުމުން ޖިރޯނާ އޮތީ ތިން ޕޮއިންޓާ އެކު 30 ވަނައިގައެވެ.
މުބާރާތުގައި ފްރެންޗް ލީގު އާންގެ ޕެރިސް ސެއިންޓް ޖާމެއިންއާއި އޮސްޓްރިއަން ބުންޑެސްލީގާގެ ރެޑް ބުލް ސާލްޒްބާގް ބައްދަލުކުރި މެޗު ރަށުން ބޭރުގައި 3-0 އިން ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީންނެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބުކުރި ތިން ލަނޑު ކާމިޔާބުކޮށްދިނީ ގޮންކާލޯ ރާމޯސް، ނޫނޯ މެންޑެޒް އަދި ޑިސާރޭ ޑޮއުއެވެ.
މި ކާމިޔާބީއާ އެކު ޕީއެސްޖީން މިވަނީ މި ފަހަރުގެ މުބާރާތުގައި ދެވަނަ މެޗު ކާމިޔާބުކޮށް ހަތް ޕޮއިންޓާ އެކު 24 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ސާލްޒްބާގް އޮތީ ތިން ޕޮއިންޓާ އެކު 32 ވަނައިގައެވެ.