ފޯނަށް އަންނަ އިންޓަނޭޝަނަލް ކޯލެއްގެ ނަމްބަރު ހިއްސާކުރުމުން ވައިބާ އެކައުންޓް ހެކްކުރެވޭ އުކުޅެއް ސްކޭމަރުން ބޭނުންކުރަމުން އަންނަ ކަމަށާއި އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒް ކުރުމަށް ހީލަތްތެރިން އައު އުކުޅެއް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައި ވާކަމަށް ބުނެފައެވެ. އެކަން ފާހަގަކުރެވިފައިވަނީ ފުލުހުންނަށް ހުށަހަޅަމުންދާ މައްސަލަތަކުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އައު އުކުޅުގައި ސްކޭމަރުން މީހަކަށް ގުޅައި އެ މީހަކު ބޭނުންކުރާ ނަންބަރަކީ ކުރިން ބޭނުންކުރި ނަންބަރެއް ކަމަށް ބުނާކަމަށެވެ. އަދި ސްކޭމަރުގެ އެކައުންޓެއް ރިކަވާ ކުރުމަށް ކަމަށް ބުނެ އެ މީހާގެ ނަންބަރަށް ލިބޭ އޯޓީޕީ ކޯޑެއް ހިއްސާކުރުމަށް އެދޭ ކަމަށާއި އެ ކޯޑު ހިއްސާ ނުކުރުމުން ދެން އެދެނީ އެ މީހެއްގެ ނަމްބަރަށް ގުޅާ އިންޓަނޭޝަނަލް ކޯލެއްގެ ނަމްބަރު ހިއްސާކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ނަމްބަރު ހިއްސާކުރުމުން އެ ނަމްބަރު ބޭނުންކޮށްގެން ސްކޭމަރުން ވިކްޓިމްގެ ވައިބާ އެކައުންޓް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް، މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުވެ ނުދަންނަ މީހަކާ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ސްކޭމަރުން ފޯނު ހެކްކުރުމަށާއި ފައިސާ ހޯދުމަށް އެންމެ އާންމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި އޮޓީޕީ ނަމްބަރެއް ބޭނުންކުރުމާއި އީމެއިލް ހެކް ކުރެވޭނެ ޒާތީ މައުލޫމާތުތައް ހޯދުން ހިމެނެއެވެ.
އެފަދަ މައުލޫމާތު ބޭނުންކޮށްގެން ސްކޭމަރުން މީގެ ކުރިން ގިނަ އަދަދެއްގެ ފައިސާ ހޯދައިފައިވާ މައްސަލަތައް ފުލުހުން ބަލަމުންގެންދެއެވެ.